އީޔޫ އާއެކު ފަސްވަނަ ޕޮލިސީ ޑައިލޮގް ބާއްވައިފި

އީޔޫ އާއެކު ކުރިއަށްދާ ޕޮލިސީ ޑައިލޮގު މިއަދު ބޭއްވީ އޮންލައިންކޮށް --- ފޮޓޯ: ފޮރިން މިނިސްޓްރީ

ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާ ދެމެދު ބާއްވާ ޕޮލިސީ ޑައިލޮގްގެ ފަސްވަނަ ބުރު މިއަދު ކުރިއަށް ގެންގޮސްފިއެވެ.

އީޔޫ އާއެކު ރާއްޖެއިން ބާއްވާ ޕޮލިސީ ޑައިލޮގަކީ ތަފާތު އެކި ދާއިރާތަކުން ރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން އަހަރަކު އެއް ފަހަރު ބާއްވާ މަޝްވަރާ ބައްދަލުވުމެކެވެ.

އެހެން އަހަރުތަކާ ހިލާފައަށް މިއަހަރުގެ ޑައިލޮގް ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

ފޮރިން މިނިސްޓްރީއިން ބުނެފައިވަނީ މިއަދުގެ ބައްދަލުވުމުގައި ތަފާތު އެކި ދާއިރާތަކުން ބިނާކުރަނިވި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން މަޝްވަރާކުރި ދާއިރާތަކުގެ ތެރޭގައި ޑިމޮކްރަސީ، ހިންގުމުގެ ދާއިރާ، ޝަރުއީ ދާއިރާ އިތުރަށް ހަރުދަނާކުރުން، އިންސާނީ ހައްގުތައް ހިމާޔަތްކުރުމާ ކުރިއެރުވުން، ނުރައްކަލަށް ހުށަހެޅޭ ފަރާތްތަކަށް ރައްކާތެރިކަން ދިނުން ހިމެނެއެވެ. އަދި އޭގެ އިތުރުން ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި މަސްވެރިކަމުގެ ދާއިރާގައި ގުޅިގެން މަސައްކަތްކުރުމާއި މާލީ ދާއިރާ އަދި ތިމާވެއްޓާއި މޫސުމީ ބަދަލުތަކާ ގުޅުންހުރި ދާއިރާތަކުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ކޮވިޑް-19 ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް، ދެމެހެއްޓެނިވި އަދި ތަރައްގީ ކަށަވަރުކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ޕްލޭންތަކާ ބެހޭ ގޮތުން މިއަދުގެ މަޝްވަރާތަކުގައި އީޔޫ ސަފީރުންނަށް މިނިސްޓްރީއިން ވަނީ މައުލޫމާތު ދެއްވާފައެވެ. އަދި ރާއްޖެއަށް، ހާއްސަކޮށް ކޮވިޑް-19 އާ ގުޅިގެން އީޔޫއިން ފޯރުކޮށްދީފައިވާ އެހީއަށް ވަނީ ސަރުކާރުން ޝުކުރު އަދާކުރައްވާފައެވެ.

މިނިސްޓްރީ އިން ބުނެފައިވަނީ ކޮވިޑް-19 އާ ގުޅިގެން ރައްޖޭގެ ސިއްހީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް އޔޫ އިން ވަނީ އެއް މިލިއަން ޔޫރޯގެ ހިލޭ އެހީ ދީފައި ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ހަރުދަނާ ކުރުމަށްޓަކައި ވަނީ ދެ މިލިއަން ޔޫރޯގެ އެހީ ދީފައި ކަމަށްވެސް މިނިސްޓްރީއިން ބުންޏެވެ. ކުދި ވިޔަފާރިތަކަށް ކޮވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމަށް ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުން 20 މިލިއަން ޔޫރޯގެ ލޯނެއްވެސް ވަނީ ދީފައެވެ.

އިންސާނީ ހައްގު ހިމާޔަތްކުރުމާއި ޑޮމޮކްރަސީ ހަރުދަނާކުރުމާއި ހެޔޮވެރިކަން އަދި ދެ ޖިންސުގެ ހަމަހަމަކަމަށް ދިވެހި ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން މިއަދުގެ ބައްދަލުވުމުގައިވެސް ރާއްޖޭގެ ފަރާތުން ތަކުރާރުކޮސް ވަނީ ފާހަގަކޮށްފައެވެ. އަދި ރާއްޖޭގެ ޝަރުއީ ދާއިރާ ހަރުދަނާކުރުމަށް ޔޫރަޕިއަން ޔޫނިއަން އިން ދޭ އެއް މިލިއަން ޔޫރޯގެ ފަންނީ އެހީ އާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތު ވަނީ ދިވެހި ސަރުކާރާ ހިއްސާކޮށްފައެވެ.

ވިޔަފާރީގެ ދާއިރާއިން ޔޫރަޕިއަން ޔޫނިއަންއާއެކު އޮންނަ ގުޅުންތައް އިތުރުކޮށް، ޔޫރަޕްގެ ވިޔަފާރިތަކަށް ރާއްޖެއިން ފަހި ފުރުސަތުތައް ހުޅުވާލުމަށްވެސް ވަނީ މަޝްވަރާކޮށްފައެވެ. އަދި ބިޒްނަސް ރައުންޑް ޓޭބަލް އިނީޝިއޭޓިވްގެ ތެރެއިން އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ވަނީ އެއްބަސްވެފައެވެ.

ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕިއަން ޔޫނިއަންއަށް އެތެރެކުރުމަށް ޑިއުޓީ މައާފްކުރުމާ ގުޅޭ ގޮތުންވެސް ރާއްޖެއިން ވަނީ މަޝްވަރާކޮށްފައެވެ. އަދި ދިވެހި ކަނޑުމަހުގެ ބާވަތްތައް ޔޫރަޕަށް އެތެރެކުރުމަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އިތުރަށް މަޝްވަރާކުރުމުގެ ޝައުޤުވެރިކަން އީޔޫގެ ސަފީރުން ވަނީ މިއަދުގެ ބައްދަލުވުމުގައި ހިއްސާކުރައްވާފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް