ބީއެމްއެލްއިން ފެމިލީ ލީގަލް ކްލިނިކަށް ބައިލައްކަ ރުފިޔާ ހަދިޔާކޮށްފި

ބީއެމްއެލްއިން ފެމިލީ ލީގަލް ކްލިނިކަށް ފައިސާ އެހީ ހަވާލުކުރުން-- ފޮޓޯ/ބީއެމްއެލް

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުވަހާ ގުޅުވައިގެން ބީއެމްއެލްއިން ފެމިލީ ލީގަލް ކްލިނިކް (އެފްއެލްސީ) އަށް 50،000 ރުފިޔާ ހަދިޔާކޮށްފި އެވެ.

މިއީ އެ ޖަމިއްޔާގެ ފަރާތުން ކުރިއަށްގެންދާ ލީގަލް އެއިޑް ޕްރޮގްރާމުގެ ދަށުން ގާނޫނީ ލަފާ ބޭނުންވާ ފަރާތްތަކަށް އެހީވުމަށާއި އާންމުން ހޭލުންތެރިކުރުވަން ބާއްވާ ހަރަކާތްތަކަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލް އިން ދިން މާލީ އެހީއެކެވެ.

މިއަދު ހެނދުނު ބީއެމްއެލްގެ ހެޑް އޮފީހުގައި ބޭއްވި ހަފްލާއެއްގައި އެ ޖަމިއްޔާއާ އެ އެހީ ހަވާލުކޮށްދެއްވީ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ޓިމް ސޯޔާއެވެ. އެ ޖަމިއްޔާގެ ފަރާތުން އެ އެހީއާ ހަވާލުވެވަޑައިގަތީ ކޯ ޗެއާޕާސަން ޝަފީއާ ރިޒާ އެވެ.

އަންހެނުން ކުރިމަތިވާ އަނިޔާ އާ ދެކޮޅަށް ފެމިލީ ލީގަލް ކްލިނިކްގެ ފަރާތުން މެދުކެނޑުމެއް ނެތި، ވޭތުވެ ދިޔަ ހަ އަހަރު ކުރަމުންގެންދާ މަސައްކަތްތައް ފާހަގަކުރައްވައި ޓިމް ވަނީ އެ ޖަމިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ.

ފެމިލީ ލީގަލް ކްލިނިކުން މި އެހީ ބޭނުން ކުރަން ހަމަޖެހިފައި ވަނީ ގާނޫނީ އެހީ ހިލޭ ބޭނުންވާ ފަރާތްތަކަށް އެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެ ޖަމިއްޔާއިން ކުރަމުންދާ ގާނޫނީ އެހީއާ ގުޅޭ މައުލޫމާތު އާންމުންނާ ހަމަޔަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގަ އެވެ. އަދި އެ ޖަމިއްޔާ އިން ހިންގާ ލީގަލް އެއިޑް ޕްރޮގްރާމްގެ ތަފާސްހިސާބުތައް ބެލެހެއްޓުމަށް ވެސް ބީއެމްއެލް އިން ދިން އެހީ ބޭނުންކުރާނެ އެވެ.

comment ކޮމެންޓް