ރަޝިއާގެ ވެކްސިންގެ އަގަކީ 20 ޑޮލަރު، ޖަނަވަރީގައި ގަންނަން ލިބޭނެ

މޮސްކޯ (ނޮވެމްބަރު 25) : ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް ރަޝިއާއިން އުފައްދާފައިވާ ވެކްސިން "ސްޕޮޓްނިކް ފައިވް"ގެ ފުލް ޑޯޒެއްގެ އަގަކީ އެމެރިކާ ގެ 20 ޑޮލަރު ކަމަށާ ޖަނަވަރީގައި މިވެކްސިން ދުނިޔެގެ ބާޒާރުން ލިބޭނެކަމަށް ރަޝިއާ އިން ބުނެފި އެވެ.

"ސްޕޮޓްނިކް ފައިވް" އާ ބެހޭ ރަޝިއާގެ ވެބްސައިޓް އިން ބުނީ "ސްޕޮޓްނިކް ވީ" ވެކްސިން ބިނާވެފައި ވަނީ ދެ ޑޯޒުގެ މައްޗަށް ކަމަށާ ޑޯޒެއްގެ އަގަކީ އެމެރިކާ ގެ 10 ޑޮލަރެވެ. ފުލް ޑޯޒެއްގެ އަގަކީ އެމެރިކާ ގެ 20 ޑޮލަރެވެ. ކޮވިޑް-19 ވައިރަސްއާ ދެކޮޅަށް އިންސާނާގެ ހަށިގަނޑުގައި "ސްޕޮޓްނިކް ފައިވް" މަސައްކަތްކުރާނީ ދެ ޑޯޒު ދީގެން ކަމަށްވެ އެވެ.

"ސްޕޮޓްނިކް ފައިވް" އާ ބެހޭ ރަޝިއާގެ މަސްއޫލުވެރިން ވިދާޅުވާ ގޮތުގައި އެ ވެކްސިން އަށް އޯޑަރު ދީފައިވާ ގައުމުތަކަށް އެކްސްޕޯޓް ކުރުމަށް ބޭނުންވާ ހުއްދަ ހޯދުމަށް އެދި ދުނިޔޭގެ ސިއްޙަތު ޖަމްއިއްޔާ ޑަބްލިޔޫއެޗްއޯ އަށް ހުށަހަޅާފައިވާނެކަމަށާ އަންނަ ޑިސެމްބަރު މަހުގެ ކުރީކޮޅު ހުއްދަ ލިބޭނެކަމަށް ބެލެވޭކަމުގަ އެވެ. ހުއްދަ ލިބުމާއެކު ދުނިޔޭގެ ބާޒާރުގައި "ސްޕޮޓްނިކް ފައިވް"ގެ ފުލް ޑޯޒެއް 20 ޑޮލަރުގެ ރޭޓުން އަންނަ ޖަނަވަރީ މަހުން ފެށިގެން ގަންނަން ލިބޭނެކަމަށާ އެއަށްވުރެ އަގު ބޮޑުނުވާނެ ކަމަށް ރަޝިއާގެ މަސްއޫލުވެރިންނާ ހަވާލާދީ އެގައުމުގެ ޓީވީ ނެޓްވާކެއް ކަމަށްވާ އާރުޓީ ބުނެ އެވެ. "ސްޕޮޓްނިކް ފައިވް" އަށް އޯޑަރުކޮށްފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ، ތުރުކީ، ގަލްފުގެ ބައެއް ގައުމުތަކާއި އީރާނާއި މެންގޯލިޔާ، އަދި މެދުތެރޭ އޭޝިއާގެ ގައުމުތައް ހިމެނެ އެވެ.

"ސްޕޮޓްނިކް ފައިވް" ގެ ނަމުން ނަންދީފައިވާ މިވެކްސިން އުފައްދާފައި ވަނީ ވެކްސިން އުފައްދާ ރަޝިއާގެ އެންމެ މަޝްހޫރު މަރުކަޒު ކަމަށްވާ "ނިކޮލައި ގަމާލެޔާ ނެޝަނަލް ރިސާޗް ސެންޓަ ފޯ އެޕިޑެމިއޮލޮޖީ އެންޑް މައިކްރޯބަޔޮލޮޖީ" އިންނެވެ. މިއީ އެޕިޑެމިއޮލޮޖީ އާއި މައިކްރޯބަޔޮލޮޖީގެ ރިސާޗްތައް ކުރުމަށް ޓަކައި 1920 ވަނަ އަހަރު ގާއިމްކުރި ސެންޓަރެކެވެ. ދުނިޔޭގެ ގައުމުތަކުން ކޮވިޑް- 19 އަށް އުފައްދާ ވެކްސިންތަކުގެ ތެރެއިން ތަޖުރިބާގެ މަރުހަލާތައް ކަޑައްތުކޮށް ރަޖިސްޓްރީކުރި އެންމެ ފުރަތަމަ ވެކްސިންއަކީ "ސްޕޮޓްނިކް ފައިވް" ވެކްސިން އެވެ.

"ސްޕޮޓްނިކް ފައިވް"މިހާރުވަނީ ތިން ވަނަ މަރުހަލާގެ ތަޖްރިބާތައް ވެސް ނިންމާފަ އެވެ. މި ވެކްސިން ދިނުމުން ކޮވިޑް-19 ވައިރަސް އިން ސަލާމަތްވާނެކަމުގެ ޔަގީންކަން ރަޝިއާގެ ސައެންޓިސްޓުން ދީފައި ވަނީ 95 ޕަސެންޓްގަ އެވެ.

ރަޝިއާއިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މިވެކްސިންގެ ވަނަ މަރުހަލާ ފުރިހަމަނުކޮށް އެގައުމުގެ ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް މިވެކްސިން ދީފަ އެވެ. ނަމަވެސް ވެކްސިން ދިން އެކަކަށް ވެސް ސީރިޔަސް މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށް ރަޝިއާއިން ބުނެ އެވެ. "ސްޕޮޓްނިކް ފައިވް" ރަޝިއާގެ ރައްޔިތުންނަށް ދޭނީ ހިލޭކަމަށް އެގައުމުގެ ސަރުކާރުންވަނީ ނިންމައިފަ އެވެ. (އާރުޓީ)

ގުޅޭ ޓެގު
comment ކޮމެންޓް