ހުޅުމާލެއާ ހުޅުލެ ގުޅޭ ލިންކް ރޯޑްގައި އިރުން ހަކަތަ އުފައްދާ ނިޒާމެއް ގާއިމްކުރަން ހަވާލުކޮށްފި

ހުޅުލެ ހުޅުމާލެ ގުޅޭ ލިންކް ރޯޑްގައި ފަސް މެގަވޯޓުގެ ސޯލާ ޕީވީ ސިސްޓަމެއް ގާއިމްކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ހުޅުމާލެއާ ހުޅުލެ ގުޅޭ ލިންކް ރޯޑްގައި އިރުން ހަކަތަ އުފައްދާ ޕީވީ ސިސްޓަމެއް ގާއިމްކުރަން ތައިލެންޑްގެ އެންސިސް ކޯ ލިމިޓެޑް ކޯ ކުންފުންޏަކާ ހަވާލުކޮށްފިއެެވެ.

މިއީ ވޯލްޑް ބޭންކާއި އެންވަޔަރަމަންޓް މިނިސްޓްރީ ގުޅިގެން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެކެެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.

އެ އެއްބަސްވުމުގައި އެންވަޔަރަަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނެވެ. އަދި ތައިލެންޑްފެ އެންސިސް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އެކްޒެކިއުޓިވް ޑިރެކްޓަރު ޗުމްޕުލް ޕަޓަނުކުމެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޓެލްކޯއިން ވަނީ އެންސިސް ކުންފުންޏާއެކު ކަަރަންޓް ގަންނަން އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ސްޓެލްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީއެވެ.

އެސްޕަޔަރގެ ދެވަނަ ފިޔަވަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި ފަސް މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ގާއިމުކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކުރިކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. ނަމަވެސް ގާބިލްކަމަށާއި އެންމެ ކުޑަ އަގެއް ހުށަހެޅި ކުންފުންޏެއްގެ ގޮތުން އެންސިސްއަށް އެ މަޝްރޫއު ހަވާލުކުރީ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެސްޕަޔަރ ގެ ފުރަތަމަ ފިޔަވަހީގެ ދަށުން ހުޅުމާލޭގައި 1000 ހައުސިންގް ޔުނިޓްތަކުގައި ގާއިމްކޮށްފައިވާ 1.5 މެގަވޮޓްގެ ސޯލާ ޕީވީގެ ނިޒާމުން އުފައްދާ ކަރަންޓް ސްޓެލްކޯއަށް މިހާރު ވިއްކަމުން ދަނީ 21 ޔޫއެސް ސެންޓަށެވެ. ނަމަވެސް އެސްޕަޔާގެ ދެވަނަ ފިޔަވަހީގެ ދަށުން އިރުގެ ހަކަތައިން އުފައްދާ ކަަރަންޓު ޔުނިޓަކުން ސްޓެލްކޯއަށް ވިއްކާނީ 10.9 ޔޫއެސް ސެންޓަށްކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ. މިއީ ފުރަތަމަ ފިޔަވައްސާ އަޅާބަލާއިރު ދެގުނަ އަގުހެޔޮ އަދަދެކެވެ.

މިއަދު ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނީ އަންނަ އަހަރު ކުރީކޮޅުކަމަށް އެންވަޔަރަަމަންޓް މިނިސްޓްރީން ބުންޏެވެ.

އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ އެސްޕަޔަރގެ ދެ ވަނަ ފިޔަވަހިން އެކަނިވެސް ދައުލަތުން ތެލަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވެގެން ދާނެކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން އެ ފިޔަވަހީގެ ފަސް މެގަވޮޓްގެ ސޯލާއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން ގާތްގަނޑަކަށް 15 މިލިއަން އަހަރަކު ރައްކާކުރެވޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް މިނިސްޓްރީން ބުންޏެވެ.

ލިންކް ރޯޑްގައި ޤާއިމުކުރާ އިރުގެ ހަކަތައިގެ ނިޒާމުގެ ސްޓަރަކްޗަރ ޑިޒައިންކޮށްފައި ވަނީ ތިމާވެއްޓާއި ރައްޓެހިގޮތަކަށް އަދި އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ޕޭވްމެންޓް ބޭނުންކުރެވޭ ގޮތަށެވެ. އަދި އެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއްވެއްޖެ ހާލަތެއްގައި ސްޓަރަކްޗަރ މަރާމާތްކޮށް ބެލެހެއްޓުމަކީ އެއްބަސްވުމުގެ ދަށުން ސޯލަރ ހަކަތައިގެ ނިޒާމު ގާއިމުކުރާ ކުންފުނީގެ ޒިންމާއެއްކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް