ސިފައިންގެ މުއައްސަސާ ކުރިއަރާނީ މިންތީގެ ހަމަހަމަކަން އޮވެގެން: މިނިސްޓަރު މާރިޔާ

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ-- ފޮޓޯ/އެމްއެންޑީއެފް

ސިފައިންގެ މުއައްސަސާ ކުރިއެރުވުމަށް ޓަކައި މުއައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރުން ވަރަށް މުހިންމު ކަމަށާއި އެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްގެންދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ދަރިވަރުންނަށް ބަޑި ހަވާލުކުރުމާއި ހުވާކުރަން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު މާރިޔާ ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިފަހުން ސިފައިންގެ ހިދުމަތާ ގުޅޭ އަންހެނުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.

އެގޮތުން 2016 އާއި 2017 ވަނަ އަހަރު ތަމްރީން ކޯސް ފުރިހަމަކުރި އަންހެން ސިފައިންގެ ނިސްބަތަކީ ފަސް ޕަސެންޓު ކަމަށާއި 2018 ވަނަ އަހަރު އެ އަދަދު ހަތް ޕަސެންޓަށް އަދި 2019 ވަނަ އަހަރު 11 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި އަހަރު އެ ނިސްބަތަކީ 18 ޕަސެންޓެވެ.

"އުންމީދަކީ ކުރިއަށް އޮތް ތަނުގައި އަންހެން ސިފައިންގެ އަދަދު އިތުރުކުރުން. މުޖުތަމައެއް އޭގެ އެންމެ ފުރިހަމަކަމުގައި ކުރިއަރާނީ މިންތީގެ ހަމަހަމަކަން އޮވެގެން ކަމަށް ގަބޫލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުހައްމަދު ސޯލިހު މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރައްވާ މަސައްކަތް އަޅުގަނޑު ފާހަގަކުރަން." މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

"މި މުއައްސަސާ ވެސް ކުރިއަރާނީ ދެ ޖިންސުގެ ހިއްސާ އޮވެގެންކަން ގަބޫލުކޮށް، ރާއްޖޭގެ ދިފާއީ މުއައްސަސާގެ ތެރޭގައި މިންތީގެ ހަމަހަމަކަން ގާއިމުކުރަން އަޅުގަނޑުމެން ކުރަމުންމިދާ މަސައްކަތް މާތްﷲގެ އިރާދަފުޅާއެކު ހުއްޓުމެއްނެތި ކުރިއަށްގެންދާނަން."

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު 97 ސިފައިންނަށް މިނިސްޓަރު މާރިޔާ ވަނީ ތަހުނިޔާ ވިދާޅުވެފަ އެވެ.

comment ކޮމެންޓް