ކޮވިޑް ޖެހިގެން ސޫދާންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވެއްޖެ

ސޫދާނުގެ ކުރީގެ ބޮޑުވަޒީރު ސާދިގު އަލް މަހުދީ މިއަދު އަވަހާރަވެފައިވާ ކަމަށް އޭނާގެ އާއިލާއިން ބުނޭ -- ފޮޓޯ: ރޮއިޓާސް

ޚަރުތޫމް (ނޮވެމްބަރު 26): ކޮވިޑް-19 ޖެހިގެން ސޫދާނުގެ ކުރީގެ ބޮޑުވަޒީރު ސާދިގު އަލް މަހުދީ މިއަދު އަވަހާރަވެއްޖެ އެވެ.

އުމުރުން 94 އަހަރުގެ މަހުދީގެ އާއިލާއިން ނެރުނު ބަޔާނެއްގައިވާ ގޮތުން އޭނާ އަވާހަރަވީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ހޮސްޕިޓަލަކުން ކޮވިޑަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ތިން ހަފްތާވީ ފަހުންނެވެ.

އަލް މަހުދީ ކޮރޯނާވައިރަހަށް ޕޮޒިޓިވްވިކަން އޭނާގެ އާއިލާއިން ހާމަ ކުރީ މިދިޔަ މަހުގަ އެވެ. އަދި އޭނާ ޔޫއޭއީއަށް ގެންދިޔައީ ކުޑަ ދުވަސްކޮޅެއް ވަންދެން ސޫދާނުގައި ފަރުވާ ދިނުމަށް ފަހު އެވެ.

އަލް މަހުދީގެ ނެޝަނަލް އުއްމަތް ޕާޓީ (އެންޔޫޕީ)އިން ބުނި ގޮތުގައި އޭނާ ފަސްދާނުލާނީ ސޫދާންގަ އެވެ.

އަލް މަހުދީ ސޫދާންގެ ބޮޑުވަޒީރުކަން ފުރަތަމަ 1966 އިން 1967 އަށް އަދި ފަހުން 1986އިން 1989އަށް ކުރެއްވި އެވެ. އޭނާއަކީ އެގައުމުގައި ޑިމޮކްރަސީގެ އުސޫލުތަކުގެ ދަށުން ހޮވި އެންމެ ފަހު ބޮޑުވަޒީރެވެ. އަދި އޭނާގެ ވެރިކަން ނިމުމަކަށް ގެނައީ ރައީސް އުމަރު އަލް ބަޝީރު ބަޣާވާތެއް ކުރެއްވުމަށް ފަހުގަ އެވެ.

ރައީސް ބަޝީރުގެ 30 އަހަރުވީ ވެރިކަމުގައި އެންމެ ނުފޫޒު ގަދަ އިދިކޮޅު ފަރާތްތަކުގެ ތެރޭގައި މަހުދީ އާއި އެންޔޫޕީ ހިމެނުނެވެ. އަދި 2018 ވަނަ އަހަރު ސޫދާނުގެ ދިރިއުޅުމުގެ ހާލަތާ މެދު ނުރުހުންވެ، ސަރުކާރާ ދެކޮޅަށް ރައްޔިތުން ފެށި މުޒާހަރާތަކުގައި ހައްޔަރު ކުރި މީހުންގެ ތެރޭގައި އަލް މަހުދީގެ ދަރިކަނބަލުން އަދި އެންޔޫޕީގެ ޑެޕިއުޓީ ލީޑަރު މަރިޔަމް ސާދިގު އަލް މަހުދީ ހިމެނުނެވެ.

އެ މުޒާހަރާތަކާ ގުޅިގެން ބަޝީރު ވަނީ މިދިޔަ އަހަރުގެ އޭޕްރިލް މަހު ވެރިކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެއަށް ފަހު ވެރިކަމާ ހަވާލުވީ އެ މުޒާހަރާތަކުގެ ތެރޭ އުފެދުނު އިދިކޮޅު ސިޔާސީ ކޯލިޝަން، ފޯސެސް އޮފް ފްރީޑަމް އެންޑް ޗޭންޖް (އެފްއެފްސީ) އާއި ގައުމުގެ އަސްކަރިއްޔާއިންނެވެ.

comment ކޮމެންޓް