އަންހެނުންނަށް ރައްކާތެރި ވެއްޓެއް ގާއިމްކުރުމުގެ މަސައްކަތް ހަރުދަނާކުރަންޖެހޭ: އެޗްއާރުސީއެމް

އަންހެނުންނަށް ޖިންސީ ގޯނާ ކުރުން ހުއްޓުވުމަށް ހޭލުންތެރިކުރުމަށް ފުލުހުން ބޭނުންކުރާ ޕޯސްޓަރެއް -

އަންހެނުންނަށް ލިބޭ އަނިޔާ އިން ސަލާމަތްކޮށް އަންހެނުންނަށް ރައްކާތެރި ވެއްޓެއް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތް އިތުރަށް ހަރުދަނާ ކުރަންޖެހޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާ ގުޅުވައިގެން އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނީ އަނިޔާ ލިބޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުމަށް ގެނެށި އަނިޔާ ހުއްޓުވުމުގެ ގާނޫނުގެ ދަށުން ގާއިމް ކުރަންޖެހޭ ވަގުތީ މަރުކަޒުތައް 2021 ވަަނަ އަހަރުގެ ނިޔަލަށް ގާއިމްކޮށް އެތަންތަނަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ސަމާލުކަން ދިނުމަށް ސަރުކާރަށް އިލްތިމާސް ކުރާ ކަމަށެވެ.

މީގެ އިތުރުން، ގެވެށިއަނިޔާއާ ގުޅުންހުރި މަސައްކަތްތައް ކުރާ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި އެހީތެރިކަން ފޯރުކޮށްދީ، ގެވެށިއަނިޔާގެ ސަބަބުން ކުރާ އަސަރުތައް ދެނެގަތުމަށް އިތުރު ދިރާސާރާތައް ހެދުމަށް އެ ކޮމިޝަނުން ދައުލަތަށް ހުށަހަޅާފައިވާ ހުށަހެޅުން ތަންފީޒުކުރަން ޖެހޭ ކަމަށް އެޗްއާރުސީއެމް އިން ބުންޏެވެ.

އަނިޔާ ލިބިފައިވާ ފަރާތްތަކަށް ގާނޫނީ ލަފަޔާއި އެހީތެރިކަން ހިލޭ ލިބޭނެ މަގުފަހިކޮށްދީ، އެކަންކަމަށް ބޭނުންވާ އިންސާނީ ވަސީލަތާއި ބަޖެޓް ގާއިމުކުރުމަށް އެ ކޮމިޝަނުން ހުށަހަޅާފައިވާ ހުށަހެޅުން
ތަންފީޒުކުރުމަށް ވެސް އެޗްއާރުސީއެމް އިން ވަނީ ސަރުކާރަށް އިލްތިމާސް ކޮށްފަ އެވެ.

"މީގެ އިތުރުން، އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް މަސައްކަތްކުރާ މަދަނީ ޖަމްއިއްޔާތަކަކީ އަނިޔާލިބޭ ފަރާތްތަކާ އެކު ވަރަށް ގާތުން މަސައްކަތްކުރާ ބައެއްކަން ބަލައިގަނެ، އެ ޖަމްއިއްޔާތަކަށް އެހީތެރިވެ، ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރަމެވެ. އަދި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ބޭނުންވާ ފަރުވާއާއި، އިޖްތިމާއީ ރައްކާތެރިކަމާއި، ނަފްސާނީ އެހީތެރިކަން ލިބޭނެ ފަސޭހަ އަދި ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ގޮވާލަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ބުނީ އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނަށް ފަސޭހައިން އިންސާފު ލިބޭނެ ގޮތަކަށް އިދާރާތަކުގެ އެންމެހާ ކަންކަން ތަރުތީބުކޮށް، ލަސްކުރުމެއްނެތި އަނިޔާކުރާ ފަރާތްތަކަށް ހައްގު އަދަބު ދިނުމަށް ގޮވާލާ ކަމަށެވެ.

އަނިޔާ ލިބޭ އަންހެނުންނަށް އާއިލާގެ ފަރާތުން ރައްކާތެރިކަމާއި އެހީތެރިކަން އަބަދުވެސް ފޯރުކޮށްދެން ޖެހޭ ކަމަށާއި އަނިޔާ ލިބޭ އަންހެނުންނާ މެދު މުޖުތަމައިގައި ހުރި ނުރަނގަޅު ވިސްނުންތައް ބަދަލުކޮށް، އަންހެނުންނަށް ކުރާ އަނިޔާއާ ތަފާތުކުރުންތަކާ މެދު މުޖުތަމައު ހޭލުންތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރު ކުރުމަށް އެ ކޮމިޝަނުން ވަނީ ގޮވާލައިފަ އެވެ.

އެޗްއާރުސީއެމް އިން ބުނީ އަންހެނުންނަށް ކުރާ އަނިޔާއާ ގުޅިގެން، އެ ކޮމިޝަނަށް މިއަހަރުގެ މިހާތަނަށް ހުށައަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނަފްސާނީ އަނިޔާގެ މައްސަލަތައް ފާހަގަކުރެވޭ ކަމަށާއި ދައުލަތުގެ ފަރާތުން މީހުންނާއި ކުދިން ބަލަހައްޓާ ބައެއް މަރުކަޒުތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބަންދުގައި ބައިތިއްބާ ބައެއް މަރުކަޒުތަކުގައި ތިބި އަންހެނުންގެ ކަރާމާތަށް އަސަރުކުރާފަދަ ކަންކަން ހިނގާކަމަށެވެ.

އެފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަމަށް އެކަށީގެންވާ ސަމާލުކަން ނުދެވޭ ކަމަށައި މިންތީގެ ހަމަހަމަ އުސޫލުތައް ބައެއް މަރުކަޒުތަކުގައި ނުގެންގުޅޭކަން ފާހަގަކޮށް އެޗްއާރުސީއެމް އިން ބުނީ އަންހެނުންނަށް ހާއްސަ ސިއްހީ ފަރުވާ، އެތަންތަނުގައި ތިބޭ އަންހެނުންނަށް އެކަށީގެންވާ ގޮތަށް ނުލިބޭކަން ފަހަގަ ކުރެވިފައިވާ ކަމަށެވެ.

މީގެ އިތުރުން، އަންހެނުންނާ މެދު ހިންގާ އަނިޔާގެ ޢަމަލުތައް އެކަށިގެންވާގޮތަށް ބަލާ ތަހުގީގު ނުކުރެވޭކަން ވެސް އެޗްއާރުސީއެމް އަށް ފަހަގަ ކުރެވިފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

"އެގޮތުން، އަންހެނުންނަށް ކުރާ އަނިޔާގެ މައްސަތައް ތަހުގީގު ކުރުމާއި، ދައުވާކޮށް، އިންސާފު ގާއިމްކުރުމުގައި ދަތިތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. އަދި އެކަންކަމަށް ބޭނުންވާ އެކަށީގެންވާ ބަޖެޓް ނުލިބުމާއި މައްސަލަތައް ތަހުގީގުކުރުމަށް ކުރަންޖެހޭ ދަތުރުފަތުރުގެ އިންތިޒާމުގެ ދަތިކަމާއި، މި ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަށީގެންވާ ތަމްރީނު ލިބިފައި ނެތުމާއި، ހެކިބަސްދޭ ފަރާތްތަކަށް ހިމާޔަތް ލިބޭނެ އެކަށީގެންވާ ނިޒާމެއް ނެތުމާއި، މިފަދަ މައްސަލަތަކާ ގުޅުންހުރި މަސައްކަތްތައް ކުރާ ދައުލަތުގެ މުއައްސަސާތަކުގެ މެދުގައި އޮންނަންޖެހޭ ގުޅުން ކުޑަވުމާއި، ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ފަނޑިޔާރުން މި ދާއިރާއިން ހޭލުންތެރިވެފައިވާ މިންވަރު ކުޑަކަންވެސް ވަނީ ފާހަގަކުރެވިފައެވެ،" ކޮމިޝަނުން ބުންޏެވެ.

އަދި ކޮވިޑް 10ގެ ބަލިމަޑުކަމުގެ ސަބަބުން ސިއްހީ ނިޒާމަށް ގިނަ ބަދަލުތަކެއް ގެނެސްފައިވާއިރު، މާބަނޑު އަންހެނުންނަށް ބޭނުންވާ މައުލޫމާތު އެކަށިގެންވާ ވަރަށް ފޯރުކޮށް ދެވިފައި ނުވާކަމަށް ފާހަގަކޮށްފައިވެ އެވެ.

އެޗްއާރުސީއެމް އިން ބުނީ އަނިޔާ ތަހައްމަލު ކުރަމުންދާ އަންހެނުންނަށް ސިއްހީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުނުކަން އެ ކޮމިޝަނަށް ފާހަގަވި ކަމަށެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ކޮންމެ އަންހެނުންނަށްކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުވަހެވެ.

މި ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ އަންހެނުންނާ މެދުކުރާ ތަފާތުކުރުންތައް ނައްތާލުމާއި، އަނިޔާ ލިބެމުންދާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅައި، އަންހެނުންނަށް ކުރާ އަނިޔާއާ މެދު މުޖުތަމައު ހޭލުންތެރިކުރުވުމެވެ.

އަންހެނުންނަށްކުރާ އަނިޔާ ހުއްޓުވުމަށް ފާހަގަކުރާ ދުވަހުގެ ޝިއާރުގެ ގޮތުގައި މިއަހަރު އދ. އިން ކަނޑައަޅައިފައިވަނީ؛
"Orange the World: Fund, Respond, Prevent, Collect!" މި ޝިއާރެވެ.

comment ކޮމެންޓް