ޕްރައިވެޓް އައިލެންޑް ކޮންސެޕްޓް: ކޮންމެ ރަށެއްގެ އެކުއިޒިޝަން ފީއަށް 15 މިލިއަން ޑޮލަރު

އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް-- ފޮޓޯ/މަޖިލިސް

ޕްރައިވެޓް އައިލެންޑް ކޮންސެޕްޓުގެ ދަށުން ރަށްރަށް ދޫކޮށްގެން އެކުއިޒިޝަން ފީގެ ގޮތުގައި ކޮންމެ ރަށަކުން 15 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ލަފާކުރައްވައިފި އެވެ.

ޓޫރިޒަމާ ބެހޭ ގާނޫނަށް ބަދަލު ގެންނަން ސަރުކާރުން ހުށަހެޅި ބިލު ދިރާސާކުރަން މިއަދު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީގައި މިނިސްޓަރު ފައްޔާޒު ވިދާޅުވީ ޕްރައިވެޓް އައިލެންޑް ކޮންސެޕްޓުގެ އެންމެ ބޮޑު ބޭނުމަކީ ދިގު މުއްދަތަކަށް ރަށްރަށް ކުއްޔަށް ދޫކޮށް، ދައުލަތުގެ ދަރަނި ވީ އެންމެ އަވަހަށް ކުޑަކުރުން ކަމަށެވެ.

"ޕްރައިވެޓް އައިލެންޑް، މުއްސަނދިންނަށް [ޓޫރިޒަމް ބޭނުމަކަށް ނޫން] އަމިއްލަ ބޭނުމަށް މި ގާނޫނުން މިދެނީ. ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރާ، ރަނގަޅު މޮޑެލްއެއްގެ ކަމެއް. ލަފާކުރެވެނީ ވަރަށް ލިމިޓެޑް އެޑިޝަނެއްގެ ގޮތުގައި މަދު ރަށްތަކެއް އުފައްދައިގެން ފުދޭވަރެއްގެ ބޮޑު ރެވެނިއުއެއް ޖެނެރޭޓް ކުރެވޭނެ ކަމަށް." ފައްޔާޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މިކަން ކުރުމަށްޓަކައި ޓޫރިޒަމް މިނިސްޓްރީއާ ގުޅިގެން މިހާރުވެސް ބޭރުގެ ފަރާތްތަކާ މަޝްވަރާކުރަމުންދާ ކަމަށެވެ.

"ގަބޫލުކުރެވޭ ގޮތުގައި ތިން ހެކްޓަރު، ހަތަރު ހެކްޓަރުގެ ރަށެއް އުފައްދައިގެން މަދުވެގެން 15 މިލިއަން ޑޮލަރުގެ އެކުއިޒިޝަން ފީއެއް ލިބޭނެ. އެހެންވީމަ ވިއްސަކަށް ރަށް އެގޮތަށް ދިގު މުއްދަތައް ލީސްކޮށްލި ކަމުގައި ވިޔަސް ދަރަނި ކުޑަކުރަން ބައިލައްކައެއްހާ ޑޮލަރު ލިބޭނެކަމަށް އުންމީދު ކުރަނީ،" ފައްޔާޒު ވިދާޅުވި އެވެ.

މިކަން ކުރާނީ ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކުން ކަމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ބަޔާންކޮށްފައި އޮތުމުން މަޖިލީހުގެ ބައެއް މެމްބަރުން ވަނީ އެކަމާ ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި އެއީ ކޮރަޕްޝަނަށް މަގުފަހިވާނެ ކަމެއްގެ ގޮތުގައި މެމްބަރުން ސިފަކުރެއްވި އެވެ.

އެހެން ނަމަވެސް މިނިސްޓަރު ފައްޔާޒު ވިދާޅުވީ ސަރުކާރުން ހުށަހެޅި ބިލުގައި އާ ކުންފުންޏެއް ހަދާ ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި މިހާރު މިކަމުގައި ހަރަކާތްތެރިވާ ސަރުކާރުގެ ކުންފުނިތަކުން އެކަން ކުރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކޮމެޓީ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިއީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެއް ނަމަވެސް ދުނިޔޭގައި މިހާރުވެސް ކުރަމުންދާ ކަމެއް ކަމަށެވެ.

މިކަން ކުރަން ރާވާފައިވަނީ މިހާރު ތަރައްގީކޮށްފައި ހުރި ރަށްރަށުގައި ނޫން ކަމަށާއި މިއީ ފަޅުތައް ހިއްކައިގެން ކުރާ ކަމެއް ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވި އެވެ. އަދި މި ކޮންސެޕްޓުގެ ދަށުން ރަށްރަށް ކުއްޔަށް ދިނުމުން އެކުއިޒިޝަން ފީގެ އިތުރުން ކޮންމެ އަހަރަކުވެސް ލޭންޑް ރެންޓާއި އެތަނުގައި ކުރާ ވިޔަފާރިތަކުން ދައުލަތަށް އާމްދަނީ ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލުގައި ރާއްޖޭގައި ތަރައްގީ ނުކުރެވި ގިނަ ދުވަސްވެފައި ހުރި ރަށްރަށް (85 ރަށް) ތަރައްގީކުރާނެ މަގުފަހިކޮށްދިނުމާއި އިންޓަގްރޭޓަޑް ރިސޯޓު ތަރައްގީކޮށްގެން ދިވެހިންނަށް އެ ވިޔަފާރިއަށް ވަނުމުގެ ފުރުސަތު ފަހިކުރުމަށް ވެސް ހިމަނާފައިވެ އެވެ.

comment ކޮމެންޓް