ވޮޝިންޓަން (ނޮވެމްބަރު 26): އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އަށް އިތުރުފުޅު ހެއްދެވި ކަމަށް އިއުތިރާފުވި އެގައުމުގެ ކުރީގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު މައިކަލް ފްލިންއަށް ރައީސް ޑޮނަލްޑް ޓްރަމްޕް މާފު ދެއްވައިފި އެވެ.
ޓުވިޓާ މެދުވެރިކޮށް އިއްޔެ ޓްރަމްޕް ވިދާޅުވި ގޮތުގައި ފްލިންއަށް މާފު ދެއްވުމަކީ އޭނާއަށް ލިބިލައްވާ ވަރަށް ބޮޑު ޝަރަފެކެވެ.
"ޖެނެރަލް މައިކަލް ޓީ ފްލިންއަށް ފުރިހަމަ މާފެއް ދީފައިވާކަން އިއުލާން ކުރުމަކީ އަޅުގަނޑަށް ލިބޭ ވަރަށް ބޮޑު ޝަރަފެއް. ފްލިންއަށާއި އާއިލާއަށް މަރުހަބާ،" ޓްރަމްޕް ވިދާޅުވި އެވެ.
އެމެރިކާގެ އަސްކަރިއްޔާގެ ރިޓަޔާޑް ލެފްޓެނެންޓް ޖެނެރަލްއެއް ކަމަށްވާ ފްލިން ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް އައްޔަން ކުރީ ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިތާ މާ ގިނަ ދުވަސްތަކެއް ނުވެ، 22 ޖެނުއަރީ 2017ގަ އެވެ. ނަމަވެސް އޭނާ އެ މަގާމުގައި ހުންނެވީ އެންމެ 23 ދުވަސް ވަންދެނެވެ.
ފްލިން މަގާމުން ދުރު ކުރީ އޭނާ ގައުމީ ސަލާމަތާ ބެހޭ މުޝީރު ކަމަށް އައްޔަން ކުރުމުގެ ކުރިން، ރަޝިއާގެ ސަފީރާ ބައްދަލު ކުރައްވައި، އެމެރިކާ އިން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވި ކަން ފަޅާ އެރުމުންނެވެ. އަދި އެ މަޝްވަރާތަކާ ބެހޭ ގޮތުން ނައިބު ރައީސް މައިކް ޕެންސްއަށް އޮޅުވާލެއްވިކަން ހާމަވުމުންނެވެ.
އޭގެ ފަހުން، 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ޓްރަމްޕްގެ ކެމްޕެއިނުން ރަޝިއާއާ ގުޅިގެން މަސައްކަތް ކުރިތޯ ބެލުމަށް ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ ކުރިއަށްގެންދިޔަ ތަހުގީގުގަށް އެއްބާރުލުން ދޭން ފްލިން އެއްބަސްވި އެވެ. އަދި އޭނާ ރަޝިއާގެ ސަފީރާ ދެއްކެވި ވާހަކައާ ބެހޭ ގޮތުން މީގެ ކުރިން އެފްބީއައިއަށް އިތުރުފުޅު ހެއްދެވި ކަމަށް ޑިސެމްބަރު 2017ގައި އެއްބަސްވި އެވެ.
ނަމަވެސް ފަހުން ފްލިން ވަނީ އެ އިއުތިރާފު އަނބުރާ ގެންދަވައިފަ އެވެ. އަދި މިދިޔަ އަހަރު އޭނާގެ ވަކީލުންގެ ޓީމަށް ބަދަލު ގެންނަވާ، އޭނާގެ ކުރީގެ ވަކީލުން އޭނާއަށް ރަނގަޅު ގާނޫނީ ލަފާ ނުދޭ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން ފްލިންގެ މައްޗަށް ހުކުމް ކުރުން ދެ ފަހަރެއްގެ މަތިން ފަސް ކުރި އެވެ. އަދި އޭނާއަށް މާފު ލިބިފައި ވަނީ އެ މައްސަލައިގައި ހުކުމެއް ނުކުރަނީސް އެވެ.