ޑިސެމްބަރު 15ގެ ކުރިން އިންތިހާބު ބާއްވަން ހުއްދަ ބޭނުންވޭ: އީސީ

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އިލެކްޝަންސް ކޮމިޝަންގެ ބޭފުޅުންނާ ބައްދަލުކުރުން -- ފޮޓޯ/ މަޖިލިސް

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ މާޗު މަހުގެ ހަ ވަނަ ދުވަހު ބޭއްވޭނީ ޑިސެމްބަރު 15ގެ ކުރިން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ހުއްދަ ލިބިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުން ހާއްސަ ގާނޫނުން ލާޒިމްކުރަނީ، ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އަންނަ މަހުގެ 15ގެ ކުރިން މިހާރު އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، އިންތިހާބުގެ ކަންކަން ކުރިއަށް ގެންދެވިދާނެކަން އާންމުކޮށް އަންގައި އެޗްޕީއޭ އިން އިއުލާނުކުރަން ޖެހޭނެ ކަމަށެވެ.

ޝަރީފް ވިދާޅުވީ މިހާރު ތައްޔާރުވަމުން އަންނަ ގޮތަށް، މާޗު މަހުގެ ހަވަނަ ދުވަހު އިންތިހާބު ބޭއްވޭނީ އޭރުން ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން، މިދިޔަ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލި އެވެ.

ތާވަލުކުރި ލޯކަލް ކަައުންސިލްތަކުގެ އިންތިހާބު ފަސްކުރަން ޖެހުމުން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ބޭއްތިއްބުމަށް ގާނޫނު އަސާސީއަށް ވަނީ އިސްލާހު ގެނެސްފަ އެވެ.

comment ކޮމެންޓް