ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހަކަށް އީލޮން މަސްކް

އީލަން މަސްކް ވަނީ ދުނިޔޭގެ ދެވަނަ އަށް އެންމެ މުއްސަނދި މީހާގެ މަގާމު ހޯދާފަ -- ފޮޓޯ: ގެޓީ

ނިއު ޔޯކް (ނޮވެމްބަރު 25): ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު ޓެސްލާ އާއި ސްޕޭސް އެކްސްގެ ސީއީއޯ އީލޮން މަސްކް ހޯދައިފި އެވެ.

އިލެކްޓްރިކް ކާރު އުފައްދާ ޓެސްލާ ކުންފުނީގެ ހިއްސާގެ އަގު އުފުލުމުން މަސްކްގެ މިލްކިއްޔާތަށް ވަނީ 7.7 ބިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 136 ބިލިއަން ޑޮލަރަށް އަރާފަ އެވެ. އަދި ޓެސްލާ ކުންފުނީގެ އަގު މިހާރު ވަނީ 500 ބިލިއަން ޑޮލަރަށް އަރާފަ އެވެ.

ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާގެ މަގާމު މަސްކް ހޯދީ މައިކްރޯސޮފްޓްގެ ބާނީ ބިލް ގޭޓްސް ފަހަތަށް ޖައްސާލުމަށް ފަހު އެވެ. ގޭޓްސްގެ މިލްކިއްޔާތަކީ 129 ބިލިއަން ޑޮލަރެވެ. އަދި 2017 ވަނަ އަހަރާ ޖެހެންދެން، ގިނަ އަހަރުތަކެއް ވަންދެން އެންމެ މުއްސަނދި މީހާގެ މަގާމު ދިފާއު ކުރީ ގޭޓްސް ކަމަށްވީ ނަމަވެސް އެމެޒޯންގެ ބާނީ ޖެފް ބޭޒޯސް ވަނީ އެ ލިސްޓުން ކުރި ހޯދާފަ އެވެ.

ބޭޒޯސްގެ މިލްކިއްޔާތު މިހާރު 183 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ފަގީރުންނަށާއި މެދު ފަންތީގެ އާމްދަނީއެއް ލިބޭ މީހުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންތައް ލިބުނު ނަމަވެސް ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ މިލްކިއްޔާތު ވަނީ އިތުރުވެފަ އެވެ. އެގޮތުން ދުނިޔޭގެ އެންމެ މުއްސަނދި 500 މީހުން ހިމެނޭ ބްލޫމްބާގް ބިލިޔަނާސް އިންޑެކްސްގެ މެމްބަރުންގެ މިލްކިއްޔާތު ވަނީ މިއަހަރު ތެރޭ ޖުމްލަ 23 ޕަސެންޓު ނުވަތަ 1.3 ޓްރިލިއަން ޑޮލަރު އިތުރުވެފަ އެވެ.

comment ކޮމެންޓް