ޓެކްސީތަކުން ގައިޑްލައިން އަށް އަމަލު ނުކުރާކަން ފާހަގަކުރެވޭ: ނަޒްލާ

ޓެކްސީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޮވިޑް19ގެ ހާލަތުގައި ޓެކްސީތަކުުން އަމަލުކުރަންވީ ގޮތުގެ ގައިޑްލައިން އެއް އެކުލަވާލާފައި އޮތްނަމަވެސް، ބައެއް ޓެކްސީތަކުން ގައިޑްލައިން އަށް އަމަލު ނުކުރާކަން ފާހަގަވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

އެ ސެންޓަރުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ފެރީތަކާއި ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތްދޭ ބަސްތައް އަދި ޓެކްސީތައް އިންސްޕެކްޓު ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މި އިންސްޕެކްޝަންތަކުން ފާހަގަކުރެވިފައިވާ ކަންތައްތައް އެބަހުރި ކަމަށާއި ހާއްސަކޮށް ޓެކްސީތައް ގައިޑްލައިންގައި އޮންނަ ގޮތަށް އަމަލު ކުރުން ހުއްޓަލާފައިވާ ކަން ފާހަގަކުރެވޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

https://sun.mv/137511

"ގައިޑްލައިންގައި އޮންނަ ގޮތުންވިއްޔާ ޕެސެންޖާ ސީޓާއި ޑްރައިވާ ސީޓާ ދެމެދުގައި ޕާޓިޝަނެއް އެބަޖެހޭ ހުންނަން ފަސިންޖަރުން ތިބެންޖެހޭބީ ފަހަތުގައި ކުރީގައި ތިބެގެން ނުވާނެ. އެހެންނަމަވެސް މިއާ ހިލާފަށް އެއްވެސް ޕާޓިޝަނެއް ނެތި، ކުރިން ޕާޓިޝަން ޖަހާފައި ހުރި ފަރާތްތަކުން ވެސް މިހާރު ނައްޓަލާފައި ހުރިކަމަށް އިންސްޕެކްޝަނުގއި ފާހަގަ ކުރެވެނީ. އަދި ދުއްވާއިރު ފަހަތުގެ ކުޑަދޮރުތައް ވެސް ނުހުޅުވާ ކަމަށް ފާހަގަ ކުރެވެނީ." ޑރ. ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ ވިދާޅުވީ މާލޭގައި ކޭސްތައް މަދުކަމަށާއި ގައިޑްލައިން އާ އެއްގޮތަށް ކަންތައް ކުރަން ނުޖެހޭ ކަމަށް ބައެއް ޓެކްސީތަކުން ބުނެފައިވާ ކަމަށެވެ.

"އެކަމަކު ވެސް އަޅުގަނޑުމެން ފާހަގަކޮށްލަން ގައިޑްލައިންތަކަކަށް ބަދަލެއް ނާދޭ، ގައިދްލައިންގައި ހުންނަ ކަންތައްތަކަކީ ބައި އިތުރަށް ފެތުރުން ހުއްޓުވަން ހުންނަ ކަންތައް،" ޑރ. ވިދާޅުވީ ބަލި މަދުކަމަށް ބަލައި ގައިޑްލައިންތަކަށް އަމަލު ނުކުރާނަމަ ބަލި އިތުރަށް ފެތުރިގެންގޮސްދާނެ ކަމަށެވެ.

އެޗްޕީއޭގެ ގައިޑްލައިންގައިވާ ގޮތުން ޓެކްސީތަކުގައި ޑްރައިވަރު ޝީޓާ ފަސިންޖަރުން ތިބޭ ސީޓާ ދެމެދު ޕާޓިޝަން ހުންނަން ވާނެއެވެ. ޑްރައިވަރުން ވެސް ފަސިންޖަރުން ވެސް ތިބެންވާނީ މާސްކު އަޅައިގެންނެވެ. ދަތުރުގައި ޓެކްސީގެ ފަހަތުގެ ކުޑަދޮރުތައް ހުންނަންވާނީ ބިއްލޫރިގަނޑު ތިރިއަށް ކަހާލައިފަ އެވެ.

comment ކޮމެންޓް