އައްޑޫ ސިޓީގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް އަޅަން ރެއިންބޯއާ ހަވާލުކޮށްފި

އައްޑޫ ސިޓީގައި ޑްރަގް ޑިޓޮކްސް ސެންޓަރެއް އަޅަން ރެއިންބޯއާ ހަވާލުކުރުމަށް ސޮއިކުރުމަށޤ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

އައްޑޫ ސިޓީގައި ޑްރަގް ޑިޓޮކްސް ރިހިބިލިޓޭޝަން ސެންޓަރެއް އަޅަން ރެއިންބޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

މިއީ އިންޑިއާ ސަރުކާރުގެ އެހީއާއެކު ރާއްޖޭގެ ދައުލަތުގެ ބަޖެޓުންވެސް ހަރަދުކޮށް ތަރައްގީ ކުރާ ސެންޓަރެކެވެ.

ދިވެހި ރާއްޖޭގައި އަޑުގައި ހުންނަ ސެނަކޯ މާލަމުގައި މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި މިއަދު ވަނީ ސޮއި ކޮށްފައެވެ.

އެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝަނާ ފާރޫގް ސޮއިކުރެއްވިއިރު ރެއިންބޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މާޒިން އިބްރާހިމް ރަފީގެވެ.

އެ މަސައްކަތް ހަވާލުކޮށްފައިވަނީ 180 ދުވަހުން ނިންމާގޮތަށް 15.1 މިލިއަން ރުފިޔާއަށެވެ.

އެ ސެންޓަރު ގާއިމްކުރުމަށް އިންޑިއާގެ ސަރުކާރުން ވަނީ 7.98 މިލިއަން ރުފިޔާ ދީފައެވެ. އަދި އެ މަސައްކަތަށް ރާއްޖޭގެ ދައުލަތުގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ އަތޮޅުތަކުގައި މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަަލައަކީ ގިނަ ދުވަސްތަކެއް ވެފައިވާ ސީރިއަސް މައްސަލައެއް ކަމަށެެވެ. އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ކުޑަކުދިންނާއި ބޮޑެތި މީހުންގެ އަދަދު ކަންބޮޑުވާހާ މިންވަރަށް އިތުރުވެފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ މިހާރުވެސް ރީހެބް ފަރުވާދޭ އިތުރުު ހަތަރު ސެންޓަރެއް ރާއްޖޭގައި ހުރި ކަމުގައިވިޔަސް އެފަދަ އިތުރު ތަންތަނުގެ ޑިމާންޑް މިހާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމުގައި ރާއްޖެއަށް އެހީތެރިވެ ދިނުމަކީ އިންޑިއާއަށް ލިބޭ ޝަރަފެއްކަމަށް ސަފީރު ވިދާޅުވިއެވެ.

comment ކޮމެންޓް