ކޮލިޓީ އެޝުއަރަންސް ކޮމިޝަނަރުގެ މަގާމަށް ތަސްލީމާ އައްޔަންކޮށްފި

އޮގަސްޓް 24، 2020:ހެލްތުގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް ތަސްލީމާ އުސްމާން (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިއްހީ ހިދުމަތުގެ ފެންވަރު ބެލުމުގެ އެންމެ އިސް ފަރާތް ކަމުގައިވާ "ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސް'" ގެ މަގާމަށް ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި ތަސްލީމާ އުސްމާން އައްޔަންކޮށްފިއެވެ.

މީގެ ހަތަރު އަހަރު ކުރިން އަމަލު ކުރަން ފެށި ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާ އޮފް ކޮލިޓީ އެޝުއަރެންސްް ގެ މަގާމަށް މީހަކު އައްޔަން ކުރުމަކީ ސިވިލް ސާވިސް ކޮމިޝަނުން ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް އެ މަގާމަށް ކުރިމަތިލުމަށް ސީއެސްސީން އިއުލާނުކުރީ މި އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. އަދި އެ މަގާމަށް ތަސްލީމާ އައްޔަންކޮށްފައި ވަނީ އިއްޔެއެވެ.

މުސާރައިގެ ގޮތުގައި މަހަކު 24،640 ރުފިޔާ ލިބޭ އެ ވަޒީފާގެ ޝަރުތަކީ މަގާމުގެ މަސައްކަތާ ގުޅޭ ތައުލީމީ ރޮނގަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.

އެ މަގާމުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް އެކުލަވާލުމާއި، ސިއްހީ ހިދުމަތުގެ ފެންވަރު ކަށަވަރުކުރުމަށާއި، ސިއްހީ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ރައްކާތެރިކުރުމަށް އެކުލަވާލަންޖެހޭ އުސޫލުތަކާއި މިންގަނޑުތައް ފުރިހަމަވެފައިވާކަން ކަށަވަރުކުރުމާއި، އަމަލުކުރެވެމުންދާ މިންގަނޑުތަކާއި އުސޫލުތައް މުރާޖައާކޮށް އިސްލާހުކުރުން ހިމެނެއެވެ.

ސިއްހީ ހިދުމަތްދޭ ތަންތަން ހުންނަނީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންތޯ ބެލުމާއި ސިއްހީ ހިދުމަތްދޭ ތަންތަނުން ލިބިދޭންޖެހޭ އަދި ފޯރުކޮށްދޭ ހިދުމަތްތައް ދެމުންގެންދަނީ ކަނޑައެޅިފައިވާ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމަކީ ވެސް ކޮމިޝަނަރުގެ މަސްއޫލިއްޔަތެކެވެ.

ހަމައެއާއެކު ސިއްހީ ހިދުމަތް ދިނުމާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ކުރާ ޝަކުވާތައް މިނިވަންކަމާއެކު އަޑުއަހައި، ތަހުގީގުކޮށް މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމާއި ސިއްހީ ހިދުމަތްދޭ ތަނަކުން މީހަކަށް ނުރައްކާތެރި އަނިޔާއެއް ލިބިއްޖެނަމަ، ނުވަތަ އެއިން ފަރާތެއްގެ އިހުމާލުން ކަމެއް ހިނގައިފިކަމުގެ މައުލޫމާތު ކޮމިޝަނަރަށް ލިބިއްޖެނަމަ އެކަން ބަލައި ތަހުގީގުކޮށް، ކަމާބެހޭ ބޯޑު ނުވަތަ ކައުންސިލަށާއި މިނިސްޓަރަށް ރިޕޯޓު ހުށަހެޅުމަކީ ވެސް ޒިންމާއެކެވެ.

އަދި ސިއްހީ ހިދުމަތުގެ ގައުމީ އެކްރެޑިޓޭޝަން ނިޒާމެއް އެކުލަވާލައި ތަންފީޒުކުރުމަކީ ވެސް ކޮމިޝަނަރުގެ ޒިންމާއެކެވެ.

comment ކޮމެންޓް