އެމެރިކާއިން އަންނަ މަހު ކޮވިޑް ވެކްސިން ދޭން ތައްޔާރުވަނީ

ވޮޝިންޓަން (ނޮވެމްބަރު 23): އެމެރިކާއިން އަންނަ މަހުގެ 11 ނުވަތަ 12އިގައި ކޮވިޑް-19 ވެކްސިން ދޭން ފެށުން އެކަށީގެންވާ ކަމަށް އެގައުމުގެ ކޮރޯނާވައިރަސް ވެކްސިން ޕްރޮގްރާމްގެ ވެރިޔާ ޑރ. މުންސިފް ސްލާއުއީ ވިދާޅުވެއްޖެ އެވެ.

ސްލާއުއީ އެފަދައިން ވިދާޅުވީ އެމެރިކާގެ ފައިޒާ ކުންފުންޏާއި ޖަރުމަނުގެ ބަޔޯއެންޓެކްއިން ގުޅިގެން އުފެއްދި ކޮވިޑް ވެކްސިންއަށް ވަގުތީ ހުއްދައެއް ދޭން އެ ދެ ކުންފުނިން އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އަށް ހުށަހެޅި ފަހުންނެވެ. އެ ވެކްސިން ދޭ މީހުންގެ ތެރެއިން 94 ޕަސެންޓު މީހުން ކޮވިޑުން ރައްކާތެރި ކުރެވޭ ކަމަށް އޭގެ ޓެސްޓުތަކުން ދައްކާ ކަމަށް ފައިޒާ އާއި ބަޔޯއެންޓެކްއިން ބުންޏެވެ.

އެ ވެކްސިން ބޭނުން ކުރަން ހުއްދަ ދިނުމާ ބެހޭ ގޮތުން އެފްޑީއޭގެ އޮފިޝަލުން އަންނަ މަހުގެ އަށެކާއި 10އާ ދެމެދު މަޝްވަރާ ކުރާނެ އެވެ. އަދި އެ ވެކްސިންއަށް ހުއްދަ ދޭން އެފްޑީއޭއިން ނިންމައިފި ނަމަ ވެކްސިން ދިނުން 11 ނުވަތަ 12އިގައި ފެށުން އެކަށީގެންވެ އެވެ.

"އަޅުގަނޑުމެން ބަލާނީ ހުއްދަ ލިބޭތާ 24 ގަޑި އިރު ތެރޭ އެ ވެކްސިންތައް އިމިއުނައިޒޭޝަން ސައިޓުތަކަށް ފޮނުވޭތޯ. ވީމާ އެއީ ހުއްދަ ލިބޭތާ އެކެއް ނުވަތަ ދެ ދުވަސް ފަހުން ޑިސެމްބަރު 11އިގައި ނުވަތަ 12އިގައި،" ސްލާއުއީ ވިދާޅުވި އެވެ.

ފައިޒާއިން އުއްމީދު ކުރަނީ މި އަހަރު ތެރޭ ވެކްސިންގެ 50 މިލިއަން ޑޯޒް އުފެއްދުމަށާއި އަންނަ އަހަރު 1.3 ބިލިއަން ޑޯޒް އުފެއްދުމަށެވެ. އެ ވެކްސިންގެ ދެ ޑޯޒް ކޮންމެ މީހަކަށްވެސް ބޭނުންވެ އެވެ.

ސްލާއުއީ ވިދާޅުވި ގޮތުގައި އެ ވެކްސިން އެމެރިކާގެ ސްޓޭޓުތަކަށް ފޮނުވާނީ އެ ސަރަހައްދެއްގެ އާބާދީއަށް ބަލާފަ އެވެ. އަދި ވެކްސިން ފުރަތަމަ ދޭނެ ބަޔަކު ކަނޑައަޅާނީ އެ ސްޓޭޓަކުން ކަމަށާއި ނަމަވެސް ވެކްސިން ޕްރޮގްރާމުން އުއްމީދު ކުރަނީ އެންމެ ފުރަތަމަ ފްރޮންޓް-ލައިން މަސައްކަތްތެރިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން ދޭނެ ކަމަށެވެ.

ސްލާއުއީ ވިދާޅުވި ގޮތުގައި 328.2 މިލިއަން މީހުންގެ އާބާދީއެއް އޮންނަ އެގައުމުގައި 70 ޕަސެންޓު މީހުންނަށް ވެކްސިން ދިނުމުން، ވެކްސިން ބޭނުން ނުކުރެވޭ މީހުންނަށްވެސް ރައްކާތެރިކަން ލިބޭނެ ގޮތަށް ހާޑް އިމިއުނިޓީ އުފެދޭނެ ކަމަށް ބެލެވެ އެވެ.

އެމެރިކާގެ ކޮވިޑް ވެކްސިން ޕްރޮގްރާމުން އެފަދައިން ބުނީ އެގައުމުގައި ބަލި ޖެހުނު މީހުންގެ އަދަދު 12 މިލިއަނަށް އެރި ފަހުންނެވެ. އަދި އެގައުމުގައި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 261,000އަށް ވުރެ އިތުރުވެފަ އެވެ.

comment ކޮމެންޓް