ވެރިކަން ދެމެހެއްޓުމުގެ ސިފަ ސިފައިންގެ ކޮންމެހެން ހުންނަން ޖެހޭ: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފައިންގެ ހުވާ އަލަށް ކުރެއްވި ސިފައިންނާ މިއަދު ބައްދަލު ކުރައްވާ ވާހަކަ ދައްކަވަނީ: ސަރުކާރު ދިފާއުކުރުމުގެ ސިފަ ސިފައިންގެ ހުރުން ލާޒިމް ކަމަށް ވިދާޅުވި -- ފޮޓޯ/ ރައީސް އޮފީސް

ދިވެހި ސިފައިންނަކީ ރައްޔިތުން ހޮވާފައި އޮންނަ ވެރިކަމަކަށް ކިޔަމަންތެރިވެ އެ ވެރިކަން ދަމަހައްޓަން އަބަދުވެސް މަސައްކަތް ކުރާ ބަޔަކަށް ވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ސިފައިންނަށް މިއަދު އިލްތިމާސްކުރައްވައިފި އެވެ.

ސިފައިންގެ 66 ވަނަ އަސާސީ ތަމްރީނު ކޯސް ނިމި، އެ ސިފައިންނަށް ބަޑި ހަވާލު ކުރުމަށް ޅ. މާފިލާފުށީގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ސިފައިންގެ މީހެއްގެ ކިބައިގައި ވެސް ތިން ސިފައެއް ހުރުން ކޮންމެހެން ލާޒިމް ކަމަށެވެ. އެގޮތުން ރައީސް ވިދާޅުވީ އިސްލާމީ އަގީދާގެ މަތީގައި ސާބިތުވެ ހުރުމާއި ކޮންމެ ހާލެއްގައި ވެސް އަމިއްލަ ނަފްސަށް ވުރެ ގައުމީ ހިދުމަތް އިސްކުރާ މީހަށް ކޮންމެ ސިފައިންގެ މީހަކުވެސް ވާން ޖެހޭނެ ކަމަށެވެ.

"ތިން ވަނަ ސިފައަކީ، އެއިރެއްގައި ރައްޔިތުން ގާއިމުކޮށްފައި އޮންނަ ގާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ، ގާނޫނުގެ ވެރިކަން ދެމެހެއްޓުމަށް އެހީތެރިވުން،" ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ވެސް ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވި އެވެ.

ސިފައިންގެ އާއި ގުޅި، ސިފައިންގެ ހުވާ ކުރުމާއެކު އެ އިޖާބަދެވުނީ، ގައުމު އެދިގެން ގޮވައިލި ކޮންމެ ކަމެއްގައި، ފަސްޖެހުމެއް ނެތި އާއެނކޭ ބުނުމަށް ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަދު ތިޔަ ހަވާލުވީ، މިލޮބުވެތި ވަތަން ދިފާއު ކުރުމުގެ މުހިންމު މަސްއޫލިއްޔަތާ. ދިވެހި ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ ވާޖިބާ. ހަމައެފަދައިން، މިރާއްޖޭގެ ސުލްހަޔާއި ހަމަޖެހުމާއި އަމަންއަމާންކަން ދެމެހެއްޓުމުގެ މުހިންމު ޒިންމާއާ،" ރައީސް ވިދާޅުވި އެވެ.

މިކަން ހާސިލްކުރުމަށް މުޅި އަސްކަރިއްޔާ މަސައްކަތްކުރަންޖެހޭނީ އެއް އަޒުމެއްގައި އެއް އަމާޒަކަށް އެއްބައި ވަންތަ އާއިލާއެއްގެ ގޮތުގައި ކަމަށްވެސް ރައީސް ވިދާޅުވި އެވެ. އަދި ސިފައިންގެ ސަފުތަކުގެ ބަދަހި ކަމަށް ރައީސް ބާރު އެޅުއްވި އެވެ.

"އެއީ އެކަކު އަނެކަކަށް އިހްތިރާމްކުރާ، އެކަކު އަނެކަކު ދެކެ ލޯބިވާ، ގުޅުން ވަރުގަދަ އެއް އާއިލާ. އެހެންކަމުން، ސިފައިންނަކީ، އެމީހުންގެ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް، މުޅި އަސްކަރިއްޔާގެ މަސްލަހަތަށް، އަބަދުވެސް އިސްކަން ދޭންޖެހޭނެ ބައެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ދިވެހި ސިފައިންގެ މުއައްސަސާ އަކީ ވަފާތެރިކަމާއި ތެދުވެރިކަމުގައި ދެމިއޮތް، 128 އަހަރުގެ ފަހުރުވެރި މާޒީއެއްގެ މަތީގައި ބިނާވެފައިވާ މުއައްސަސާއެއް ކަމަށެވެ.

"ގައުމުގެ ނަން ކިލަނބުކޮށްލަން، ގަދަރުވެރިން ރޭވި ހުރިހާ ރޭވުންތަކެއް ނާކާމިޔާބުކޮށްލީ، މި މުއައްސަސާއިން އުފެއްދި ގައުމީ ބަތޮލުން. އެހެންކަމުން ތިޔަ ސިފައިންނަކީ، ފަހުރުވެރި ދިވެހި އަސްކަރިއްޔާގެ ޝަރަފާއި އިއްޒަތް ދަމަހައްޓާނެ ސިފައިންކަމާ މެދަކު ޝައްކެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ސިފައިންނަކީ އަސްކަރީ އަހުލާގަށާއި އަސްކަރީ ހުނަރަށް ވަރަށް ރަނގަޅަށް އަހުލުވެރިވެފައިވާ ބައެއްކަމަށް ގަބޫލު ކުރައްވާކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ ދިވެހި ސިފައިންގެ އަސްކަރީ ގާބިލްކަމާ މެދު ޝައްކު ނުކުރައްވާ ކަމަށެވެ. އަދި ދިވެހި ސިފައިންނަކީ ޖެހިލުން ކުޑަ އަޒުމް ވަރުގަދަ ބައެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސިފައިންގެ ހިދުމަތަކީ، ވަރަށް މަތީ އަހްލާގީ މިންގަނޑުތަކެއްގެ މަތީގައި، މީހާ ތަމްރީނުވެ ތަރުބިއްޔަތުވެގެން އަދާކުރެވޭނެ ހިދުމަތެއް. އެތަމްރީންތަކާއި ތަރުބިއްޔަތުގެ ހެޔޮ އަސަރު، ތިޔައިން ކޮންމެ މީހެއްގެ އާންމު ދިރިއުޅުމުގައި ވެސް ފެންނަންޖެހޭނެ. ތަމްރީން މަރުހަލާގައި ބެހެއްޓި ފަރުވާތެރިކަމާއި ވަގުތަށް ކަމޭހިތުމުގެ ސިފަ، ހިދުމަތުގެ އަމަލީ މައިދާނުގައި ސާބިތުކޮށްދޭންޖެހޭނެ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް