ބައިޑަން، އޭނާގެ ސަރުކާރުގެ ބައެއް ވަޒީރުންގެ ނަންތައް އިއުލާނު ކުރައްވަނީ

ބައިޑަން އާއި ރޮން ކްލައިން

ވޮޝިންޓަން (ނޮވެމްބަރު 23) : އެމެރިކާގެ ރައީސުލް މުންތަޚަބު ޖޯ ބައިޑަން އެކުލަވާލައްވާ ކެބިނެޓްގެ ބައެއް ވަޒީރުންގެ ނަންތަށް ބައިޑަން މާދަމާ އިއުލާނު ކުރައްވާނެކަމަށް އޭނާގެ އިސް އެހީތެރިއަކު ވިދާޅުވެއްޖެއެވެ.

ބައިޑަންގެ އިސް އެހީތެރިންގެ ތެރޭގައި ހިމެނޭ ރޮން ކްލައިން ވިދާޅުވީ ބައިޑަންގެ ކެބިނެޓްގައި ހިމަނާ ބައެއްވަޒީރުން މިހާރު އިޚްތިޔާރު ކުރައްވާފައިވާ ކަމަށާ އިޚްތިޔާރު ކުރެއްވި ބޭފުޅުންގެ ނަންތަށް މާދަމާ ބައިޑަން އިއުލާނު ކުރައްވާނެކަމުގައެވެ. ރިޕޯޓްތަށް ބުނާގޮތުން އެމެރިކާގެ ޚާރިޖީ ވަޒީރުކަމަށް ބައިޑަން އިޚްތިޔާރު ކުރައްވާފައިވަނީ އެންޓަނީ ބްލެންއެވެ. ނޫނީ އޮބާމާގެ ވެރިކަމުގައި ގައުމީ ސަލާމަތާބެހޭ މުސްތަޝާރަކަށް ހުންނެވި ސުޒާން ރައިސް އެވެ. އަނެއްބައި ރިޕޯޓްތަށް ބުނާގޮތުން ބައިޑަންގެ ރަހްމަތްތެރިއެއް ކަމަށްވާ ސެނެޓާ ކްރިސް ކޮންޒް ވެސް ޚާރިޖީ ވަޒީރުކަމަށް އިޚްތިޔާރު ކުރެއްވުމަކީ އެކަށީގެންވާ ކަމެކެވެ.

ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ކަމުގެ މަގާމަށް ބައިޑަން އިޚްތިޔާރު ކުރައްވާފައިވަނީ ރޮން ކްލައިން އެވެ. ރޮން އަކީ އެމެރިކާގެ ނައިބު ރައީސްކަމުގައި ބައިޑަން ހުންނެވިއިރު އޭނާގެ އިސް އެހީތެރިއެކެވެ. ބައިޑަންވަނީ އޭނާގެ ސަރުކާރުގެ މާލީ ވަޒީރުކަމަށް ބޭފުޅަކު އިޚްތިޔާރު ކުރައްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެއީ ކޮންބޭފުޅެއްކަން ހާމައެއް ނުކުރައްވައެވެ. މި މަގާމަށް އިޚްތިޔާރު ކުރައްވާފައިވާ ކަމަށް މައުލޫމާތު ލިބެނީ އެމެރިކާގެ ފެޑްރަލް ރިޒާވް ބޭންކްގެ ކުރީގެ ގަވަރުނަރެއް ކަމަށްވާ ގެނިތް ޔެލިން ނޫނީ އިގްތިސާދީ ތަޖްރިބާކާރެއް ކަމަށްވާ ސާރާ ބްލޫމްއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބަލިވެ ވަޑައިގެންނެވި ނަމަވެސް އޭނާ ގެންދަވަނީ އެކަން ގަބޫލުކުރަން ދެކޮޅު ހައްދަވަމުންނެވެ. ޓްރަމްޕް އަދިވެސް ހުންނެވީ އެމެރިކާގެ ފެޑްރަލް ކޯޓުތަކަށް ހުށަހަޅާފައިވާ އިންތިޚާބާބެހޭ މައްސަލަތަށް ބަލައި ނިމޭއިރު އޭނާއަށް ވެރިކަން ލިބޭނެކަމުގެ އުންމީދުގައެވެ. ނަމަވެސް އިންތިޚާބާބެހޭ ގޮތުން ޓްރަމްޕް ހުށަހެޅުއްވި އެއްވެސް މައްސަލައެއް މިހާތަނަށް އޭނާއަށް ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލު ނުކުރުމަށް ޓްރަމްޕް ދައްކަވާ ބަހަނާތަކުގެ ސަބަބުންނާއި އެމެރިކާގައި ވޯޓުތަށް އޮޅުވާލާފައިވާ ކަމަށް ވިދާޅުވެ ޓްރަމްޕް ދައްކަވަމުން ގެންދަވާ ވާހަކަތަކުގެ ސަބަބުން އެމެރިކާގެ ޑިމޮކްރަސީގެ އަގު ދުނިޔޭގެ ގައުމުތަކުގެ ކުރިމަތީގައި ވަރަށް ބޮޑަށް ވެއްޓި އެމެރިކާގެ ޑިމޮކްރަސީގެ އިތުބާރުވެސް ދުނިޔޭގައި ގެއްލިފައިވާ ކަމަށް ވިދާޅުވެ ބައިޑަންވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

ޓްރަމްޕް ވަނީ އެމެރިކާގެ ވެރިކަން ބައިޑަން އަށް ނަގުލުނުކުރުމުގެ އިންތިގާލީ މަރުހަލާއަށް ބޭނުންވާ އެއްބާރުލުންވެސް ބައިޑަންގެ ޓީމަށް ދިނުމަށް ދެކޮޅު ހައްދަވާފައެވެ. ނަމަވެސް ބައިޑަންގެ ޓީމުން ގެންދަނީ އެމެރިކާގެ ވެރިކަން އޭނާ އަށް ނަގުލުނުކުރުމަށް ކުރަންޖެހޭ މަސައްކަތްތަށް ކުރަމުންނެވެ. އަދި އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ބައިޑަން އެމެރިކާގެ ރައީސްކަމުގެ ހުވާ ކުރައްވާނެ ކަމަށްވެސް އޭނާގެ ޓީމުން ބުނެއެވެ. (އަލްޖަޒީރާ)

ގުޅޭ ޓެގު
comment ކޮމެންޓް