ބީއެމްއެލްގެ އެހީގައި އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް

އއ. އަތޮޅު ތައުލީމީ މަރުކަޒު-- ފޮޓޯ/ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސްގެ ކޮމިއުނިޓީ ފަންޑުން ރަސްދޫގައި ހުންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސްފި އެވެ.

ކޮމިއުނިޓީ ފަންޑުގެ ޕްރޮޕޯސަލް ކާމިޔާބުކުރި، އިސްމާއިލް ޝިމާއު ހިންގި މި ޕްރޮޖެކްޓުން ލައިބްރައީއަށް ބޭނުންވާ އިތުރު ފޮތާއި ފޮތްހަރުގަނޑުގެ އިތުރުން ފަރުނީޗަރު ވަނީ ހޯދައިދީފަ އެވެ.

ހަދިޔާގެ ގޮތުގައި ލިބުނު ފޮތާއެކު ޖުމްލަ 1000އަށް ވުރެ ގިނަ ފޮތް ވަނީ ލައިބްރަރީއަށް އިތުރުކޮށްފަ އެވެ. މި ފޮތްތަކުގެ ތެރެއިން 500އަށް ވުރެ ގިނަ ފޮތަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ގެނައި ފޮތެވެ.

ޝިމާއު ވިދާޅުވީ 235 ކުދިން ތައުލީމު ހާސިލުކުރަމުން އަންނަ އއ. އަތޮޅު ތައުލީމީ މަރުކަޒުގައި ހުރި ލައިބްރަރީގެ ގިނަ ފޮތްތައް ހުރީ ބާވެފައި ކަމަށެވެ.

"ޖާގަ ތަނަވަސްކަމެއް ހުރި ނަމަވެސް ފޮތް އިތުރުކޮށް ލައިބްރަރީއަށް ފަރުނީޗަރުވެސް ބޭނުންވޭ. ކޮމިނިއުޓީ ފަންޑުގެ ދަށުން އަޅުގަނޑު ބޭނުންވީ ލައިބްރަރީއަށް އިތުރު ފުރިހަމަކަމެއް ގެނެސް ކުދިން ފޮތް ކިޔުމަށް ސަމާލުކަންދީ މިކަމަށް ޝައުގުވެރި ކުރުވުމަށް. މިގޮތުން ފޮތް ރެކުތައް އާ ކުރުމާއެކު ކުދިން ކިޔާނެ އާ ފޮތްތަކާއި ފޮތް ކިޔަން ތިބެވޭނެ ފަސޭހަ ގޮތް ގާއިމް ކުރުމަށް ބޭނުންވީ. މި ފުރުސަތުގައި މި ޕްރޮޖެކްޓް ކާމިޔާބުކަމާއެކީ ނިންމާލުމުގައި އައިޝަތު އަޒްލީނާ ކޮށްދެއްވި ބުރަ މަސައްކަތް ފާހަގަކޮށް ޝުކުރު ދަންނަވަން." ޝިމާއު ވިދާޅުވި އެވެ.

ބީއެމްއެލްގެ މެނޭޖާ ޕްބިލިކް ރިލޭޝަންސް މުޙައްމަދު ސަޢީދު ވިދާޅުވީ ތައުލީމީ ދާއިރާއަކީ ކޮމިއުނިޓީ ފަންޑުގެ ދަށުން ހޮވޭ ޕްރޮޖެކްޓްތައް މެދުވެރިކޮށް ބީއެމްއެލްއިން އެހީފޯރުކޮށްދޭ އަދި ހާއްސަ ސަމާލުކަމެއްދޭ އެއް ދާއިރާ ކަމަށެވެ.

"މި ޕްރޮޖެކްޓުގެ ދަށުން މިވަނީ އއ. އަތޮޅު ތައުލީމީ މަރުކަޒުގެ އެލްކޭޖީއިން ފެށިގެން ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން ބޭނުންކުރާނެ ފޮތް ހޯދައިދެވިފައި. ފޮތްތަކުގެ އިތުރުން ލައިބްރަރީއަށް މިވަނީ އިތުރު ފުރިހަމަކަމެއް ގެނެވިފަ. އަޅުގަނޑުމެންގެ އުއްމީދަކީ މިއީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާކުރާނެ ޕްރޮޖެކްޓަކަށްވެގެން ދިޔުން." ސައީދު ވިދާޅުވި އެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން މިއަހަރުގެ މިހާތަނަށް 10 ޕްރޮޖެކްޓެއް ހިންގުމަށް މާލީ އެހީތެރިކަން ވަނީ ދީފަ އެވެ. އަދި މިހާރު ހުށަހަޅާފައިވާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު 10 ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޕޯސަލްއެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ވެސް ބީއެމްއެލްއިން ވަނީ ރާވާފަ އެވެ.

comment ކޮމެންޓް