މެކްރޮންއާއި ހިޓްލަރާ އެއްފަދަކުރުމުން ފްރާންސް ރަތަށް

މެކްރޯން އާއި ޝީރީން

އިސްލާމްއާބާދު (ނޮވެމްބަރު 23): ފްރާންސްގެ ރައީސް އެމަނުއެލް މެކްރޯންއަކީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެޑޮލްފް ހިޓްލަރު ފަދަ އަނިޔާވެރި ލާއިންސާނީ ބޭފުޅެއްކަމަށް ޕާކިސްތާނުގެ ވަޒީރަކު ސިފަކުރުމުން ފްރާންސް ރުޅިގަދަވެއްޖެއެވެ.

ފްރާންސްގެ ސްކޫލުތަކުގައި ކިޔަވާ މުސްލިމު ދަރިވަރުންނާއި އެހެން ދަރިވަރުން ތަފާތުކުރުމަށްޓަކައި މެކްރޮންގެ ސަރުކާރުން ގެންގުޅޭ ގޮތްތަކާށް އިޝާރާތްކުރައްވައި ޕާކިސްތާނުގެ ހިއުމަން ރައިޓްސް މިނިސްޓަރު ޝީރީން މަޒާރީ ވިދާޅުވީ މެކްރޮންގެ ވެރިކަމުގައި ފްރާންސުން މުސްލިުމުންނާ މެދު މުއާމަލާތްކުރަނީ އެޑޮލްފް ހިޓްލަރުގެ ވެރިކަމުގައި ޖަރުމަނުން ޔަހޫދީންނާ މުއާމަލާތްކުރި އަނިޔާވެރި ގޮތަށް ކަމަށެވެ. އަދި މެކްރޮންއަކީ ހިޓްލަރުފަދަ ހަރުކަށި އަނިޔާވެރިއެއްގެ ގޮތުގައި ސިފަކުރިއެވެ.

ޝީރީން ވިދާޅުވީ ފްރާންސްގެ ސްކޫލުތަކުގައި ކިޔަވާ މުސްލިމު ދަރިވަރުންނަކީ މުސްލިމުންކަން ހާމަކުރުމަށް ހާއްސަ އައިޑީކާޑެއް މެކްރޮންގެ ސަރުކާރުން ތައާރަފުކުރި ކަމަށާއި މިއީ ހިޓްލަރުގެ ދުވަސްވަރު ޖަރުމަނުގެ ސްކޫލުތަކުގައި ޔަހޫދީ ދަރިވަރުން ފާހަގަކުރުމަށްޓަކައި ރީނދޫ ތަރިއެއް ޖަހަން މަޖުބޫރުކުރި ކުރުން ފަދަ ކަމެއް ކަމަށެވެ.

މިނިސްޓަރު ޝީރީން މިގޮތަށް ޓްވީޓުކުރެއްވުމުން މެކްރޮންގެ އޮފޯހުން ވަނީ ޕާކިސްތާނަށާއި ޝީރީނަށް ވަރަށް ބޮޑަށް ފާޑުކިޔައި ބަޔާނެއް ނެރެފައެވެ. އަދި އެ ޓްވީޓު ޑިލީޓުކުރުމަށް އަންގައި ފްރާންސްގެ ފޮރިން މިނިސްޓްރީން ވަނީ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއަށް ސިޓީއެއްވެސް ފޮނުވާފައެވެ.

އެ ސިޓީގައި މެކްރޮންއާ ހިޓްލަރާ އެއްފަދަކުރުން ފްރާންސަށް ބަލައިނުގަނެވޭނެ ކަމަށާއި އަދި އެއީ މައާފު ނުކުރެވޭނެފަދަ ޖަރީމާއެއް ކަމަށް ފްރާންސުން ބުނެފައިވެއެވެ.

ފްރާންސުން ހިންގި ކީރިތި ރަސޫލާ މުހައްމަދު (ސޢވ)އަށް ފުރައްސާރަކުރުމުގެ ޖަރީމާއަށް މެކްރޮން ތާއީދުކުރެއްވި މައްސަލައިގައި އިސްލާމީ ދުނިޔޭގައި މެކްރޮންއާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވަނީ ކޮށްފައެވެ. އަދި އިސްލާމީ އެތައް ގައުމަކުން ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓްކުރަން ފަށާފައެވެ.

މި މައްސަލާގައި މައާފަށް އެދުމަށް ބައެއް މުސްލިމު މުފައްކިރުން މެކްރޮންއަށް ގޮވާލެއްވި ނަމަވެސް އޭނާ އެކަން ކުރަން ފަސްޖެހިވަޑައިގަތެވެ. އޭގެ ބަދަލުގައި މެކްރޮން ވިދާޅުވީ އޭނާ އެފަދަ ކާޓޫނުތަކަށް ތާއީދު ނުކުރައްވާ ކަމަށާއި މީޑިއާއިން އެކަން އޮޅުވާލީ ކަމަށެވެ.

ކީރިތި ރަސޫލާ މުހައްމަދު (ސޢވ) އަށް ފުރައްސާރަކޮށް ކުރެހި ކާޓޫންތަކަށް ފަރަންސޭސި ރައީސް ތާއީދު ކުރެއްވި މައްސަލާގައި ފްރާންސަށް ރަސްމީ ސިފައެއްގައި އެންމެ ބޮޑަށް ފާޑުކިޔާފައިވާ ގައުމަކީ ޕާކިސްތާނެވެ. ޕާކިސްތާނުގެ އިތުރުންވެސް މުސްލިމް އެތަށް ގައުމަކުން މިމައްސަލާގައި ފްރާންސް ކުށްވެރިކޮށް ރަސްމީ ސިފައެއްގައި ބަޔާންތައް ނެރެފައިވެއެވެ. (ނޫސްއެޖެންސީތަށް)

comment ކޮމެންޓް