ބާސެލޯނާ ރެކޯޑް ދެމެހެއްޓި އިރު، ޔުވެންޓަސްއަށް ހަނި މޮޅެއް

ބާސެލޯނާގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ --- ފޮޓޯ//ލައިވްސްކޯ

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި ބާސެލޯނާއިން ފަސޭހަކަމާ އެކު ޑައިނަމޯ ކިއެވް ބަލިކޮށް ހަތަރު މެޗުން ހަތަރު މޮޅު ހޯދި އިރު، ފެރެންކްވަރޯސް އަތުން ޔުވެންޓަސް ހަނިގޮތަކަށް މޮޅުވެއްޖެ އެވެ.

ކިއެވްގެ ދަނޑުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދީ 0-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދައިގެން ގުރޫޕް "ޖީ" ގެ އެއްވަނައިގައި ބާސެލޯނާ އޮތް އިރު، ރޭ ފެރެންކްވަރޯސް އަތުން 1-2 އިން ޔުވެންޓަސް މޮޅުވުމާ އެކު އެ ޓީމު ދެވަނައިގައި އޮތީ ނުވަ ޕޮއިންޓާ އެކު އެވެ.

ބާސެލޯނާއިން ކިއެވްއާ ދެކޮޅަށް ކުޅުނު މެޗަށް ދިޔައީ މުހިއްމު ގިނަ ކުޅުންތެރިންތަކަކަށް ރެސްޓް ދީގެން ޒުވާން ސްކޮޑަކާ އެކު އެވެ. ސްޕެނިޝް ލީގުގައި ދިމާވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް ކުޅުންތެރިންނަށް ރެސްޓް ބޭނުންވާކަން ކޯޗު ރޮނާލްޑް ކޫމަން ވެސް ފާހަގަކޮށްފައިވާ އިރު، ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ، ފްރެންކީ ޑެޔޮންގް ވެސް ރޭގެ މެޗުގެ ސްކޮޑުގައި ހިމަނާފައެއް ނުވެ އެވެ.

އެހެން ނަމަވެސް ބަދަލުގައި ކުޅުނު ކުޅުންތެރިންގެ ފަރާތުން އުންމީދީ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި ޖެހި ހަތަރު ގޯލު ވެސް ޖަހާފައި ވަނީ ދެވަނަ ހާފުގެ ތެރޭގަ އެވެ.

ދެވަނަ ހާފު ފަށައިގެން 52 ވަނަ މިނަޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ނިމިގެން ދިޔަ ޓްރާންސްފާ މާކެޓުގައި އެ ޓީމަށް ގުޅުނު ޒުވާން ޑިފެންޑަރު ސާޖީނިއޯ ޑެސްޓް އެވެ. ބާސެލޯނާއަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ގޯލު ރޭގެ މެޗުގައި އޭނާ ޖެހި އިރު، ފަހުގެ ތާރީހުގައި ބާސެލޯނާގެ ލެފްޓް ވިންގް ބެލެހެއްޓި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށްވާ ޑެނީ އަލްވޭސްއާ ވައްތަރު ވައްޓަފާޅިއެއް ޑެސްޓްގެ ފަރާތުން ފެންނަކަން ގިނަބަޔަކު ފާހަގަ ކުރެ އެވެ.

ޑެސްޓްގެ ގޯލާ އެކު ކިއެވްގެ ކުޅުންތެރިންނަށް ހަމަޖެހިނުލެވިގެން އުޅެނިކޮށް ބާސެލޯނާއިން ވަނީ ލީޑު ނަގައިފަ އެވެ. މިއަހަރު ކުރީކޮޅު އެ ޓީމަށް ގުޅުނު މާޓިން ބްރެއިތްވެއިޓް އެ ގޯލު އެ ޓީމަށް ޖަހައިދިން އިރު މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ. އޭނާ ވަނީ ރޭގެ މެޗުގައި ދެވަނަ ގޯލެއް ވެސް ލިބުނު ޕެނަލްޓީއަކުން ޖަހައިފަ އެވެ.

ބާސެލޯނާގެ ފަހު ގޯލަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ފޯމު ކަޓާފައިވާ އެންޓޮއިން ގްރީޒްމަން ކާމިޔާބުކުރި ގޯލެކެވެ.

އަނެއްކޮޅުން ޔުވެންޓަސް ރޭގެ މެޗުން މޮޅުވީ ފަހަތުން އަރައި ދެ ގޯލު ޖަހައިގެންނެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ފެރެންކްވަރޯސް އިން ލީޑު ނެގީ 19 ވަނަ މިނަޓުގަ އެވެ. މިރްތޯ އުޒުނީގެ ގޯލުން އެ ޓީމު ނެގި ލީޑު މާގިނައިރު ހިފެހެއްޓޭ ގޮތް ނުވި އިރު، ޔުވެންޓަސްއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ މުބާރާތުގެ އޯލްޓައިމް ޓޮޕްސްކޯރާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި ޔުވެންޓަސްގެ ފަހު ގޯލު ޖަހައި އެ ޓީމަށް މުހިއްމު ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ އިތުރު ވަގުތުގައި އަލްވާރޯ މޮރާޓާ އެވެ.

comment ކޮމެންޓް