އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމަށް ހުޅުވާލައިފި

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވާލާފައި --

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަސް ކުރިމަތި ލުމަށް ހުޅުވާލާފައިވަނީ އެ ކޮމިޝަނުގެެ މެންބަރު ކަމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އީސީގެ ނައިބު ރައީސްކަމުގެ މަގާމުގައި ވެސް ހުންނެވި އަކްރަމް މެންބަރު ކަމުން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީ އިން ބަލައި، އޭނާގެ އިތުބާރު ނެތްކަމަށް ކޮމެޓީ އިން ފާސްކޮށްފައިވަނިކޮށެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލާފައިވާއިރު ފޯމު ބަލައިގަންނާނީ ޑިސެމްބަރު މަހުގެ އެކެއް އަދި ދެވަނަ ދުވަހު ރައީސް އޮފީހުންނެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 25 އަހަރު ފުރިފައިވާ ދިވެއްސަކަށް ވާންޖެހެއެވެ.

އަދި އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ވޭތުވެދިޔަ ފަސއަހަރު ދުވަހުގެ ތެރޭގައި ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

މީގެ އިތުރުން މެންބަރު ކަމަށް ކުރިމަތިލާ ފަރާތަކީ ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ ޢައްޔަންކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ވެގެން ނުވަނެއެވެ. އަދި ސަރުކާރުގެ ނުވަތަ އެހެން ފަރާތެއްގެ ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ވެގެން ނުވާނެއެވެ.

އަދި މަގާމަށް ކުރިމަތިލާ ފަރާތަކީ ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ވެގެންވެސް ނުވާނެއެވެ. އަދި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެ، 12 މަސްދުވަހަށްވުރެ ދިގުމުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މަޢާފްކުރެވުނުތާ ފަސް އަހަރު ވެފައި ވާންޖެހެއެވެ.

އީސީގެ މެންބަރު ކަަމަށް ކުރިމަތިލާ ފަރާތަކީ ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވަތަ ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައިވެސް ވެގެން ނުވާނެއެވެ.

comment ކޮމެންޓް