ދިރާގުގެ ނައުއެމްވީ މެދުވެރިކޮށް އެންޖީއޯތަކަށް އެހީވާން މާ ފަސޭހަ

ދިރާގު

ދިރާގުގެ ލައިފްސްޓައިލް އެޕްލިކޭޝަން "ނައުއެމްވީ" ބޭނުންކޮށްގެން ރާއްޖޭގައި ހަރަކާތްތެރިވާ އެންޖީއޯތަކަށް އެހީތެރިވާން ބޭނުން މީހުންނަށް އެކަން ފަސޭހަކޮށްދީފިއެވެ.

ދިރާގުން ބުނީ އެ ކުންފުނިން މިއަދު އަލަށް ތަޢާރަފުކުރި މި ހާއްސަ ފީޗާ ބޭނުންކޮށްގެން ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދެވުމުގެ އިތުރުން އެ ޖަމާއަތްތަކުން ބާއްވާ ފަންޑްރެއިޒިން ކެމްޕެއިން ތަކަށްވެސް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށެވެ.

އެގޮތުން ނައު އެމްވީ އެޕްގައި މިވަގުތު ހަތަރު އެންޖީއޯއެއް ވަނީ ލިސްޓް ކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި މީގެ ތެރެއިން ކޮންމެ އެންޖީއޯ އަކުންވެސް ހާއްސަ ފަންޑްރައިޒާއެއް ހުޅުވާލާފައިވާކަމަށް ދިރާގުން ބުންޏެވެ.

ނައުއެމްވީގައި 4 އެންޖީއޯ އެއް މިވަގުތު ލިސްޓުކޮށްފައިވޭ-- ފޮޓޯ: ދިރާގު

ނައު އެމްވީގެ ޑޮނޭޝަން ފީޗާ އާ ބެހޭގޮތުން ދިރާގުގެ މެނޭޖަރު ބިޒްނަސް ޑިވަލޮޕްމެންޓް އަހުމަދު ޝިނާއު އަބްދުލް ގާދިރު ވިދާޅުވީ މި ދަނޑިވަޅަކީ މިފަދަ ޖަމިއްޔާތަކަށް އެންމެންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދަނޑިވަޅެއް ކަމަށެވެ.

"ސަބަބަކީ ކޮވިޑް19 ގެ ބަލިމަޑުކަމުގެ ސަބަބުން ވަރަށް ގިނަ އެންޖީއޯ ތަކުގެ މަސައްކަތްތަކަށް ފަންޑްރައިޒް ކުރުމަށް ވަރަށް ގިނަ ދަތިތައް ކުރިމަތިވެފައި ވާތީ. ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް އަޅުގަނޑުމެން ބޭނުންވީ އެންޖީއޯ ތަކާ އަމިއްލަ ފަރާތްތަކާ ގުޅުވާލަދީ، އަމިއްލަ ފަރާތްތަކުން، އެފަރާތްތައް ސަޕޯޓްކުރަން ބޭނުންފުޅުވާ ކަމަކަށް ނުވަތަ އެންޖީއޯ އަކަށް ފަސޭހަކަމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގު ތަނަވަސް ކޮށްދިނުމަށް،" ޝިނާއު ވިދާޅުވިއެވެ.

މީގެ އިތުރުން، އެންޖީއޯ ތަކުން ކުރާ މަސައްކަތްތަކީ ކޮބާކަން ދެނެގަނެ، އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ބޭނުންވާ އެންޖީއޯ އަކަށްފައިސާގެ އެހީތެރިކަން ފޯރުކޮށްދެވޭނެ އިންތިޒާމެއް ގާއިމް ކުރުމަކީވެސް މަގުސަދެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިރާގު ނައުއެމްވީ އެޕް މެދުވެރިކޮށް ޑޮނޭޓް ކުރެވޭނީ ދިރާގުޕޭ މެދުވެރިކޮށެވެ.

ނައުއެމްވީ މޮބައިލް އެޕަކީ ތަފާތު މުނިފޫހިފިލުވުމާއި ލައިފްސްޓައިލް ފީޗާތައް ހިމެނޭ އެޕްލިކޭޝަނެކެވެ.

comment ކޮމެންޓް