ކޮންމެ ރިސޯޓަކުން ދެ އިމާމުން ތަމްރީނު ކުރަނީ

ރާއްޖޭގެ ރިސޯޓެއްގެ މިސްކިތެއް --- ފޮޓޯ: ޓްރިޕް އެޑްވައިޒާ

ޓޫރިޒަމް މިނިސްޓްރީ އާއި އިސްލާމިކް އެފެއާޒް މިނިސްޓްރީ ގުޅިގެން ކޮންމެ ރިސޯޓަކުން ދެ އިމާމުން ތަމްރީނު ކުރުމަށް ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން މިއަދު އާންމުކޮށްފައިވާ ސާކިޔުލާއެއްގައި ބުނީ ޑިސެމްބަރު މަހުގެ އެކަކުން 30ގެ ނިޔަލަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޕްރޮގްރާމުގައި ރާއްޖޭގައި ހިންގާ ކޮންމެ ރިސޯޓަކުން ދެ މުވައްޒަފަކު އިމާމުންގެ ގޮތުގައި ތަމްރީނު ކުރާނެ ކަމަށެވެ.

މި ޓްރެއިނިން ކުރިއަށްގެންދާނީ ގޫގުލްމީޓް މެދުވެރިކޮށް، ކޮންމެ ދުވަހަކު ދޮޅު ގަޑިއިރަށެވެ. ފަސް ހަފްތާގެ މުއްދަތަށް ކުރިއަށްގެންދާ މި ޓްރެއިނިންގައި ކޮންމެ ރިސޯޓަކުން ވެސް ދެ ދިވެހި މުވައްޒަފުން ބައިވެރިކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ޕްރޮގްރާމާ ގުޅޭ ގޮތުން އިސްލާމިކް މިނިސްޓްރީ އިން ބުނެފައި ވަނީ މިއީ ރާއްޖޭގެ ޓޫރިސްޓު ރިސޯޓުތަކުގައި ވަގުތީގޮތުން ބަންގި ގޮވުމާއި ހުތުބާ ކިޔުމާއި އިމާމު ވެސް ހުކުރު ނަމާދާއި ފަރުލު ނަމާދުތައް އަދި ޖަމާއަތުގައި ކުރާ ސުންނަތް ނަމާދުތައް ކުރުމަށް ގާބިލް ބަޔަކު އުފެއްފުމަށް ކުރިއަށްގެންދާ ކުރު ކޯހެއް ކަމަށެވެ.

މި ޕްރޮގްރާމުގެ ފުރަތަމަ ތިން ހަފްތާގައި ތަޖުވީދާއި ފިގުހު އަދި ހުތުބާ ކިޔުމުގެ ހުނަރާއި ފާޑުވެރިކަމާ ގުޅޭ ގަޑިތައް ނަގައިދޭނެ އެވެ. ހަތަރު ވަނަ ހަފްތާގައި މި ޕްރޮގްރާމުގެ ބައިވެރިންނަށް ފަރިތަ ކުރުމަށް ފުރުސަތު ދިނުމަށް ފަހު ފަސް ވަނަ ހަފްތާގައި ލިޔުމުގެ އިމްތިހާނެއްގެ އިތުރުން އަމަލީ އަދި އަނގަބަހުން ޖަވާބުދޭ އިމްތިހާނު ކުރިއަށް ގެންދާނެ އެވެ.

comment ކޮމެންޓް