ކައިވެންޏަށް އަހަރު ފުރުމަކީ އަހަރުމެން ނިކަން ކުލަގަދަކޮށް ފާހަގަކުރާ މުނާސަބާއެކެވެ. އަހަރު އެކަންޏެއް ނޫނެވެ. ވަކި ދުވަސްތަކެއް، ހަފްތާ ތަކެއް، އަދި މަސްތަކެއްވެސް ދެމަފިރިން އެކުގައި ހޭދަކުރެވުމަކީވެސް ކޮންމެވެސް ހަދިޔާއެއްދީ، ބައިވެރިޔާ ސަޕްރައިޒްކޮށް އުފާކޮށްދޭން ލިބޭ ސަބަބަކަށް މިވަނީ ވެފަ އެވެ. ގޯހެއް ނޫނެވެ. މިއީ ދެމަފިރިންގެ ދެމެދުގައި ލޯބި އިތުރުކޮށްދީ ގުޅުން ވަރުގަދަކޮށްދޭނެ ވެސް ކަމެކެވެ.
އާންމުގޮތެއްގައި މިފަދަ މުނާސަބާތައް ފާހަގަވާނީ ސޯޝަލް މީޑިއާއަށް ލާފައި ހުންނަ އެކި ކަހަލަ ޕޯސްޓުތަކުންނާއި އަގުބޮޑު ސެންޓާއި، އަތުކުރީ ގަޑިތަކާއި، ރަތް ފިނިފެންމަލާއި، މިނޫންވެސް އެކިކަހަލަ ތަކެތިންނާއި ރޭގަނޑުގެ ކެއުންތަކުންނެވެ. ނަމަވެސް މިފަހަރު ޓްވިޓާއިން ފެނުނީ މިއިން އެއްވެސް ކަމަކާ ވާދަވެސް ނުކުރެވޭހާ ތަފާތު މޮޅު ހިޔާލެކެވެ.
ލޯބިވާ އަނބިމީހާއާ އެކު ކައިވެންޏަށް 11 އަހަރު ފާހަގަކުރުމުގެ އުފާވެރި މުނާސަބާގައި ނިއުޝާދު ޝަރީފް މިފަހަރު މިވަނީ އޭނާގެ އަންހެނުން ހަމަ ރަނގަޅަށްވެސް ސަޕްރައިޒްކޮށްފަ އެވެ.
ބުދަ ދުވަހުގެ މެންދުރު ޓްވިޓާގައި އޭނާ ޕޯސްޓްކޮށްފައި ދޮޅު މިނިޓެއްހާ ވީޑިއޯގައި ނިއުޝާދު ވަނީ އެނިވާސަރީގައި އޭނާ ނިކަން ލޯބިން އަންހެނުންނަށް ގަނެދިން ހަދިޔާތައް ދައްކާލާފަ އެވެ. މިގޮތުން ފުރަތަމަ ހަދިޔާއަކީ ފަޔާ ބްލެންކެޓެކެވެ.
"މިއީ އަންހެނުން ރުޅިއައިމަ، މާބޮޑަށް ހޫނުގަދަވީމަ، އަލިފާންރޯވީމަ އަލިފާން ނިއްވަން ބޭނުންކުރެވިދާނެ އެއްޗެއް. ގޭތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގިޔަސް މި ބޭނުންކުރެވޭނެ،" ސަމާސާކޮށްލަމުން ނިއުޝާދު ވީޑީއޯގައި ބުނެ އެވެ.
ދެވަނަ ހަދިޔާއެއްގެ ގޮތުގައި ނިއުޝާދު އޭނާގެ އަންހެނުންނަށް ދިނީ "ގޭސް އެލާމް" އެކެވެ. މިއީ ގޭތެރޭގައި އެއްވެސް ކަހަލަ ގޭސް ލީކެއް އުޅޭކަމުގައިވާނަމަ އެކަން ޑިޓެކްޓްކޮށް އެލާމްގެ ޒަރީއާއިން އަންގައިދޭނެ އެއްޗެކެވެ.
ފަހު ހަދިޔާއެއްގެ ގޮތުގައި ނިއުޝާދު ދިނީ އެންޓިފަޔާ ފުޅިއެކެވެ. މި ހަދިޔާ އޭނާ ކިޔާދިނީވެސް އެހާމެ ފުރިހަމަ އަށެވެ.
"ދެން އޮތީ އެންމެ ފައްކާ އެތި. މިއީ ކައިވެނިކޮށްގެން އުޅޭއިރު މާބޮޑަށް މައްސަލަޖެހުނީމަ ހަމަ ރާސްލާފައި ނިއްވާލަންވީ. އެންޓިފަޔާއެއް. ވަރަށް އަގުހެވޭ އަނެއްކާ. އެންމެ -/1080 ރުފިޔާ" ނިއުޝާދު އޭނާގެ ކުރު އެހެނަސް ސަމާސާ އާއި އިބުރަތުން ފުރިގެންވާ ކުރު ވީޑިއޯގައި ބުނެ އެވެ.
ކޮންމެއަކަސް، ނިއުޝާދަކީ ތަފާތު މީހެއްކަން މީގެކުރިންވެސް އޭނާ އެލައިޑްގައި ކޮށްފައި ހުރި މަސައްކަތްތަކުން އަހަރުމެންނަށް އެނގި ޔަގީންވެ އެވެ. އެކަމަކު މިއީ ހަމަ އަސްލަށްވެސް އޭނާ އަންހެނުންނަށް އެނިވާސަރީ ހަދިޔާގެ ގޮތުގައި ދިން އެއްޗެއްތޯ ނުވަތަ ކުޑަ ޕްރޮމޯޝަނެއްތޯ ހިތުގައި ސުވާލު އުފެދިގެން އަހާލީމެވެ. ނިއުޝާދު ބުނީ މިއީ ހަމަ ހަގީީގަތުގައިވެސް އޭނާ އަންހެނުންނަށް ދިން ހަދިޔާތަކެއް ކަމަށާއި، މިއީ އެއްވެސް ޕްރޮމޯޝަނަލް ކަމެއް ނޫން ކަމަށެވެ.
"މި ހަދިޔާތައް ދޭން ބޭނުންވެގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. މިހެން އުޅޭއިރު ތަފާތު ހަދިޔާތަކެއް ދެވޭތޯ ބަލަން އަބަދުވެސް. މީގެކުރިން ދިނިން ކުރީގެ މުސްކުޅި ޓޭޕް ޕްލޭޔާ އެއް. 90 ގެ ލަވަތަކުގެ ޓޭޕަކާއި އެކު." ނިއުޝާދު ބުންޏެވެ.
ނިއުޝާދުގެ އަންހެނުންނަކީވެސް ނިއުޝާދުގެ މި ސަމާސާކަން ވަރަށް ރަނގަޅަށް ދަންނަ މީހެއްކަން އެނގިގެންދަނީ މި ވީޑިއޯއަށްކޮށްފައިވާ ރިޕްލައި އިންނެވެ.
ގާތްގަނޑަކަށް 4000 އަށްވުރެ ގިނަ މީހުން މި ވީޑިއޯކޮޅު މިހާތަނަށް ބަލާފައިވާއިރު، މި ދެފަރިންނަށް ކިޔާފައިވާ ހޫނު މަރުހަބާތަކާއިއެކު، މަޖާކޮށްލުމުގެ ގޮތުން އަންހެނުންނަށް ހަމްދަރުދީގެ މެސެޖުތަކެއްވެސް ކޮށްފައި ހުއްޓެވެ.
މި ދެމަފިރިންގެ މި ލޯބި ކައިވެންޏަށް 11 އަހަރު ފުރުނުއިރު،ި ދެ ކުދިންވެސް ލިބިފައިވެ އެވެ.
"މިކަހަލަ އެއްޗެހި ވަރަށް މުހިންމު އިނގޭ. ރަނގަޅަށް އަންހެނުން ހިތްހަމަޖައްސައިގެން 11 އަހަރު އިނދެގެން އުޅެވޭނީ މިކަހަލަ ކަންކަން ކޮށްދީގެން" ނިއުޝާދު އޭނާގެ ސަމާސާ ކަނޑާލާފައި ވީޑިއޯ ނިންމާލަމުން ބުންޏެވެ.
ކޮންމެއަކަސް، އަގުބޮޑު ގަހަނާތަކާއި، ބޭރު ދަތުރުތަކަށްވުރެ، މިވެސް ބުއްދިވެރި ހިޔާލެކެވެ. ލޯތްބާއި އެއްވަރަށް އެކަކު އަނެކަކުގެ ސަލާމަތާއި ރައްކާތެރިކަން ޔަގީންކުރުމަކީވެސް މުހިންމުކަމެކެވެ. އެންމެންވެސް ނިއުޝާދުގެ މި މެސެޖު ހަނދާނުގައި ބަހައްޓަންވާނެ އެވެ.