ޓްރަމްޕްގެ ވެރިކަމުގައި ގެއްލިގެންދިޔަ އެމެރިކާގެ ލީޑިން ރޯލު އަލުން ހޯދާނަން: ބައިޑަން

ބައިޑަން

ވޮޝިންޓަން (ނޮވެމްބަރު 25): ރައީސް ޑޮނަލްޑް ޓްރަމްޕް، އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓް ބޭނުންކޮށްގެން ކުރެއްވި ކަންތައްތައް ނުކުރައްވާނެ ކަމަށާއި ޓްރަމްޕްގެ ވެރިކަމުގައި ގެއްލިގެންދިޔަ އެމެރިކާގެ ލީޑިން ރޯލު އަލުން އިއާދާ ކުރައްވާނެކަމަށް އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑަން ވިދާޅުވެއްޖެއެވެ.

ބައިޑަން މިހެން ވިދާޅުވީ އޭނާ އެމެރިކާގެ ވެރިކަމާ ރަސްމީގޮތުން ހަވާލުވެ ވަޑައިގަތުމަށްފަހު ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ހިންގަވާފައިވާ ޣައިރު ގާނޫނީ އަމަލުތަކާ ގުޅިގެން ޓްރަމްޕާ ދެކޮޅަށް ތަހްގީގެއް ހިންގާނެތޯ ސީއެންއެން ކުރި ސުވާލެއްގެ ޖަވާބުގައެވެ.

މި ސުވާލުގެ ޖަވާބު މަތީގައިވާ ގޮތަށް ކުރުކޮށް ދެއްވުމަށްފަހު ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި ގެއްލިގެންދިޔަ އެމެރިކާގެ ލީޑިން ރޯލު އަލުން އިއާދާ ކުރައްވާނެކަމުގައެވެ. ވެރިކަން ނަގުލުކުރުމުގެ ކަންތަކުގައި ޓްރަމްޕްގެ ސަރުކާރުން މިހާރު އެއްބާރުލުން ލިބޭތޯ ކުރި ސުވާލެއްގެ ޖަވާބުގައި ބައިޑަން ވިދާޅުވީ އެއްބާރުލުން މިހާރު ލިބެންފަށާފައި ކަމަށާއި ނަމަވެސް ޓްރަމްޕް އެއްވެސް ވަރަކަށް އޭނާއާ ގުޅުއްވާފައިނުވާ ކަމުގައެވެ. ގުޅުއްވުމުގެ އިތުރުން ބައްދަލުކޮށްލަންވެސް ޓްރަމްޕް އެދިވަޑައިގެންފައި ނުވާކަމުގައެވެ.

ސީއެންއެން އަށް ދެއްވި ބަސްދީގަތުމުގައި ބައިޑަން ވިދާޅުވީ ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާ ބައިނަލްއަގްވާމީ މުޖްތަމައާ އެކަހެރިކޮށް އޮތުން އޭނާގެ ވެރިކަމުގައި މުޅިން ނިމުމަކަށް ގެންނާނެ ކަމުގައެވެ. އަދި ޓްރަމްޕްގެ ސަރުކާރު ނިމިގެންދާއިރު އެސަރުކާރުގެ ސަބަބުން އެމެރިކާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށާ އެގޮންޖެހުންތަށް ވާރުތަވެގެންދަނީ އޭނާގެ ސަރުކާރަށް ކަމުގައެވެ. ނަމަވެސް އޭނާގެ ސަރުކާރު ހިންގުމަށް އިޚްތިޔާރުކޮށްފައިވާ ޓީމަކީ މިގޮންޖެހުންތަކާ ކުރިމަތިލައި ޓްރަމްޕްގެ ވެރިކަމުގައި އެމެރިކާއަށް ގެއްލިގެންދިޔަ ބައިނަލްއަގްވާމީ ލީޑިން ރޯލު އަލުން ހޯދުމުގެ ގާބިލްކަން ލިބިފައިވާ ޓީމެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

ޓްރްމްޕްގެ ވެރިކަމުގައި އެމެރިކާއާއި އެމެރިކާގެ އެންމެގާތް ބައިވެރިން ކަމަށްވާ ޔޫރަޕްގެ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށްވެސްވަނީ ބުރޫއަރާފައެވެ. އަދި ޗައިނާއާ އެމެރިކާގެ ގުޅުންތަށްވެސްވަނީ ވާދަވެރި ހާލަތުގެ ބަދަލުގައި ދުޝްމަން ހާލަތަކަށް ބަދަލުވެގެން ގޮސްފައެވެ. މީގެއިތުރުން ބައިނަލްއަގްވާމީ އެތަށް މުއާހަދާއަކުން އެމެރިކާވަނީ ވަކިވެފައެވެ. އަދި އެތަށް ގައުމަކަށް ބިރުދައްކައި ގިނަ ގައުމުތަކަކާ ދެކޮޅަށްވަނީ ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

ޓްރަމްޕްގެ ވެރިކަމުގައި ބައެއް ގައުމުތަކާ ދެކޮޅަށް އެޅި ދަތިކުރުމުގެ ފިޔަވަޅުތަށް ގިނަވެފައި ހަރުކަށިވުމުގެ ސަބަބުން އެކަންވަނީ ޚުދު އެމެރިކާގެ އިގްތިސާދަށްވެސް ނޭދެވޭ އަސަރު ކުރާ ހިސާބަށް ގޮސްފައި ކަމަށް ރިޕޯޓްތަށް ބުނެއެވެ. (ނޫސްއެޖެންސީތަށް)

comment ކޮމެންޓް