އޯއައިސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމަށް މިނިސްޓަރު ޝާހިދު ނައިޖަރަށް ފުރާވަޑައިގެންފި

އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ނައިޖަރަށް ފުރާވަޑައިގެންފިއެވެ.

އޯއައިސީގެ ހާރިޖީ ވަޒީރުންގެ 47 ވަނަ ބައްދަލުވުން އޮންނާނީ ނައިޖަރުގެ ވެރިރަށް ނިއާމޭގައި ނޮވެމްބަރު 27 އިން 28 ވަނަ ދުވަހަށެވެ.

އޯއައިސީ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގެ މިފަހަރުގެ ޝިއާރަކީ "ތަރައްގީއަށް ހަމަޖެހުމަށް ގުޅިގެން ޓެރަރިޒަމާ ދެކޮޅަށް" އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ތަގްރީރުކުރައްވަމުން، ކޮވިޑް19 ގެ ހާލަތު ރާއްޖޭގައި އޮތް ގޮތާއި، އެކަމުގެ ސަބަބުން ލިބެމުންދާ ގެއްލުންތަކާ ދެކޮޅަށް ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތަކާ ބެހޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަދައްކަވާނެ ކަމަށެވެ.

އަދި އިސްލާމީ އުއްމަތަށް މިވަގުތު ކުރިމަތިވެފައިވާ ކަންކަމާމެދު ރާއްޖެއިން ދެކޭ ގޮތް ހާމަކުރައްވައި، އުއްމަތް އެކަތިގަނޑަކަށް ވުމަށް ގޮވާލައްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން އެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ގައުމުތަކުގެ ހާރިޖީ ވަޒީރުންނާއެކު މިނިސްޓަރު ޝާހިދު ބައިލޭޓަރަލް ބައްދަލުވުންތައް ބާއްވަވާނެ އެވެ.

މިނިސްޓަރު ޝާހިދުގެ އަރިހުގައި އެ ބައްދަލުވުމުގައި ބައިވެރިވާނީ ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި އޯއައިސީއަށް ކަނޑައަޅާފައި ހުންނަވާ ހާއްސަ މަންދޫބު މުހައްމަދު ހަލީލްއާއި، މިނިސްޓްރީގެ އެސިސްޓަންޓް ޑައިރެކްޓަރު އަހުމަދު ސަލްމާން ޒަކީ އެވެ.

އޯއައިސީ ހާރިޖީ ވަޒީރުންގެ ކައުންސިލަކީ ޖަމިއްޔާގެ ސިޔާސަތުތައް ތަންފީޒުކުރުމާ ބެހޭ ގޮތް ކަނޑައަޅައި، އިސްލާމިކް ސަމިޓްގައި ގައުމުތަކުގެ ވެރިން ނިންމާ ނިންމުންތައް ތަންފީޒުކުރެވެމުންދާ މިންވަރު މޮނީޓާކޮށް، އުއްމަތުގެ މުހިންމު މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރާ ކައުންސިލެވެ.

ހާރިޖީ ވަޒީރުންގެ ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރާނީ އޯއައިސީ ސެކްރެޓޭރިއޭޓުންނެވެ.

ރާއްޖެއިން އޯއައިސީގެ މެމްބަރު ގައުމަކަށްވީ 1976 ވަނަ އަހަރުއެވެ. އަދި އެއަށްފަހު އެޖަމިއްޔާގެ ހަރަކާތްތަކުގައި އަބަދުވެސް ބައިވެރިވެއެވެ. އޯއައިސީގެ މެމްބަރު ގައުމުތަކުގެ ގޮތުގައި 57 ގައުމު އޮވެއެވެ.

comment ކޮމެންޓް