ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތް ރަނގަޅުކުރަން މަޝްވަރާކޮށްފި

ކުޑަކުދިންނަށް ދޭ ތެރަޕީގެ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، އެ ހިދުމަތްތައް ފޯރުކޮށްދޭ އިންތިޒާމުތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން، ކަމާގުޅޭ އިދާރާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ފައިސަލް ނަސީމް މަޝްވަރާކުރައްވައިފިއެވެ.

އެ މަޝްވަރާ ބައްދަލުވުން ކުރިއަށް ދިޔައީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. އެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީއާއި، ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުގެ އިތުރުން ޖެންޑާ މިނިސްޓްރީ އާއި ގައުމީ ޔުނިވާސިޓީއާއި، އައިޖީއެމްއެޗްގެ އިސް ބޭފުޅުން ވަނީ ބައިވެރިވެފައެވެ.

ރައީސް އޮފީހުން ބުނީ އެ ބައްދަލުވުމުގައި ނައިބު ރައީސް ދެއްކެވި ވާހަކައިގައި، ތެރަޕީގެ ގިނަ ހިދުމަތްތައް މިހާރު ލިބެންހުރީ މާލޭގައިކަން ފާހަގަކުރައްވާ، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވެސް އެ ފަދަ ހިދުމަތްތައް ފުޅާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވި ކަމަށެވެ.

އަދި ވާހަކަ ދެއްކުމުގައި ދަތިތައް ހުންނަ ކުދިންނަށް ދޭ ސްޕީޗް ތެރަޕީ ފަދަ ދާއިރާތަކުން ތަމްރީނުވެފައިވާ މީހުން މަދުކަން ފާހަގަކުރައްވައި، ރާއްޖޭގެ ގައުމީ ޔުނިވާސިޓީ މެދުވެރިކޮށް އެފަދަ ދާއިރާތަކުން މީހުން ބިނާކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމާ ގުޅޭގޮތުން ވެސް ނައިބު ރައީސް ވަނީ މަޝްވަރާކުރައްވައިފައެވެ.

އޭގެ އިތުރުން، ކުޑަކުދިންނަށް ކުރިމަތިވާ ހެދިބޮޑުވުމުގެ މައްސަލަތައް ދުރާލާ ދެނެގަތުމާއި، ހާއްސަ ފަރުވާ ބޭނުންވާ ކުދިން ދެނެގަނެވޭނެ ގޮތްތައް މިހާރަށްވުރެ ހަރުދަނާކުރުމާ ގުޅޭގޮތުން ވެސް އެ ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.

އިއްޔެ ނައިބު ރައީސް ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ސްޕީޗް ތެރަޕީ ޑިޕާޓްމަންޓަށް ޒިޔާރަތްކުރައްވައި، އެތަނުގެ މަސައްކަތްތައް ވެސް ބައްލަވާލައްވާފައެވެ.

އެ ޒިޔާރަތުގައި އެ ޑިޕާޓްމަންޓުގެ އިސްވެރިން ވަނީ އެ ތަނުގައި މަސައްކަތްކުރާ ތެރެޕިސްޓުންގެ އަދަދާ ބަލާއިރު އެ ހިދުމަތް ހޯދަން އެދޭ ކުދިންގެ އަދަދު އިތުރުކަން ފާހަގަކުރައްވާފައެވެ. އަދި އެ ދާއިރާގައި މިހާރު ހުރި ގޮންޖެހުންތަކުގެ މައުލޫމާތު ނައިބު ރައީސްއާ ހިއްސާކުރައްވައިފައެވެ.

comment ކޮމެންޓް