ދަރަވަންދޫގައި ގެސްޓްހައުސް ވިޔަފާރި މެދުކަނޑާލައި ފަތުރުވެރިން އެރުން މަނާކޮށްފި

ބ. ދަރަވަންދޫ -- ފޮޓޯ : މުހައްމަދު ރަފްހާން/ ގޫގަލް ޑްރައިވް ފޮޓޯ

ބ. ދަރަވަންދޫގެ ރައްޔިތުންގެ ހިތްހަމަނުޖެހުމާ ގުޅިގެން އެ ރަށުގައި ގެސްޓު ހައުސް ހިންގުން ހުއްޓާލައި ރަށަށް ފަތުރުވެރިން ގެނައުން މެދުކަނޑާލުމަށް ކައުންސިލުން ނިންމައިފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ގެސްޓުހައުސް ވިޔަފާރި ބަންދުކުރުމަށްފަހު އަލުން ފެށިއިރު ވަނީ ތަފާތު ގައިޑްލައިންތަކެއް އިއުލާނުކޮށްފައެވެ. ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންގައި ބުނެފައިވާގޮތުގައި ގެސްޓްހައުސްތަކަކީ މެދުނުކެނޑި ފަތުރުވެރިން ދާ ތަނަކަށް ވާތީ، އެ ތަންތަން މެދުވެރިކޮށް އާއްމު މުޖުތަމައަށް ކޮވިޑް-19 ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެެވެ. އެގޮތަށް ކަރަންޓީން ވާ މީހުން އަމަލު ކުރަން ޖެހޭނީ މާލެ އިން ރަށްރަށަށް ގޮސް ކަރަންޓީންވާ މީހުން އަމަލު ކުރަން ޖެހޭ އުސޫލާ އެއްގޮތަށެވެ.

އެހެންކަމުން ދަރަވަންދޫގައި ގެސްޓް ހައުސް ވިޔަފާރި ފެށުމުން އެރަށުގައި ދިރިއުޅޭ މީހުން އެހެން ރަށަކަށް ދާ ނަމަ އެ ރަށެއްގައި 14 ދުވަހު ކަރަންޓީން ވާން ޖެހޭނެއެވެ. އެކަމާ ގުޅިގެން އާންމުންގެ ކަންބޮޑުވުންތަކެއް ހުރި ކަމަށް ކައުންސިލުން ބުންޏެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ދަރަވަންދޫ ކައުންސިލުގެ ރައީސް އަލީ މާޖިދު މިއަދު ވިދާޅުވީ ރަށަށް ފަތުރުވެރިން ދާތީ ރަށުން އެހެން ރަށްރަށަށް ނުދެވޭ ގޮތަށް އޮންނާތީ އާންމުން އެކަމާ ނުރުހުން ފާޅުކޮށް މުޒާހަރާ ކޮށްފައިވާ ކަމަށެވެ.

"އިއްޔެ ވެސް ކައުންސިލު އިދާރާ ކުރިމައްޗަށް އެއްވެ މުޒާހަރާކޮށްފައިވޭ. އަދި ގެސްޓުހައުސްތައް ކައިރިއަށް ގޮސް މުޒާހަރާ ކުރާނެ ކަމަށްވެސް ރައްޔިތުން ވަނީ ބުނެފައި،" މާޖިދު ވިދާޅުވިއެވެ.

އެ ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ކައުންސިލުން ފާސްކުރީ މި މަހުގެ ނުވަ ވަނަ ދުވަހުގައި ކަމަށާއި އޭގެ އަނެއް ދުވަހު ހުއްދަ ލިބުނު ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް ގެސްޓް ހައުސްތައް ހުޅުވި ފަހުން އެ ރަށަށް އަދި ގޮސްފައިވަނީ އެންމެ ތިން ފަތުރުވެރިން ކަމަށް އޭނާ ވިދާޅުވިއެވެ.

މީހުން މަދުން ގޮސްފައިވާއިރު ރަށުގެ އެތައް ބަޔަކު އަތޮޅުގެ އޭދަފުށްޓަށް ދާން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުޑަ އެއްޗެއް ގަންނަން ޖެހުނު ކަމުގައިވި ނަމަވެސް އޭދަފުށްޓަށް ދާން ޖެހެނީ. އެހެންވީމަ އަދި ގޮސް ކަރަންޓީނު ވާން ޖެހޭގޮތައް ވަރަށް އުނދަގުވާނެ ކަމަށް އާންމުން ބުނޭ،" މާޖިދު ވިދާޅުވިއެވެ.

މާޖިދު ވިދާޅުވީ ދަރަވަންދޫގައި ގެސްޓްހައުސް ވިޔަފާރި ފެށުމުގެ ކުރީން މިދިޔަ މަހުގައި އާންމުންގެ ހިޔާލަށް އެދުމުން ގިނަ ބަޔަކު އެދިފައިވަނީ ގެސްޓް ހައުސް ވިޔަފާރި ނުފެށުމަށް ކަމަށެވެ. އެހެންނަމަވެސް ސަރުކާރުން ގެސްޓް ހައުސް ވިޔަފާރި ފެށުމުގެ މަސައްކަތަަށް ހިތްވަރު ދިނުމުގެ ގޮތުން ރަށުގައި ގެސްޓްހައުސް ވިޔަފާރި ފެށުމަށް ފާސްކުރި ކަމަށް މާޖިދު ފާހަގަކުރެއްވިއެވެ.

އެހެންކަމުން އާންމުންގެ ނުރުހުން އެކަމާވެސް ހުރި ކަމަށް އޭނާ ވިދާޅުވިއެވެ. ރަށުގައި ގެސްޓް ހައުސް ވިޔަފާރި މެދުކަނޑާލައި ފަތުރުވެރިން ރަށަށް އެރުން މަނާކުރުމަށް ނިންމާފައިވާ ވަކި މުއްދަތެއް ނެތް ކަމަށް އޭނާ ފާހަގަކޮށްފައިވެއެވެ.

ގެސްޓް ހައުސް ވިޔަފާރި ފަށާ ރަށްރަށުގެ އާންމުންނަށް އެހެން ރަށްރަށަށް ކަރަންޓީނު ވާ ގޮތަށް ދާން ޖެހުމުން މީގެކުރީންވެސް ވަނީ އެތައް ބައެއްގެ ފާޑުކިޔުން ރައްދުވެފައެވެ.

ގެސްޓްހައުސް ހިންގާ ވިޔަފާރިވެރިން ބުނަނީ ރަށުގެ ހުރިހާ އެންމެން ރަށު ބަންދުވާ ގޮތަށް ގެސްޓްހައުސްތައް ނުހިންގޭނެ ކަމަށެވެ.

comment ކޮމެންޓް