ރާއްޖެ ދެ މިލިއަން ޓޫރިސްޓުންގެ އަމާޒެއް ކަނޑައަޅައިފި

ޓޫރިޒަމް މިނިސްޓަރު މައުސޫމް ރައްޔިތުން މަޖިލީހުގައި -- ފޮޓޯ/ މަޖިލިސް

އަމާޒަކީ 2023 ވަނަ އަހަރު ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދަޅުވެއްޖެ އެވެ.

ޓީޓީއެމް ޓްރެވަލް ސަމިޓް 2020 ގައި ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ވާނީ ރަށު ޓޫރިޒަމްވެސް ޕްރޮމޯޓު ކޮށްގެން ކަމަށެވެ.

އެގޮތުން ރަށު ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް އައިލެންޑް.އެމްވީ ގެ ނަމުގައި މިނިސްޓްރީ އިން ޕްލެޓްފޯމެއް ޑިވެލޮޕްކޮށްފައިވާ ކަމަށާއި، ރަށްރަށުގެ ހެރިޓޭޖާއި، އެރަށްރަށާ ގުޅޭ މައުލޫމާތު އެ ވެބްސައިޓުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ރަށްރަށުގެ ގެސްޓްހައުސްތަކަށްްއަންނަ ފަތުރުވެރިން އިތުރު ކުރުމަށް މާކެތިންގެ މަސައްކަތްތަކުގައި ރަށު ކައުންސިލު ތަކުން ހަރަކާތްތެރިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފަތުރުވެރިކަން ޕްރޮމޯޓު ކުރުމުގައި އިންޑަސްޓްރީގެ ބައިވެރިވުން އިތުރު ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓާގެޓަކީ 2023 ވަނަ އަހަރު އަންނައިރު ޓޫރިސްޓު އެރައިވަލް ދެ މިލިއަނަށް އެރުވުން. އެ އަހަރު ވާނީ ރާއްޖޭގެ ޓޫރިޒަމަށް 50 އަހަރު ފުރޭނެ ދުވަސް. ޓޫރިޒަމް ޕްރޮމޯޓުކުރާއިރު އުތުރާއި ދެކުނުގެ އިންޓަނޭޝަނަލް އެއާޕޯޓުތަކަށް އިންޓަނޭޝަނަލް ކަނެކްޓިވިޓީ ފުޅާކުރުމަކީ މަގުސަދު. އަލަށް ތަރައްގީކުރެވޭ ޑޮމެސްތިކް އެއާޕޯޓުތަކާއެކު ދަތުރުފަތުރަށް ފަސޭހަވެއްޖެ،" މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ.

މިދިޔަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.7 މިލިއަނަށް އެރި އެވެ. ނަމަވެސް ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދަތުރުފަތުރުގެ ނިޒާމަށް އަދި ޓޫރިޒަމް ދާއިރާ އަށް އައި ހުއްޓުމާއި ހީނަރުކަމާއެކު މިއަހަރުގެ މިހާތަނަށް ރާއްޖެ އައިސްފައިވަނީ ހަތަރު ލައްކަ ފަތުރުވެރިންނެވެ.

ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ބައިނަލްއަގުވާމީ މަޝްރަހުގައި ފާހަގަވެގެންް ދިޔައީ އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ހިތްވަރުންކަން ކަމަށާއި ރާއްޖޭގެ ޓޫރިޒަމް ދާއިރަގައި މަސައްކަތްކުރާ ފަރާތްތަކުގެ ހާއްސަކޮށް ދިވެހިންގެ މަސައްކަތް ފާހަގަ ކުރާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ދާއިރާ އިން މީހުން ތަމްރީނު ކުރުމުގެ މަސައްކަތްވެސް ފަށަން ޕްލޭންކޮށްފައިވާ ކަމަށާއި ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދާއިރާ އާއި ގުޅޭ މަސައްކަތުގެ ތަމްރީނު ދޭނެ ޕްރޮގްރާމެއް އެކުލަވާލާ، ކޮލިފައިޑް ބަޔަކަށް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް