ހެލްތު މިނިސްޓަރު ނަސީމަށް މަޖިލީހުން ރުހުން ދީފި

އޮކްޓޫބަރ 28، 2020: މިނިސްޓަރ އޮފް ހެލްތުގެ މަޤާމަށް ހެންވޭރު ހިކިފިނިފެންމާގެ އަޙްމަދު ނަސީމް އިސްކުރައްވައި، އެ މަނިކުފާނަށް މަޤާމުގެ ފަތްކޮޅު ހަވާލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

ހެލްތު މިނިސްޓަރު އަހުމަދު ނަސީމަށް ރުހުން ދޭން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ނަސީމަށް ރުހުން ދޭން ފެންނަ ކަމަށް 66 މެންބަރުން ވޯޓު ދެއްވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ނަސީމް އެ މަގާމަށް އައްޔަން ކުރެއްވީ މިދިޔަ މަހު 22 ވަނަ ދުވަހު އެވެ.

ނަސީމަށް ހެލްތް މިނިސްޓަރުކަން ރައީސް ދެއްވި އިރު ހުންނެވީ ރައީސް އޮފީހުގެ މިނިސްޓަރުކަމުގެ މަގާމުގައެވެ. ނަސީމަކީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ އިސް ބޭފުޅެކެވެ.

ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އޭނާވަނީ ފޮރިން މިނިސްޓަރުކަން ކުރައްވައިފަ އެވެ. އޭނާ އަކީ ހާރިޖީ ދާއިރާގައި ވަރަށް ތަޖުރިބާކާރު އަދި ޑިޕްލޮމެޓެއްގެ ގޮތުގައި ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.

ރާއްޖެއަށް ފަތުރުވެރިކަން ތައާރަފްކުރެއްވުމުގައި ވެސް މިނިސްޓަރު ނަސީމް ވަނީ އިސް ދައުރެއް އަދާކުރައްވައިފަ އެވެ.

ހެލްތް މިނިސްޓަރުގެ މަގާމު ހުސްވީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަގާމުގައި ހުންނެވި އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަމީން އިސްތިއުފާ ދެއްވީ ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތައް ގަތުމުގައި މަކަރާއި ހީލަތް ހަދައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތަހުމަތުވާ މައްސަލައިގަ އެވެ.

comment ކޮމެންޓް