ބައިޑެންއާ ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ފަށަން ޓްރަމްޕް ހުއްދަދެއްވައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއާ ވެރިކަން ހަވާލު ކުރުމުގެ މަސައްކަތް ފަށަން ޖެހޭ ކަމަށް ވިދާޅުވެފަ -- ފޮޓޯ: ޔޫއެސްއޭ ޓުޑޭ

ވޮޝިންޓަން (ނޮވެމްބަރު 24): އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޖޯ ބައިޑެންއާ ރަސްމީކޮށް ވެރިކަން ހަވާލު ކުރުމުގެ މަސައްކަތްތައް ފަށަން ޖެހޭ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އެއްބަސްވެވަޑައިގެންފި އެވެ.

ޓްރަމްޕް އެފަދައިން ވިދާޅުވީ، ވެރިކަން ނަގުލު ކުރުމާ ބެހޭ ޒިންމާތަކާ ހަވާލުވެފައިވާ ޖެނެރަލް ސާވިސެސް އެޑްމިނިސްޓްރޭޝަން (ޖީއެސްއޭ)އިން އެ މަސައްކަތްތައް ފަށަން އުޅޭކަން ބައިޑެންގެ ކެމްޕޭނަށް އެންގި ފަހުންނެވެ. އެ އިދާރާގައި އިސްކޮށް ހުންނަވާ އެމިލީ މާފީ ވަނީ އާ ރައީސަށް ބޭނުން ކުރެއްވޭނެ 6.3 މިލިއަން ޑޮލަރު ދޫކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ޓްރަމްޕް އިއްޔެ ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ މާފީއަށް ފުރައްސާރަ އާއި އިންޒާރުތަކާ ކުރިމަތިލާން ޖެހުނު ކަމަށް ވިދާޅުވެ، އެމަންޒަރު ދެކެން ބޭނުން ނުވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އިންތިހާބުގެ ނަތީޖާއާ ދެކޮޅަށް ޓްރަމްޕް ކެމްޕޭނުން ކުރާ މަސައްކަތްތައް ކުރިއަށްގެންދިޔަ ނަމަވެސް ޖީއެސްއޭގެ މަސައްކަތްތައްވެސް ކުރިއަށްގެންދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެންގެ މަސައްކަތް ވަރަށް ވަރުގަދަކޮށް ކުރިއަށް އެބަދޭ، ދެންވެސް ކުރިއަށްގެންދާނަން އަދި އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން މޮޅުވާނެ ކަމަށް. ނަމަވެސް ގައުމުގެ މަސްލަހަތަށްޓަކައި އަޅުގަނޑު ދަންނަވައިފިން އެމިލީ އާއި އޭނާގެ ޓީމުން ޕްރޮޓޮކޯލްތަކާ އެއްގޮތަށް އަމަލު ކުރަން، ހަމަ އެގޮތަށް އަޅުގަނޑުގެ ޓީމަށްވެސް އެކަން އަންގައިފިން،" ޓްރަމްޕްގެ ޓުވީޓެއްގައިވެ އެވެ.

މާފީ ވިދާޅުވި ގޮތުގައި ވެރިކަން ނަގުލު ކުރުމުގެ މަސައްކަތް މިހާރު ފެށީ އިންތިހާބާ ގުޅުން ހުރި ގާނޫނީ މައްސަލަތައް ނިމެމުންދާ ގޮތާއި ފަހު ނަތީޖާތައް އިއުލާން ކުރަމުން ދާތީ އެވެ. އަދި ޖީއެސްއޭގެ މަސައްކަތް ފަސް ކުރަން ޓްރަމްޕްގެ ސަރުކާރުން އަންގާފައި ނުވާ ކަމަށާއި ނަމަވެސް އެ މަސައްކަތްތައް ނުފަށާތީ އޭނާ އާއި އޭނާގެ އާއިލާ އާއި މުވައްޒަފުންނަށް އެކި ގޮތްގޮތަށް އިންޒާރު ދީފައިވާ ކަމަށް ވިދާޅުވެފަ އެވެ.

މީގެ ކުރިން އެމެރިކާގެ ނައިބު ރައީސްކަން ކުރައްވާފައިވާ ބައިޑެން އެގައުމުގެ 46 ވަނަ ރައީސް ކަމުގެ ހުވާ ކުރައްވާނީ ޖެނުއަރީ 20ގަ އެވެ.

އެމެރިކާގައި މި މަހުގެ ތިނެއްގައި ބޭއްވި ރިޔާސީ އިންތިހާބު ބައިޑެން ކާމިޔާބު ކުރެއްވީ 306 އިލެކްޓޯރަލް ވޯޓު ކާމިޔާބު ކުރައްވައިގެންނެވެ. އަދި ޓްރަމްޕަށް މިހާތަނަށް 232 ވޯޓު ލިބިފައިވާ އިރު އެ ނަތީޖާއާ ދެކޮޅަށް އޭނާގެ ކެމްޕޭނުން ވަނީ އެކި ސްޓޭޓުތަކުގައި ކޯޓަށް މައްސަލަތައް ހުށަހަޅާފަ އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މައްސަލަތައް ވަނީ ހެކި ނެތުމުން ބޭރުކޮށްފަ އެވެ.

comment ކޮމެންޓް