އެމްއޭސީއެލް ކާގޯ ޑިޕާޓްމަންޓާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ކ. ރަށްފަޅުހުރާއިން ޕޮޒިޓިވްވި މީހުންގެ އަދަދު 100އިން މައްޗަށް އަރައިފި އެވެ.
އެޗްއީއޯސީއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އެމްއޭސީއެލްގެ ކާގޯ ޑިޕާޓްމަންޓުން މިހާތަނަށް 102 މީހުން އަދި ރަށްފަޅު ހުރާއިން 107 މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ.
އެ ދެ ކްލަސްޓާގައި ކޮންޓެކްސްގެ އަދަދުވެސް ހުރީ 100އިން މަތީގައި ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ. އެގޮތުން ކާގޯ ކްލަސްޓާގައި 191 ކޮންޓެކްޓްސް އަދި ރަށްފަޅު ހުރާ ކްލަސްޓާގައި 125 ކޮންޓެކްޓްސް ހިމެނެ އެވެ.
ކާގޯ ޑިޕާޓުމެންޓުން އެންމެ ފުރަތަމަ މީހަކު ޕޮޒިޓިވްވީ މިމަހުގެެ ފަސްވަނަ ދުވަހުގަ އެވެ. އަދި ރިޒް ކާލްޓަންއިން ތަރައްގީކުރާ ކ. ރަށްފަޅުހުރާއިން މިމަހުގެ 15 ވަނަ ދުވަހު ނެގި 249 ސާމްޕަލުން 26 މީހަކު ޕޮޒިޓިވްވި އެވެ.
ހަތަރު ރަށެއް ހިމެނޭ ގޮތަށް ތަރައްގީ ކުރަމުން ދިޔަ ރަށްފަޅުހުރާގައި 2000 އެއްހައި މީހުން ހަރަކާތްތެރިވަމުންދާ ކަމަށް އެޗްއީއޯސީން މީގެ ކުރިން ބުނެފައިވެ އެވެ.
މިހާތަނަށް ރާއްޖެއިން 12،608 މީހުން ޕޮޒިޓިވްވެފައިވާއިރު، މި ބަލީގައި 46 މީހުން ވަނީ މަރުވެފަ އެވެ.