އޭއެފްސީ ފިރިހެން މުބާރާތެއްގެ މެޑިކަލް ޓީމަށް ހަތަރު އަންހެނުން

އޭއެފްސީ ފިރިހެން މުބާރާތެއްގެ މެޑިކަލް ޓީމުގައި ހިމެނޭ ފުރަތަމަ އަންހެން އޮފިޝަލުން --- ފޮޓޯ// އޭއެފްސީ

އޭޝިއާގެ ފުޓުބޯޅައިގެ މައި އިދާރާ އޭއެފްސީން އިންތިޒާމު ކުރާ ފިރިހެނުން މުބާރާތެއްގެ މެޑިކަލް ޓީމުގައި ފުރަތަަ ފަހަރަށް ހަތަރު އަންހެން އޮފިޝަލުން ހިމަނައިފި އެވެ.

ގަތަރުގެ ދޯހާގައި ފަށަން ރާވާފައި އޮތް އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޑިކަލް އޮފިޝަލުންގެ ނުވަ އޮފިޝަލަކު ހިމެނޭ އިރު، އޭގެ ތެރޭގައި ހަތަރު އަންހެނުންނަށް އޭއެފްސީން މިފަހަރު ވަނީ ފުރުސަތު ދީފަ އެވެ. އެއީ އީރާނުގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ޒޮހްރާ ހަރާތިއަން އާއި ޑރ. ބަހާރް ހަސަންމިރާއީ އަދި ފިލިޕީންސްގެ ޑރ. ޖެނިސް އޭން ފިގަރޯގެ އިތުރުން ނިއުޒީލެންޑުގެ ޑރ. ލީޒެލް ގިއާޓްސެމާ އެވެ.

އޭއެފްސީން ބުނީ މިއީ ފުޓުބޯޅައިގައި އޮތް ޖިންސުގެ ތަފާތު ކުރުން ނައްތާލުމަށް އެޅުގެންދާ ވަރުގަދަ ބިންގަލެއް ކަމަށާއި، މިއީ އޭޝިއާގައި އަންހެނުން ކުޅިވަރުގައި ބާރުވެރި ކުރުމަށް ދެއްކި ފުރިހަމަ މިސާލެއް ކަމަށެވެ. އަދި މި ހަތަރު އޮފިޝަލުން ވެސް އޭއެފްސީގެ މުބާރާތްތަކުގައި މެޑިކަލް ޓީމުގެ އިތުރުން ޑޯޕިންގް ކޮންޓްރޯލް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާނެ ކަމަށް އޭއެފްސީން ވަނީ ބުނެފަ އެވެ.

އޭއެފްސީގެ މި ކެމްޕޭނުގެ ދަށުން މިދިޔަ އަހަރު ފެށި އޭއެފްސީ ކޮލިފައިންގްގައި މެޗު ކޮމިޝަނަރުގެ މަގާމުތަކަށް ވެސް ގިނަ އަދަދެއްގެ އަންހެނުންނަށް ވަނީ ފުރުސަތު ދީފަ އެވެ. އަދި އެހެންމެ އެ މުބާރާތުގެ ރެފްރީކަމާއި، އެސިސްޓެންޓް ރެފްރީކަން ކުރުމުގެ ފުރުސަތު ވެސް ބައެއް އަންހެން ރެފްރީންނަށް އޭއެފްސީން ވަނީ ދީފަ އެވެ.

ފަހަކަށް އައިސް ފުޓުބޯޅައިގެ ޖިންސީ އަދި ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ގިނަ ކުޅުންތެރިންނާއި އޮފިޝަލުން ތެދުވެފައިވާ އިރު ބައެއް ގައުމުތަކުން މިހާރު ވަނީ ގައުމީ ޓީމުތަކުގެ އަންހެން އަދި ފިރިހެން ޓީމުތަކަށް ދޭ މުސާރަ އެއްހަމަކޮށްފަ އެވެ. އަދި މުބާރާތްތަކުން ލިބޭ އިނާމު ފައިސާ ވެސް އެއްވަރުކޮށްފައިވާ އިރު، އަންހެނުން ކުޅިވަރުތަކުގައި ޝާމިލްވާ މިންވަރު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ.

ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ރިޔާސީ ވައުދެއް ކަމަށްވާ ކުޅިވަރުތަކުގެ ޖިންސީ ތަފާތު ކުރުން ނައްތާލުމުގެ ވައުދާ އެކު ރާއްޖޭގައި ވެސް މިދިޔަ އަހަރުގެ ތެރޭ ވަނީ ގައުމީ އަންހެން އަދި ފިރިހެން ޓީމުގެ މުސާރަ އެއްހަމަ ކޮށްފަ އެވެ.

comment ކޮމެންޓް