ރެޒިޑެންޓް ވިސާގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --- ފޮޓޯ : ރައީސް އޮފީސް

މަދުވެގެން 250،000 ޑޮލަރު އިންވެސްޓް ކުރާ ބޭރުގެ ފަރާތްތަކަށް ކޯޕަރޭޓް ރެސިންޓް ވިސާ ދޭ ގޮތަަށް އިމިގްރޭޝަން ގާނޫނަށް ގެނައި އިސްލާހު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުން އެ ބިލު ފާސްކޮށްފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ.

އެ އިސްލާހުގައި ބުނެފައިވަނީ ބިދޭސީންނަށް ރާއްޖޭގައި ހުރެވޭނެ ހުއްދައެއްގެ ގޮތުގައި ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެވޭނީ، މަދުވެގެން 250،000 ރުފިޔާ އިންވެސްޓް ކުރުމާއެކު، ރާއްޖޭގެ ބޭންކެއްގައި މަދުވެގެން 250،000 ޑޮލަރު ފަސް އަހަރުގެ މުއްދަކަށް ފިކްސްޑް ޑިޕޮސިޓް އެކައުންޓެއްގައި ބަހައްޓައިގެންނެވެ.

އިންވެސްޓް ކުރަންވާނީ، ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ މަތިން ސަރުކާރުން ކަނޑައަޅާ ވިޔަފާރިތަކަށް ކަމަށްވެސް މިއަދު ތަސްދީގުކުރި އިސްލާހުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން އެ ހާލަތްތައް ދެމިއޮތްނަމަ، އެފަރާތަކަށް ދޫކުރާ ކޯޕަރޭޓް ރެސިޑެޓް ވިސާ ކޮންމެ ފަސް އަހަރަކުން އާ ކުރަން ޖެހޭނެ ކަމަށް އެ ގާނޫނުގައި ބުނެއެވެ. ފުރަތަމަ ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.

އިސްލާހުތަކުގައި ބުނާގޮތުން، ކޯޕަރޭޓް ރެސިޑެންޓް ވިސާއަކީ، ރަޖިސްޓްރާ އޮފް ބިޒްނަސް ކަނޑައަޅާ ގޮތެއްގެ މަތިން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ފޮރިން އިންވެސްޓްމަންޓެއްގެ ހިއްސާދާރެއް ނުވަތަ ޑިރެކްޓަރެއް ނުވަތަ ޕާޓްނަރެއް ނުވަތަ އެނޫންވެސް އިސްފަރާތެއް، އަދި އެއިން ފަރާތެއްގެ އާއިލާ މެންމަބަރެއް، ރާއްޖޭގައި ވަޒީފާއަދާކުރާ މީހެއްގެ ގޮތުގައި ނޫން ގޮތަކަށް، އެ ފޮރިން އިންވެސްޓްމަންޓް ނުވަތަ އެ ވިޔަފާރި ހިންގުމުގެ ބޭނުމަށް ދިގު މުއްދަތަކަށް ރާއްޖޭގައި ހުރުމަށް އެދޭ ބިދޭސީނަށް ދެވޭ ހުއްދައެކެވެ.

އިސްލާހު ފާސްކުރުމުގެ ކުރީން އޮތް ގޮތުން ކޯޕަރޭޓް ރެސިޑެންޓް ވިސާ ދެނީ، މަދުވެގެން 50 މިލިއަން ޑޮލަރު އިންވެސް ކުރާ ފަރާތްތަކަށެވެ. އަދި ވިސާގެ މުއްދަތަކީ އެ އިންވެސްޓުމަންޓުގެ މުއްދަތެވެ. ނުވަތަ އެއް މިލިއަން ޑޯލަރު ރާއްޖޭގެ ބޭންކެއްގައި ދެއަހަރު ދުވަހުގެ މުއްދަތަކަށް ބަހައްޓާ ފަރާތްތަކަށް ފަސް އަހަރު ދުވަހަށް ވިސާ ދިނުމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ.

ފަސް އަހަރުގެ މުއްދަތަކަށް ދިވެހީންނާ ކައިވެނިކޮށްގެން އުޅޭ ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޫކުރުމަށްވެސް ވަނީ އިސްލާހުގައި ހިމަނާފައެވެ. ފުރަތަމަ އެ ވިސާއަށް އެދި ހުށަހަޅާއިރު، ލިބޭނީ އެއް އަހަރު ދުވަހެވެ.

comment ކޮމެންޓް