އޮކްސްފޯޑުގެ ކޮވިޑް ވެކްސިންވެސް ކާމިޔާބުވެ އުންމީދެއް

އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފެއްދި ވެކްސިންއިން 70 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރިކޮށްދޭ -- ފޮޓޯ: އޮކްސްފޯޑް ޔުނިވާސިޓީ

ލަންޑަން (ނޮވެމްބަރު 23): އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އަސްޓްރާޒެނެކާ ކުންފުނިން އުފައްދާ ކޮވިޑް-19 ވެކްސިންއިން 70 ޕަސެންޓު މީހުން އެ ބަލިން ރައްކާތެރިކޮށްދޭ ކަމަށް އެ ވެކްސިންގެ އެންމެ ފަހުގެ ޓެސްޓުތަކުން ދައްކައިފި އެވެ.

އޮކްސްފޯޑް ޔުނިވާސިޓީން ބުނި ގޮތުގައި އެ ވެކްސިންގެ ތިން ވަނަ ފިޔަވަހީގެ ޓެސްޓުތަކުގައި ދެ ގޮތަކަށް ވެކްސިންގެ ޑޯޒްތައް މީހުންނަށް ދީފައިވެ އެވެ. އެގޮތުން ޓެސްޓުގެ ބައިވެރިންނަށް ދެ "ފުލް" ޑޯޒް ދިނުމުން 62 ޕަސެންޓު މީހުން ބަލިން ރައްކާތެރިވި އިރު، ދެބައިކުޅަ އެއްބައި ޑޯޒް ފުރަތަމަ ދިނުމަށް ފަހު ދެން ފުލް ޑޯޒް އެއް ދިނުމުން ރައްކާތެރިކަން 90 ޕަސެންޓަށް އަރަ އެވެ. އަދި ދެ ގުރޫޕުގެ އެވަރެޖު 70 ޕަސެންޓަށް އަރާ އިރު، އެ ތަފާތު އަންނަ ސަބަބެއް އަދި ޔަގީން ނުވެ އެވެ.

އިނގިރޭސިވިލާތާއި ބްރެޒިލްގައި ކުރިއަށްގެންދާ އެ ވެކްސިންގެ އެންމެ ފަހު ފިޔަވަހީގެ ޓެސްޓުތަކުގައި 24،000 މީހުން ބައިވެރިވެ އެވެ. އަދި އިނގިރޭސިވިލާތުން ވަނީ އެ ވެކްސިންގެ 100 މިލިއަން ޑޯޒްއަށް އޯޑަރު ކޮށްފަ އެވެ.

މީގެ އިތުރުން އެގައުމުުން ވަނީ އެމެރިކާގެ ފައިޒާ އާއި ބަޔޯއެންޓެކްއިން އުފައްދާ ކޮވިޑް ވެކްސިންގެ 40 މިލިއަން ޑޯޒްއަށްވެސް އޯޑަރުކޮށްފަ އެވެ. ފައިޒާގެ ވެކްސިން 95 ޕަސެންޓު ކާމިޔާބު ކަމަށް އެ ކުންފުނިތަކުން ބުންޏެވެ.

comment ކޮމެންޓް