އިބްރަހިމޯވިޗްގެ ރެކޯޑަކާ އެކު މިލާން އެއްވަނައިގައި

މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް --- ފޮޓޯ//ލައިވްސްކޯ

އިޓާލިއަން ލީގުގައި ރޭ ވާދަވެރި ނަޕޯލީއަތުން އޭސީ މިލާން މޮޅުވެ، އެއްވަނައަށް އެރި މެޗުގައި މިލާނުގެ ތަޖުރިބާކާރު ފޯވާޑް ޒްލަޓަން އިބްރަހިމޯވިޗް ރެކޯޑް ހަދައިފި އެވެ.

ނަޕޯލީގެ ސަން ޕައޮލޯ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ހޯމް ޓީމުގެ މައްޗަށް މިލާން ކުރި ހޯދީ 1-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދައިގެން މިލާން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލި އިރު، ދެވަނައިގައި އޮތް ސަސުލީއަށް ލިބިފައިވަނީ 18 ޕޮއިންޓް އެވެ. ތިންވަނައިގައި ރޯމާ 17 ޕޮއިންޓް ހޯދައިގެން އޮތް އިރު އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް 16 ޕޮއިންޓާ އެކު މިވަގުތު އޮތީ ހަތަރުވަނައިގަ އެވެ.

ރޭގެ މެޗަކީ މިލާނަށް ލީގުގައި ނަޕޯލީ އަތުން އެ ޓީމުގެ ދަނޑުގައި 10 އަހަރަށް ފަހު މޮޅުވި ފުރަތަމަ ފަހަރުވެސް މެ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގައި މިލާނުން ފުރަތަމައިން ލީޑު ނެގީ މެޗުގެ 20 ވަނަ މިނަޓުގަ އެވެ. ތެއޯ ހެނާންޑޭޒް ނެގި ހުރަހަކުން އިބްރަހިމޮވިޗް ބޮލުން ޖަހައި އެ ގޯލު ވައްދާލީ ނަޕޯލީގެ އިތުބާރު ޑިފެންޑަރު ކަލިދޫ ކުލިބާލީ ބޯމަތިން އަރައިފަ އެވެ.

އެއަށްފަހު ދެވަނަ ހާފު ފަށައިގެން 54 ވަނަ މިނަޓުގައި އިބްރަހިމޯވިޗް ވަނީ އޭނާގެ ދެވަނަ ގޯލު އެ މެޗުގައި ޖަހައިދީ ތާރީހުން ރެކޯޑެއް މުގުރާލައިފަ އެވެ. އެއީ ފުރަތަމަ އަށް މެޗުގައި 10 ގޯލު ހަމަކުރި އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ރެކޯޑެވެ. މީގެ ކުރިން އެ ރެކޯޑް އޮތް ލާޒިއޯގެ ސިލްވިއޯ ޕިއޯލީ 29 އަހަރުގައި އެ އަދަދު ހަމަކުރި އިރު، އުމުރުން 39 އަހަރުގެ ކުޅުންތެރިޔާ މި ވަނީ މި ސީޒަނުގައި 10 މެޗުން 11 ގޯލް ޖަހައިފަ އެވެ.

އެހެން ނަމަވެސް ރޭގެ މެޗުގެ ފަހުބައިގައި ލިބުނު އަނިޔާއެއްގެ ސަބަބުން އިބްރަހިމޯވިޗް ވަނީ ބަދަލުކޮށްފަ އެވެ. އޭނާގެ އަނިޔާގެ ސީރިއަސްކަން މިލާނުން ހާމަނުކުރި ނަމަވެސް އެއީ ހެމްސްޓްރިންގް އަނިޔާއެއް ކަމަށް އިޓަލީގެ ބައެއް މީޑިއާތަކުން ވަނީ ބުނެފަ އެވެ.

ނަޕޯލީން 63 ވަނަ މިނަޓުގައި ޑްރިއެސް މާޓިންސްގެ ގޯލުން ފަރަގު ކުޑަކޮށް އުންމީދު އައުކޮށްގެން ކުޅެން މަސައްކަތަ ކުރި ވަގުތު އެ ޓީމުގެ ޓިމެޔޯ ބަޔަޔޯކޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދެއްކުމުން މެޗުގެ ކޮންޓްރޯލް ގެއްލުނީ އެވެ.

ނަތީޖާއަކަށްވީ، އިތުރު ވަގުތުގެ ތެރޭ ބަދަލު ކުޅުންތެރިޔާ ޖޭންސް ޕެޓާ ހޯގް މިލާންގެ ލީޑު އަނެއްކާޥެސް ފުޅާކުރުމެވެ.

comment ކޮމެންޓް