ވިންދޭ ތިއީ... 28

ވިންދޭ ތިއީ ...

"އަނަމްގެ ބައްޕަ އަކީ، ތި ހީކުރާހާ މާތް މީހެއް ނޫން..." އެއްވެސް ފޮރުވުމެއްނެތި އައިވަން އެ ހާމަކުރީ ޙަޤީޤަތެވެ.

********

"ހުރިހާ ކަމެއް ކުރި މީހަކީ އެއީ... އަނަމްއަށް ތި ދިމާވި ހުރިހާ ކަމެއްވެސް ވީ އޭނަގެ ސަބަބުން..." އައިވަން އިތުރަށް ކިޔައިދިނެވެ.

އަނަމް ފާޑަކަށް ބަލަހައްޓައިގެން އިނެވެ. އެ ވާހަކަތައް ޤަބޫލު ނުކުރާކަން އެ މޫނުމަތީގެ އަސަރުތަކުން ދޭހަ ވިއެވެ.

"ޤަބޫލެއް ނުކުރެވޭ ދޯ؟... އަނަމްއަށް އެނގޭތަ އަނަމްގެ ބައްޕަ ހުރީ ކޮންތާކު ކަން... އެނގެން ބޭނުންތަ؟..." އައިވަން ސުވާލު ކުރި އެވެ.

އަނަމް ދެންވެސް އެއްޗެއް ނުބުންޏެވެ. އެ މަޑުމައިތިރިކަމުން އައިވަންގެ ހިތަށް އުނދަގޫ ވަނީ އެވެ. ފޯނު ހުޅުވައިލާފައި އޭނަ ދެއްކީ ޝާކިރު އެއާޕޯޓުގައި ހުއްޓައި ނަގާފައިވާ ތަސްވީރު ތަކެކެވެ. އަނަމްގެ ދެލޯ ބޮޑުވީ، އޭގައިވާ ތާރީޚު ފެނުމުންނެވެ. އޭނަ އިންޑިޔާއަށް އައުމާއިއެކު، ޝާކިރު އިންޑިޔާއަށް އަންނަންވީ ކީއްވެ ހެއްޔެވެ؟

"މިވަރުންވެސް އަނަމްއަށް ޤަބޫލު ނުކުރެވެންޏާ، އެ ގެއަށް ވެސް ގެންގޮސްދީފާނަން..." އައިވަން ހުރީ ކޮންމެ ގޮތަކުން ވިޔަސް އަނަމްއަށް ޙަޤީޤަތް އެންގުމަށް އަތުކުރި އޮޅާލައިގެންނެވެ.

ޝާކިރު ހުރިތަން އޭނައަށް އެނގުނީ އޭގެ ކުޑަ އިރުކޮޅެއް ކުރިންނެވެ. އަޒާން ފޮނުވާފައިވާ އެޑްރެސް އޭނަ އަނަމްއަށް ދައްކައިލި އެވެ.

އަނަމްގެ އަތުގައި ހިފައިގެން އައިވަން ހިނގައިގަތެވެ. ކާރަށް އަރައި އިސްޓާޓު ކޮށްލި އިރުވެސް، އަނަމް އަނގަޔަކުން ނުބުނެ އެވެ. އެ ސިކުނޑީގައި އެތައް ކަމެއް އެނބުރެމުން ދަނީ އެވެ. ޙަޤީޤަތަކީ ކޮބައި ހެއްޔެވެ؟

ގަޑިއިރެއްހާއިރުގެ ދަތުރަކަށްފަހު، ކާރު ހުއްޓާލާފައި އައިވަން ފޭބި އެވެ. އަނަމް ފޭބުމަށް ދޮރު ހުޅުވާލަ ދިނީވެސް އޭނަ އެވެ. ކުރިމަތީގައި ހުރި އިމާރާތާއި ދިމާއަށް އަނަމް ބަލައިލީ ސައްކުގެ ނަޒަރަކުންނެވެ.

"ބެލްޖަހާ!..." އައިވަން އެދުނެވެ.

ތުރުތުރު އަޅަމުންދިޔަ އަތަކުން އަނަމް ބެލް އަޅައިލި އެވެ. އެތެރެއިން ކާކުތޯ ސުވާލުކުރީ އިނގިރޭސި ބަހުންނެވެ. އަޑު ޖެހުމާއިއެކު، އަނަމްގެ މުޅި ހަށިގަނޑަށް ފިނިގަނޑެއް އަރައިގެން ދިޔަ އެވެ. އެއީ ޝާކިރުގެ އަޑެވެ. ދެތިން ސިކުންތުވެސް ނުވަނީސް ދޮރު ހުޅުވާލައިފި އެވެ. ކުޑަކުޑަކޮށް ހުޅުވުމަށްފަހު، ޝާކިރު ބޭރު ބަލައިލީ، ވަގަކު ވައްކަން ކުރަން އުޅޭ ފަދައިންނެވެ.

އެކަކު އަނެކަކު ފެނުމާއިއެކު އަނަމްއަށާއި ޝާކިރަށްވެސް ލިބުނީ ސިހުމެވެ. ކުރިމަތީގައި އެހުރީ ލޯބިވާ ބައްޕަކަން ޤަބޫލު ކުރާކަށް އަނަމްގެ ހިތް އެއްބަހެއް ނުވި އެވެ. ޝާކިރު އިންޑިޔާއަށް އަންނަންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟ އައިވަން ބުނިހެން އެ ހުރިހާ ކަމެއްގެ ފަހަތުގައި ހުރި މީހަކީ އޭނަގެ ބައްޕަ ހެއްޔެވެ؟ ވިސްނައިލުމުން، އަނަމްއަށް އެ ހުރިހާ ކަމެއް އޭނަގެ ބައްޕަ އާއި ގުޅުވައިލެވުނެވެ. އޭނަ ކިޔަވަން އިންޑިޔާއަށް ފޮނުވަން އެންމެ ބާރު އެޅި މީހަކީ ޝާކިރެވެ.

ޝާކިރު ކުއްލިއަކަށް ދޮރު ހުޅުވައިލާފައި ނުކުތެވެ. އަނަމްގެ ދެކޮނޑުގައި ހިފަހައްޓައިލިގޮތުން އޭނަ ސިހިފައި ޚިޔާލުތަކުން ބޭރުވެވުނެވެ.

"ބައްޕަގެ ދަރިފުޅާ!..." އަނަމްގެ ގައިގައި ބައްދައިލަމުން ޝާކިރު ބުންޏެވެ.

ޝާކިރު ފެށީ ރޯށެވެ. އަނަމްގެ ދެކޯތާފަތުގައި އަތް ޖައްސައި އެމޫނަށް ބަލައިލި ގޮތުންވެސް އަނަމްގެ ހިތް ސާފުވެގެން ދިޔަ އެވެ. އުފެދުނު ޝައްކުތައް ފިލައިގެންދާން ހިނދުކޮޅެއްވެސް ނުނެގި އެވެ.

"ދަރިފުޅާ!... އަވަހަށް އެތެރެއަށް ވަދޭ..." ޝާކިރު ކުއްލިއަކަށް އަނަމްގެ އަތުގައި ހިފައި ގޭތެރެއަށް ވައްދައިފި އެވެ.

މަގުގެ ދެކޮޅު ހޯދައި ބަލައިލާފައި އޭނަ އުޅުނީ އަވަހަށް ދޮރު ޖަހާށެވެ. އޭގެ ކުރިން އައިވަން ގޮސް ދޮރުގައި ހިފަހައްޓައިފި އެވެ. ޝާކިރު ގަދަ ހަދަހަދައި ހުއްޓައި ދޮރު ތަންމިނަށް ހުޅުވާފައި އޭނަ އެތެރެއަށް ވަދެއްޖެ އެވެ.

"ކޮންތާކަށް ފިލަން ތިއުޅެނީ؟... ލައްކަ ދުވަހު ތިހެން ފިލައިގެން އުޅެފީމެއްނު..." ޝާކިރު ލައިގެން ހުރި ގަމީހުގެ ގިރުވާނުގައި ހިފައިގަންނަމުން އައިވަން ވާހަކަ ދެއްކި އެވެ.

"ތީ ކާކު؟... ކާކު ފޮނުވައިގެން އައި މީހެއް؟..." ޝާކިރު ހަޅޭއްލަވައިގަތެވެ. "އަހަރެން ހުއްޓާ، އަނަމްއަށް ދެރަގޮތެއް ހަދަން ކަލޭ ހިތުވެސް ލައިގެން ނުވާނެ..."

ޝާކިރުވެސް ދުލެއް ނުކުރި އެވެ. އައިވަން ލައިގެން ހުރި އަންނައުނުގައި ހިފައިގަނެފި އެވެ. ދެމީހުން އުޅެން ފެށި ގޮތުން އަނަމްގެ ބޮލަށް އުނދަގޫ ވިއެވެ. އޭނަ ކުރިއަށް ޖެހިލައި ދެމީހުންގެ ދެމެދަށް ވަންނަން މަސައްކަތް ކުރި އެވެ.

"ދޫކުރޭ!... ދޫކުރާށޭ!..." އަނަމް ހަޅޭއްލަވައިގަތެވެ.

ދެމީހުން އެކަކު އަނެކެއްގެ ގައިން ދޫކޮށްލި ނަމަވެސް ހީވަނީ ދެންމެދެންމެ ހަމަލާއަކަށް ތައްޔާރުވެގެން ތިބި ހެންނެވެ.

********

ހުދާ ހާސްވެގެން ދެކޮޅަށް ހިނގަނީ އެވެ. ފައްޔާޒު ދެތިން ފަހަރަކު ސުވާލު ކުރި ނަމަވެސް، ޖަވާބެއް ނުދިނެވެ. ހިތަށް އުނދަގޫ ކުރަމުންދިޔަ ކަންތަކުގެ ވާހަކަ އޭނަ ބޭނުންވީ ހަމައެކަނި އައިވަން އާއި ޚިއްސާކުރާށެވެ. އެކަމަކު، އައިވަން އޭނާގެ ފޯނަކަށް ޖަވާބެއް ނުދިނެވެ.

ކޮންމެ ގޮތެއްވެސް ވަރިހަމަކަމަށް ނިންމައި ހުދާ ގޮސް ފުލުހުންގެ އިދާރާ ތެރެއަށް ވަނެވެ. އޭނަ އެދުނީ، މޫސަ އާއި ބައްދަލުކުރެވޭނޭ ގޮތް ހަދައިދިނުމަށެވެ. ފަނަރަ ވަރަކަށް މިނެޓަށްފަހު، އޭނައަށް އެ ފުރުސަތު ލިބުނެވެ.

ހުދާ އެތެރެއަށް ވަންއިރު، މޫސަ އިނީ، އިސްޖަހާލައިގެންނެވެ. މީހަކު އެތެރެއަށް ވަންކަން އެނގުމުން އިސްއުފުލައި ބަލާލައިފި އެވެ. ހުދާ ފެނުމާއިއެކު، މޫސަގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. ބިރެއް ފެނުމުން ބަލާހެން، އެތަނުގައި ހަރުކޮށްފައިވާ ކެމެރާ އާއި ދިމާއަށް ބަލާލައިފި އެވެ.

"ކީއްކުރަން މިތަނަށް ތިއައީ؟..." މޫސަގެ މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނިގެން ދިޔަ އެވެ.

"ކެތްނުވީމަ މިއައީ... އަހަންނަކަށް ދެން ކެތެއް ނުވާނެ..." މޭޒުގައި ދެއަތް އަޅުވައިލަމުން ހުދާ ބުންޏެވެ. ދެމީހުންވެސް ވާހަކަ ދެއްކީ ދިވެހި ބަހުންނެވެ.

"އަހަންނަށް އެނގެއޭ މޫސަގެ ކުށެއް ނެތްކަން... ދެން ކީއްވެ ތި ސިއްރު ކުރަނީ؟... އަހަރެން ކައިރީ ބުނެބަލަ..." ހުދާ ގޮނޑީގައި އިށީނެވެ.

"ހުދާ!... މީ ތި ހީކުރާހާ ފަސޭހައިން ނިމޭނެ ކަމެއް ނޫނޭ... އަހަރެން މިކޮޅަށް އައިތާ ބަރާބަރު ތިން އަހަރު ވަނީ... އަދިވެސް..." މޫސަ އޭނަގެ ވާހަކަ ހުއްޓައިލީ އެތެރެއަށް ވަން ފުލުސްމީހާ ފެނިފަ އެވެ.

"އެމީހުން އަހަރެމެންް އެކަކުވެސް ދުލެއް ނުކުރާނެ..." މޫސަ ވާހަކަ ދެއްކީ ސިއްރުންނެވެ. އެ ނަޒަރު އެތެރެއަށް ވަން ފުލުސްމީހާއަށް ހުއްޓެމުން ދިޔަގޮތުން، އެމީހާދެކެ ޖެހިލުންވެފައި އިންކަން ހުދާ ދެނެގަތެވެ.

"މިތާ ވާހަކަ ދައްކަން ވާނީ އިނގިރޭސި ބަހުން..." ފުލުސްމީހާ ބުންޏެވެ.

ހުދާ ބޯ ޖަހައިލި އެވެ. އެމީހާ މޫސަ އާއި ދިމާއަށް ފާޑަކަށް ބަލައިލާފައި އެތަނުން ދިޔަ އެވެ. އޭގެ ފަހުގައި މޫސަ އިތުރު ވާހަކައެއް ނުދެއްކި އެވެ.

ހުދާ ފުލުހުންގެ އިދާރާއިން ނުކުތްއިރު، ފައްޔާޒު ހުރީ ސުވާލު ކުރަން ތައްޔާރުވެގެންނެވެ.

"ކޮން ކަމެެއް؟... ހުދާއަށް އޭނަ އެނގެނީ ކިހިނެއް؟..." ފައްޔާޒުގެ މޫނުމަތިން ނުރުހުމުގެ އަސަރު ފެނުނެވެ.

ހުދާ ވިސްނައިލުމުން، އޭނަ މޫސަ އާއި ބައްދަލު ކުރިކަން ފައްޔާޒަށް އަންގާނީ އަޒާން ކަން އެނގުނެވެ. އަޒާން އިންނަނީ އަބަދުމެ ކަހަލަ ގޮތަކަށް މޫސަ އުޅޭގޮތް ބަލަބަލަ އެވެ.

"ފުލުހުންގެ ސިސްޓަމް ހެކްކުރުމަކީ ކިހާ ވަރެއްގެ ކަމެއް ކަން އެނގޭތަ؟..." ހުދާ އަޒާންއަށް ބަލައިލީ އިންޒާރެއް ދޭ ފަދައިންނެވެ.

"ހުދާވެސް ތިކުރަނީ ކުށެއްނު... ތިކަންތައް ވެރިންނަށް އަންގަން މަޖުބޫރު ނުކުރުވާ ތެދަށް ކިޔައިދީ..." ފައްޔާޒު ނުރުހިފައި ބުންޏެވެ.

"އާނ!... އަހަންނަށް މޫސަ އަކީ ކާކު ކަން އެނގޭ... އެއީ، އެއީ އަހަރެންގެ ދަރިފުޅުގެ ބައްޕަ..." ހުދާ ދެން ހާމަކޮށްލި ޙަޤީޤަތަކުން ފައްޔާޒަށާއި އަޒާންއަށް އެކަކު އަނެކަކަށް ބަލައިލެވުނީ ހައިރާންވެފަ އެވެ.

ހުދާއަކީ މީހެއްގެ އަނތްބެއް ހެއްޔެވެ؟ ދަރިއަކު ލިބުނީ ކޮންއިރަކު ހެއްޔެވެ؟ ދަރިފުޅު ކޮބައި ހެއްޔެވެ؟ ދުވަހަކު އެކުއްޖާގެ ވާހަކަ ދައްކާފައި ނުވަނީ ކީއްވެ ހެއްޔެވެ؟

"އޭނަ އެތަނުން ސަލާމަތް ކުރަން އަހަންނަށް ކުރެވެން ހުރި ކޮންމެ ކަމެއް ކުރާނަން... އަހަރެން ހުއްޓުވަން މަސައްކަތް ކުރަންޏާ، ކުރަންވީ... އަހަރެންގެ ފަރުވާލެއް ނެތް..." ހުދާއަށް ގޮތް ހުސްވުމުން، އިސްކުރެވުނީ ރުޅި އެވެ.

********

ސިޓިންގްރޫމު ސޯފާގައި އައިވަން އާއި ޝާކިރު ތިބިއިރު، އަނަމް އިނީ އެ ދެ މީހުންގެ މެދުގަ އެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލަން އޭނަ އިނެވެ. ޙަޤީޤަތާއި އެއްގޮތަށް ވާހަކަ ދައްކަނީ ކާކު ކަން އޭނައަށް އޮޅިއްޖެ އެވެ. އަމިއްލަ ބައްޕަގެ ދެލޮލުން ފެންނަމުންދިޔަ ރިހުން ފެނި، އޭނައަށް ޝާކިރުގެ ކުށެއް ނެތް ހެން ހީވާ ފަހަރުވެސް ދެއެވެ. އެކަމަކު އައިވަން ކޮންމެ ކަމެއް ދައްކަަމުން ދިޔައީ ހެއްކާއި އެކުގަ އެވެ. އެކަމުން އޭނަގެ ހިތް އަނެއްކާ ޝައްކުތަކުން ފުރާލަ އެވެ.

ފުލުހުންގެ ހުއްދަ ލިބުމާއިއެކު، އައިވަން އެ ގެ ބަލައި ފާސްކުރަން ފެށި އެވެ. އަނަމް ހިތްހަމަނުޖެހިފައި އެތައް އެއްޗެއް ކިޔަމުން ދިޔައިރުވެސް، އެ އަޑު އިވޭ ކަމަށް ވެސް ހަދައި ނުލި އެވެ. އޭނަގެ ހަރަކާތްތަކަށް ހުއްޓުމެއް ވެސް ނުގެނަ އެވެ. ސިޓިންގްރޫމު ސޯފާގައި އިށީނދެލައިގެން ޝާކިރު އިނެވެ. އެ މޫނުން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާ ކަމުގެ އަސަރުތަކެވެ. ސިއްރު ފަޅާއަރަން ގިނަ އިރެއް ނެތްކަން އެނގުމުން އޭނަގެ ހިއްވަރު އެލުނެވެ.

ފަހު ތަނެއްގެ ގޮތުން އައިވަން ވަނީ، ޝާކިރު ނިދާ ކޮޓަރި އާއި ޖެހިގެން ހުރި ކޮޓަރި އަށެވެ. ފަހަތުން އަނަމް ވަންއިރު، އޭނަގެ ދެލޯ ފެންކަޅިވެއްޖެ އެވެ. އަމިއްލަ ބައްޕަގެ ޤަދަރަށް އުނިކަމެއް ލިބޭފަދަ ކަމެއް ކުރާތަން ބަލަން އޭނަގެ ހިތަށް ކެތް ނުވަނީ އެވެ. އެ އަމަލުތައް ހުއްޓުވަން ބޭނުންވި ނަމަވެސް، އޭނައަށް ގޮތް ހުސްވެއްޖެ އެވެ. އައިވަން އެދިޔަ ބާރުމިނުގައި އަލަމާރި ތެރޭގައި ހުރި އެއްޗެހިތައް ބިންމައްޗަށް އޮއްސައިލި އެވެ. އެ ތަން ފެނިފައި އަނަމްގެ ކެތްތެރިކަން ކޮޅުންލިއެވެ.

"އައިވަން ޕްލީޒް ސްޓޮޕް..." އަނަމް ގޮސް އައިވަންގެ އަތުގައި ހިފަހައްޓަން އުޅުނެވެ.

އައިވަންގެ ހަރަކާތްތައް އަވަހެވެ. އަނަމް ހިފެހެއްޓުމުގެ ކުރިން އަލަމާރީގައި ބާކީ ހުރި އެއްޗެހި އޮއްސާލައިފި އެވެ. މުށިތަކުގެ މަތީގައި އެއްޗެއް ޖެހުނު އަޑު މުޅި ތަނުގައި ގުގުމައިގެން ދިޔަ އެވެ. ދެމީހުންގެ ނަޒަރު އެ އެއްޗަކަށް ހުއްޓުނެވެ. ފެނުނު މަންޒަރަކުން އަނަމްގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. އައިވަންއަށްވެސް ވީ އެވަރެވެ.

"ނޫން... ނޫން..."

އަނަމްއަށް ފަސްފަހަތަށް ޖެހިލެވުނެވެ. ދެފައިގެ ވަރު ދޫވެ، އަލަމާރީގައި ބާރަށް ހިފަހައްޓާލައިފި އެވެ. ކަރުނުން ދެލޯ ފުރިގެން ބަންޑުންވާން ފެށި އެވެ. އައިވަން އަވަސްއަވަހަށް އަނަމްގެ ގައިގައި ހިފަހައްޓައިލި އެވެ. ޙަޤީޤަތް އެނގުމުން، އަނަމްގެ ހިތަށް ކުރާނެ އަސަރު އޭނައަށް ރަނގަޅަށް އެނގެ އެވެ. ދެރައީ، އެކަން އަނަމްގެ ބައްޕައަށް ނުވިސްނުނީތީ އެވެ.

އަނަމްގެ ހިތް ހީވަނީ ވިރިގެން ފައިބަމުން ދިޔަ ހެންނެވެ. މުށިތަކުގެ މަތީގައި އެއޮތީ، އޭނައަށް ދުވަހަކުވެސް އޮޅޭނޭ އެއްޗެއް ނޫނެވެ. ލަކުޑި ކުލައިގެ އެ މާސްކަކީ އޭނަގެ މުޅި ދިރިއުޅުން އަނދަވަޅަކަށް ވައްޓައިލި އެއްޗެވެ. އެއީ އޭނަ ރަހީނުކުރި ދުވަހު، އެތަނަށް އައި މީހާ އަޅައިގެން ހުރި މާސްކެވެ. ޝާކިރުގެ ގޭގައި އޭތި އޮންނަންވީ ސަބަބު ވަރަށް ރަނގަޅަށް އެއޮތީ ސާފުވާށެވެ. ޤަބޫލު ކުރަން ކިތަންމެ ދަތިވި ނަމަވެސް، އެ ހިތި ޙަޤީޤަތް ޤަބޫލުކުރަން އަނަމްއަށް މަޖުބޫރު ކުރުވައިފި އެވެ.

********

ރޮއެރޮއެ ނަސްމާގެ ދެލޯ ވަނީ ދުޅަވެފަ އެވެ. ލިބުނު ޚަބަރަކުން އޭނަގެ މުޅި ދިރިއުޅުން އެފުށްމިފުށަށް ޖެހިއްޖެ އެވެ. ލޯބިވާ ފިރިމީހާ ހައްޔަރު ކުރެވުނީ އެވެ. އެންމެ ކުށަކު ނޫނެވެ. އެތައް ކުށެއްގަ އެވެ. ޝާކިރު އިންޑިޔާގައި ހުރި ގެއިން ގިނަ އަދަދެއްގެ މަސްތުވާ އެއްޗެއްސާއި ފައިސާގެ އިތުރުން، އެތަކެއްޗާއި ގުޅުންހުރި އެއްބަސްވުންތައް ފުލުހުންނަށް ފެނުނެވެ. އޭނައަށް އެންމެ ބޮޑު ހިއްދަތިކަމެއް ލިބުނީ ޝާކިރުގެ މަކަރުވެރިކަމާއި އޮޅުވައިލުމުގެ ސަބަބުންނެވެ. އޭނަ ހީކުރީ ޝާކިރަކީ އޭނައަށް ވަފާތެރި ފިރިއެއް ކަމަށެވެ. އެކަމަކު ކައިވެނީގެ ބޭރުން ޝާކިރަށް އެވަނީ ދަރިއަކުވެސް ލިބިފަ އެވެ. ވަކީން ޚާއްސަކޮށް އޭނަގެ ލޮލުގެ ކޮއި ފަދައިން ލޯބިވާ ދަރިފުޅު ރަހީނު ކުރީތީ، ހިތް ނަފުރަތުގެ އަލިފާނުން އަނދަނީ އެވެ. އެކަމުގެ އަދަބު ދޭން އޭނަގެ ކެތްތެރިކަން ވަނީ ކުޑަވެފަ އެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު