ތިނަދޫގެ ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ހަތަރު މީހުން ފިހިއްޖެ

ރޭ ގދ. ތިނަދޫ ފަޅުތެރޭގައި އޮއްވާ އަލިފާނުގެ ހާދިސާއެއް ހިނގި ރާސްތާ ދޯނި -- ފޮޓޯ/ އެމްއެންޑީއެފް

ގދ. ތިނަދޫ ފަޅުތެރޭގައި އޮތް ދޯންޏެއްގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއެއްގައި ހަތަރު މީހުން ފިހިއްޖެ އެވެ.

އެމްއެންޑީއެފްއިން މިއަދު ބުނީ، ރޭ ދަންވަރު 00:34ގައި ތިނަދޫ ފަޅުތެރޭގައި އޮތް "ރާސްތާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެގެން ތިނަދޫގެ ފަޔާ ސްޓޭޝަނުގެ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ހާދިސާ ހިނގީ ދޯނީގެ ގޭސްފުޅިއަކުން ގޭސް ލީކުވެގެންނެވެ. އެ ހާދިސާގައި ހަތަރު މީހަކު ފިހިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ތިނަދޫ ހޮސްޕިޓަލުގެ މެނޭޖަރު އަހުމަދު ސައީދު "ސަން"އަށް ވިދާޅުވީ، ފިހުނު ހަތަރު މީހުން ފިހިފައި ވަނީ އެކި ވަރުވަރަށް ކަމަށެވެ. އަދި ބައެއް މީހުންގެ މޫނުވެސް ފިހިފަައިވާ ކަމަށް ވިދާޅުވި އެވެ.

ނަމަވެސް، އެ ހުރިހާ އެންމެންގެ ހާލުވެސް މިހާރު ސްޓޭބަލް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ މީހުންނަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދާ ކަމަށް ވިދާޅުވި އެވެ.

އަހުމަދު ސައީދު ވިދާޅުވީ ފިހުނު ހަތަރު މީހުންގެ ތެރެއިން އެކަކުގެ ހަށިގަނޑުގެ 60 ޕަސެންޓު ފިހިފައިވާ ކަމަށެވެ. ނަމަވެސް، އޭނާގެ ފުރާނައަށް ނުރައްކާވާ ވަރަށް ހާލު ސީރިއަަސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

comment ކޮމެންޓް