ސިޔާސީ ފިއްތުންތަކާ ހެދި ގައިދީއަކު މިނިވަނެއް ނުކުރާނަން: އިމްރާން

އިމްރާން މަޖިލިސްގައި: ގައިދީއަކު މިނިވަން ކުރުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށް ވިދާޅުވި --- ފޮޓޯ/ މަޖިލިސް

ސިޔާސީ ފިއްތުންތަކުގެ ސަބަބުން ގައިދީއަކު މިނިވަން ކުރުމުގެ މޭސްތިރިއަކަށް ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިމްރާން މިގޮތަށް ވިދާޅުވީ، މަޖިލީހަށް އިދިކޮޅުން ވެއްދި އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީ ވަމުންނެވެ.

އެގޮތުން މިއަދު ބޭއްވި ޖަލްސާގައި އެކަމަށް ޖަވާބުދާރީވަމުން އިމްރާން ވިދާޅުވީ، އޭނާ ހުންނެވީ ދޫދޭ ގޮތަކަށް ނޫން ކަމަށާއި، އިދިކޮޅުން އެ މައްސަލަ މަޖިލީހަށް ވެއްދީ ސިޔާސީ ގޮތުން އޭނާ މިދިޔަ ދުވަސްތަކުގައި ކޮށްފައިވާ ރަނގަޅު މަސައްކަތްތަކުގެ ސަބަބުން ކަމަށެވެ.

"ސިޔާސީ ގޮތުން ކުރިމަތި ކުުރާ މިފަދަ ފިއްތުންތަކުގެ ސަބަބުން ޖަލު ބަންދުގައި ހުންނަ މީހަކު ނެރެ ދިނުމުގެ މޭސްތިރިއަކަށް އަޅުގަނޑު ނުވާނަން،"އިދިކޮޅު ސިޔާސީ ލީޑަރަށް ނިސްބަތްކޮށް ނުސީދާކޮށް ރައްދު ދެއްވައި އިމްރާން ވިދާޅުވިއެވެ.

"11 މެމްބަރުން ސޮއިކޮށް އަޅުގަނޑާ ދެކޮޅަށް ހުށަހެޅި މައްސަލަ ގުޅެނީ، ވޭތުވެދިޔަ އަހަރުތަކުގައި ރައްޔިތުން އެދޭފަދަ ވެރިކަމެއް ގާއިމް ކުރަން ރާއްޖޭގެ ސިޔާސީ މަސްރަހުގައި އަޅުގަނޑު އަދާކޮށްފައިވާ ދައުރާ މެދު."

އިމްރާން ވާހަކައިގައި އޭނާ ވަނީ ވަރަށް ބޮޑަށް މިދިޔަ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން އެދުވަސްތައް މާޒީވެ ހިނގައްޖެ ކަން އޭނާ އިދިކޮޅު މެމްބަރުންނަށް ހާދާން ކޮށްދިނެވެ.

"ﷲގެ ވާގި ފުޅާއެކު، އަނިޔާވެރިކަމާއި ބޭއިންސާފާއި ކޮރަޕްޝަންއާއި ފަސާދައިގެ ވަކިތަކުން އަދުލުއިންސާފު ގާއިމްކުރުމުގެ ބާރާއި ގާނޫނު ހެދުމުގެ ބާރާއި ވެރިކަން ހިންގުމުގެ ބާރު، ކުޑަ ކަކޫ މައްޗަށް ތިރި ކުރި ދުވަސް މާޒީވެ ހިނގައްޖެ،" އިދިކޮޅަށް ބަހުގެ ހަމަލާތަކެއް ރައްދު ކުރަމުން އިމްރާން ވިދާޅުވިއެވެ.

"ސްޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނަގައިގެން ވަތް ދުވަސް މާޒީވެއްޖެ. ރައްޔިތުންގެ މަޖިލީހަށް އަސްކަރިއްޔާ ވަދެ، ރައްޔިތުން އިންތިހާބު ކުރި، ރައްޔިތުންގެ މެންމަބަރުން ގޭޓުމަތިން ނެރެ އުކާލި ދުވަސް މާޒީވެ ހިނގައްޖެ،"

އިމްރާން ވިދާޅުވި ގޮތުގައި، ކޮންމެ އަނިޔާވެރި ވެރިކަމެއްގެ ފަހަތުގައިވެސް ބާރާއި ނުފޫޒު އޮންނާނެ އެވެ. އަދި އެފަދަ ވެރިކަން ނެތިގެންދާ ކޮންމެ ފަހަރަކު އެފަދަ މީހުން އަދުލުއިންސާފަށް ހުރަސް އަޅާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"ގެއްލޭ ވެރިކަން އަލުން އިޔާދަކޮށް، ގޮށްމުށުގެ ބާރު އަލުން ހިންގަން މަސައްކަތް ކުރުމަކީ ތާރީހު ހެކިދޭ ހަގީގަތެއް. އެހެން ނަމެވެސް އިއްޒަތްތެރި ރައީސް އަޅުގަނޑު މިހުރީ ދޫދޭ ގޮތަކަށް ނޫން،" އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އިދިކޮޅުން ކިތަންމެ ފިއްތުންތަކެއް ކުރިމަތި ކުރުވި ނަމަވެސް، ސަރުކާރުން ވެފައިވާ ވައުދުތަކާ އެއްގޮތަަށް މިދިޔަ ސަރުކާރުގައި ހިންގި ކޮރަޕްޝަންގެ މައްސަލަތައްވެސް ބަލާނެ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ދައްކުވައިދޭ މަގުން، މި އިއްޒަތްތެރި މަޖިލީހުގެ އެހީއާއެކު ރާއްޖޭގެ ދާހިލީ ހަމަޖެހުން ގާއިމްކުރުމުުގެ ޒިންމާ ހަވާލުވެ ހުރި ވަޒީރުގެ ހައިސިއްޔަތުން ރައްޔިތުންގެ މާލިއްޔާތުން ނެގި ބައިވަރު ފައިސާއާ ގުޅޭ މައްސަލަ އަޅުގަނޑުމެން ބަލާނަން،" އިމްރާން ވިދާޅުވި އެވެ.

އިމްރާންގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލަމަށް ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ޕާލިމަންޓަރީ ގްރޫޕުން ވަނީ ނިންމާފައެވެ. އަދި އެ މައްސަލައަށް ތާއިދު ކުރާނެ ކަން ޕީޖީން ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް