އަންދަލުސްގެ ޕްރިންސް 7

އަންދުލުސް ޕްރިންސް

ރަސްގެފާނު ދިރިއުޅުއްވާ ގަނޑުވަރު ބިނާކޮށްފައިވަނީ އިރުއުތުރުން ތަންކޮޅެއް އުހުގައެވެ. ތިރިން ފެންނަން އޮންނަނީ ތާގޫސް ކޯރެވެ. ގަނޑުވަރުގެ ވަށައިގެން ތަފާތު ވައްތަރުގެ ގަސްތަކެވެ. ފަރުބަދަމަތީގައި ވިނަތައް ހެދި އެކި ކުލައިގެ މާތައްފޮޅިފައިވާއިރު ލޯތަކަށް ފިނިކަމެއް ލިއްބާދެއެވެ. ކޯރާއި ގުޅިފައިވާ ކުދި ފެން އާރުތަކުން އިތުރަށް މުއްސަދިކުރުވައެވެ. ކޯރާއި ދިމާލުން ނޫނީ އެހެން ހިސާބުން ފާރުތައް ރާނާ ވަރުގަދައަށް ފޯރި މެރުމުގައި ރަސްގެފާނުގެ ސިފައިން ދާއިމީކޮށް ތިބޭތަން ފެނެއެވެ. ކޯރު ހުރަސްކޮށް ބަޔަކު ގަނޑުވަރަށް ވަދެފާނެކަމަށް ހީނުކުރަނީ ކަމަށް ވެދާނެއެވެ.

ޝާހީ ގަނޑުވަރާއި ގުޅިފައިވާ ތަންކޮޅެއް ކުޑަ ގަނޑުވަރަކަށް ދާން ހަނި މަގެއް ވެއެވެ. އެކުޑަ ގަނޑުވަރުގެ އަނެއް ފަރާތުގައިވާ ގޭޓުން ބަގީޗާތެރެއަށް ނުކުމެވޭއިރު އެ ތަނަވަސް ބަގީޗާގައި އަދި ކިތަންމެ ޝާހީ ބޮޑެތި ގެތަކެއް ފެންނާން ހުއްޓެވެ. އެތާގައި ދިރިއުޅުއްވަނީ ރަސްދަރިކަލުންނާއި އަދި އިއްޒަތްތެރިންނެވެ. ބަގީޗާއާއި ތަންކޮޅެއް ދުރުގައި ވަކިން ވާ ގަނޑުވަރަކީ ކައުންޓުންނާއި ޑިއުކުންފަދަ މަތީ ދަރަޖައިގެ ބޭފުޅުންގެ ދަރިކަލުންތަކަށްޓަކާ ވާ ތަނެކެވެ. ގޫތުންގެ އާދަކާދައިގެ މަތިން ޓޮލެޑޯގެ ޝާހީ ކޯޓުގައި އެފަދަ މާތް އަންހެން ދަރިކަނބަލުންނާއި އެއްތަންވެ އަދި ރަސްގެފާނުގެ ބެލުމުގެ ދަށުގައި ބޮޑުވެ އެ ދަރުބާރުގައި ތަމްރީނުދީ އިލްމު އުގަންނާދީ އެކަށީގެންވާ ފަރާތަކާއި ކައިވެނި ކުރުމެވެ.

އޭރު ރަސްކަމުގައި ހުންނެވީ ވިޓިޒާއެވެ. ވިޓިޒާގެ ތިން ފިރިހެން ކުދިންގެ ތެރެއިން އެންމެ ދޮށީކުއްޖާގެ ނަމަކީ އަލްފޮންސޯއެވެ. ކުރުކޮށް އާލްފް އެވެ. އާލްފް އޭނަގެ ދެ ފިރިހެން ކޮއްކޮމެންނާއެކު ކޯރުތެރޭ ފެންވަރާ ސަކަރާތް ޖަހާ މަންޒަރު ބަލަން ވަފާތެރި ޚާދިމު ޔައުގޫބު އައްސޭރިފަށުގައި އިށީދެލައިގެން އިނެވެ.

"މާބޮޑަށް ފިނިވެދާނެ. ފަންގަނޑުން އަރުއްވާ..." ޔައުގޫބު ކުޑަ ދެބެންގެ ގައިގާ ތުވާލި އޮޅާލަދިނެވެ.

"ހޫނު މޫސުމްގައި ރޯގާ ނުޖެހޭނެއެއްނު..." އާލްފް ކިޔައިލިއެވެ.

"ކިޔަވާ ގަޑި ޖެހިއްޖެ. މުދައްރިސް ދުރުވާނެ..."

"އޯ ކޮންމެވެސް އުޒުރެއް ދައްކާނެ. އެންމެ ރަގަޅު. އަހަރަަކަށް ވާ ވަރަށް ފެންވެރިއްޖެ." އާލްފް ފެންގަނޑުން އެރިއިރު ކަނދުރާއާއި ހަމަޔަށް ދިގުކޮށް އޮތް ކަޅުކުލައިގެ އިސްތަށިގަނޑު އޮތީ ތަތްލަވާފައެވެ. ކަކުލާއި ހަމަޔަށް އޮތް މުށި ހަރުވާޅުވެސް ތެމިގެން ހިފާފައެވެ. ކުއްލިއަކަށް ދެ އަންހެންކުދިން އެތަނަށް ނުކުތުމުން އާލްފް އަވަހަށް ފެންގަނޑުތެރެއަށް ތިރިވިއެވެ. އެތަނުން އެއްކުއްޖަކުގެ ރަންގަނޑެއްފަދަ އިސްތަށިގަނޑު ފެނުމާއެކު ކައުންޓް ޖޫލިއަންގެ ދަރިފުޅުކަން ދެނެގަނެވުނެވެ.

"ފްލޮރިންޑާ......."އާލްފްގެ ދެލޯ ދިއްލުނެވެ.

ފްލޮރިންޑާ އާއި ލޫލުއާ އާއި ދެކުދިން މަޑުކޮށްލީ ކޯރުގެ އައްސޭރިފަށުގައެވެ. ވައިލެޓްކުލައިގެ ދިގު ރޯބަކާއި އެކު އެތެރެއިން ލާފައި ހުރި ތުނި ހުދުކުލައިގެ ލޭސް ހެދުމާ ބޮލުގައި ތޮތްޕާއެކު ފްލޮރިންޑާ ރަސްދަރިކަނބަލެއްފަދައެވެ. އާލްފް ފެންގަނޑުން އަރަން ނުކެރިގެން އުޅޭކަން އެނގުމުން އަންހެންކުދިންނަށް މަޖާވިއިރު ޔައުގޫބުވެސް ހެނީއެވެ. އަދި އޭނަގެ އަތުގައި އޮތް ތުވާއްޔާއި އާލްފްގެ ހެދުން ފޯރުކޮށްލަދިނެވެ.

"އަންހެންކުއްޖަކަށްވުރެ އާލްފް ފިޑިއެއްނު..." ފޮލޮރިންޑާ އަތުގައި އޮތް މާކޯންޏާއި ކުޅެމުން ދިޔައިރު ތުންފަތުގައި ލާނެތް ހިންޏެކެވެ.

"ފިޑިވެގެނެއްނޫން. ހާދަ ރީތި މާތަކެކޭ.."

"އާލްފް ބޭނުންކަން އެނގުނުނަމަ މިއަށްވުރެ ގިނައިން މާ ބިނީމު ދޯ ލޫލޫ."

"ކޮންއިރަކު ފްލޯރާމެން އައީ؟ " އާލްފް ތުވާލި އޮޅާލައިގެން ތެތް ހެދުން ލުމަށްފަހު ކޯރުން އެރިއެވެ. އޭރު އޭނަ ހީކަރުވައިގެން މޫނު ކޮންމެވެސް ވަރަކަށް ހުދުވެފައެވެ. ރޫރޫ އަޅައެވެ." އަދި ތިއީ ފްލޯރާގެ ޚާދިމާ އެއްތަ؟"

"މިއީ ބަރުބަރު އާއިލާގައި ހިމެނޭ ކުއްޖެއް. އަޅުން ވިއްކަނިކޮށް ބައްޕަ ބައްލަވައިގަތީ. ޚާދިމާއަކަށްވުރެ ބޮޑަށް އެކުވެރިކުއްޖެއްކަމުގައި ދެކެވޭ. އަހަރެމެންގެ ބަހުރުވަވެސް އެނގެއޭ. އޭނަގެ އެކުވެރި ބައެއް ކުދިން ނަވުގައި މިހިސާބަށް ގެނެސް ވިއްކާލިކަމުގައި ލޫލޫ ބުނޭ. އުއްމީދަކީ ލޫލޫގެ އެކުވެރިންނާއި ކޮންމެވެސް ދުވަހަކުން ބައްދަލުވުމުގެ ނަސީބު މާތް ރަސްކަލާނގެ މިންވަރު ކުރެއްވުން...." ފްލޯރާ ލޫލޫއަށް ނަޒަރު ހުއްޓައިލުމަށްފަހު ތައުރީފުކުރިއެވެ.

"އިންޝާﷲ.." ލުއުލުއާ ހިތާހިތުން ކިޔާލައިފިއެވެ.

އަންދަލުސްގެ ރީތި ގަނޑުވަރުތަކާއި މޭވާ ބަގީޗާތަކާއި ކޯރުތައް ފަދަ ޒީނަތްތެރިކަން ފެނުނަސް އޭނަގެ ހިތް އަދިވެސް އަމިއްލަ އާއިލާއާއި ވަޒަނާއެކުގައެވެ. އިންތިޒާރު ކުރެވެނީ ދަންނަ އެންމެ މޫނެއްވެސް ފެނުމަށެވެ. ނަމަވެސް ދުވަސްވަމުންދާ ވަރަކަށް އުއްމީދުގެ ހުޅުކޮޅު ނިވި މާޔޫސްކަން ވަށާލައިފިއެވެ. ޖޫލިއަންގެ އާއިލާގެ ފަރާތުން ލިބެމުންދާ އޯގާތެރިކަމާއި އަޅާލުމަކުންވެސް އާއިލާއާއި އެކުވެރިން ނެތުމުގެ އުނިކަން ފޫބައްދައެއް ނުދެވުނެވެ. ރޭގަނޑު ބައްތިތައް ނިވި އަނދިރިކަމުގެ ތެރެއަށް ގެނބުމުން އޭނަގެ ލޮލުން ކަރުނަ އޮހިގަނެއެވެ. ބައެއް ކަހަލަ ހާދިސާތަކުން މާޒީގެ ހަދާންތައް އިތުރުކުރުވައެވެ. އާލްފް ކޯރުން އެރިގޮތުން ތާރިގު ކަނޑުގައި ނަވުގެ ފަހަތުން އެކުދިންނަށް ގޮވަމުން އައި މަންޒަރު ލޯމައްޗަށް ސިފަވެ ލޮލުން ކަރުނަ ހިލިއްޖެއެވެ. އެހެން މީހަކަށް ފެނުމުގެ ކުރިން އޭނަ އަތުގެ ނުފުށުން ކަރުނަ ފޮހެލައިފިއެވެ.

***

ޚަލީފާ އަބުދުލްމާލިކުއަށް ދައުލަތުގެ އިސްވެރިން ލަފާދެއްވީ އެފްރިކާ ހަމަޔަކަށް އެޅުއްވުމަށެވެ. މިފަހަރު ތަންކޮޅެއް ވަރުގަދަ ލަޝްކަރެއް އެކުލަވައިލާ ކޮމާންޑަރުކަން ދެއްވީ ހައްސާން ބިން ނޫމާނަށެވެ. އެކަލޭގެފާނަކީ ހަގުރާމައިގެ ތަޖުރިބާ ލިބިވަޑައިގެންފާ ހުންނެވި ކުޅަދާނަ ފަހުލަވާނެކެވެ. ހަގުރާމައިގެ މައިދާން ހޫނުކޮށްލާ މުޖާހިދުން ލޭ ކައްކުވާލާފަދަ ފޯރާއި ޖޯޝްގައި ހުންނަވާ ބޭކަލެކެވެ. އެކަލޭގެފާނު ލަޝްކަރާއިގެން ފުރަތަމަ ދަތުރުކުރެއްވީ މިސްރަށެވެ. ޚަލީފާ އަބުދުލްމާލިކު ހުންނެވީ މިފަހަރު ދައުލަތުގެ ހުރިހާ އެއްޗެއް އެ މުޖާހިދުންނަށްޓަކާ ހުސްކޮށްލައްވަން ތައްޔާރަށެވެ. ޚަޒާނާވެސް މުޖާހިދުންނަށްޓަކާ ހުޅުވާލެއްވިއެވެ. ޚަލީފާ ޖެނެރަލް ހައްސާން އަށް ސިޓީފުޅެއް ފޮނުއްވިއެވެ.

"މިސްރުގެ މުއްސަދިކަމުގެ ހުރިހާ ވަސީލަތެއް ކުރައްވާ. ކަލޭގެފާނާއިއެކުގައިވާ ބޭކަލުންނަށް ދެއްވާ އަދި ގުޅެމުންދާ މުޖާހިދުންނަށްވެސް ދެއްވާ. އަދި އެހެން މީހުންނަށްވެސް ދެއްވާ. އެއަށްފަހު މާތްﷲގެ ރަހުމަތާއި އެހީތެރިވޮޑިގަތުމާއެކު އެފްރިކާގެ ބިމަށް ދަތުރުކުރައްވާ"

ހައްސާންގެ ލަޝްކަރާއި މިސްރުން ގުޅުނު މުޖާހިދުންގެ ސަބަބުން އެ ލަޝްކަރުގެ އަދަދު ސާޅީސް ހާހަށް އެރިއެވެ.

ދެމަސްވާންދެން ދަތުރުކުރައްވާފައި ތަރާބުލްސްއަށް ވަޑައިގެންނެވުނެވެ. އެހިސާބުން ކުރިން އެފްރިކާއިން ބޭރުކުރެވުނު މުސްލިމުންވެސް އެބޭކަލުންނާއި ގުޅި ގައިރަވާންއަށް މިސްރާބު ޖެއްސެވިއެވެ. އެތަނުގެ އަހުލުވެރިން އެކަމާ ނިކަން އުފާކުރެއްވިއެވެ. އެމީހުންގެ ބޯމަތީގައިވާ ބިރުވެރިކަމުގެ ވިލާގަނޑު އެއްފަރާތްވީއެވެ. އަޅުވެތިކަމަށް ނިމުމެއް އަންނަނީއެވެ.

ހައްސާނު ވަޑައިގެން ކޭމްޕް ކުރެއްވީ ގައިރަވާންގެ ރަށް ބޭރުގައެވެ. މާތްﷲ ނަސްރު ދެއްވާނެކަމުގެ ޔަގީންކަމާއި އިތުބާރު އޮތެވެ. އަހަރަކަށްވުރެ ގިނަދުވަސްވީއިރު އެކަލޭގެފާނު އެފްރިކާގެ އެތައް ވެރިންނެއް ބަލިކޮށް ކިއްލާތައް ހިފާ ނަސްރާއި ކާމިޔާބު ހޯއްދެވުމަށްފަހު އެނބުރި ގައިރަވާންއަށް ވަޑައިގަތެވެ.

"ހަގުރާމަކުރާނެ އިތުރު ވެރިޔަކު ނޫނީ ރަސްކަލަކު ހުރެއްޖެއްޔާ އަވަހަށް އަންގާ. އެބަޔަކު އިސްލާމް ދީނަށް ވަދެއްޖައިމަށް ދާންދެން ނޫނީ އެބަޔަކު ނެތިގެން ދާންދެން ހަގުރާމަ ކުރާނަން..." ހައްސާން ގައިރަވާންގެ އަހުލުވެރިންނާއި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

"ޖަބަލް އައުރާސްގައި ހުރިހާ ރޫމީން ބިރުގަންނަ ކަހީނާއަކު ވެރިކަން ކުރޭ. އޭނަގެ ނަމަކީ ދިހުޔާ. ކުސައިލާ ނެތުމަށްފަހު ބަރުބަރުންވެސް އޭނައަށް ކިޔަމަންވޭ. އެއީ އެ ސަރަހައްދުގެ ރާނީ. ކަލޭގެފާނު އޭނަ ގަތުލުކޮށްލައްވައިފިއްޔާ ހުޅަގުގެ އެންމެންވެސް ކަލޭގެފާނަށް ތަބާވާނެ. އިތުރު ދުޝްމިނެއްވެސް ނުހުންނާނެ. އެންމެ ފަހު މީހަކީ އެއީ......."

***

ދިހުޔާ ބިންތު ތަބްތާ ބިން ނެއިގާން އަކީ ކަހީނެކެވެ. ރަތްކުލައިގެ އިސްތަށިގަނޑެއްގެ ވެރި ރީތި އަންހެނެކެވެ. ދިހުޔާގެ މާނައަކީވެސް ރީތި ފުއްލާއެވެ. ކުސައިލާއަށް ބޮޑުބޭބެ ކިޔާ ރަސްދަރިކަނބަލެއްކަމަށް ވުމާއެކު ބޮޑުބޭބޭގެ ރަސްކަމަށް އޭނަ ކުފޫ ހަމަވިއެވެ. ބޮޑަށް ކަހީނުކަމަށް ކުޅަދާނަވުމާއެކު ލިބިފައިވާ ރޫހާނީ ބާރުން މީހުން ހައްލައިލެވުމުގައި ކާމިޔާބުވެސް ވީއެވެ. އެހެން މީހުންގެ ޚިޔާލުތައް ދެނެގަތުމުގެ ގާބިލުކަންވެސް ހުންނަކަމަށާއި އޭނަ ދޫނިތަކާ ވާހަކަދައްކާ ކަމުގައިވެސް ބުނެ އުޅެއެވެ. އައުރާސްގެ ތަޚުތަށް ރެދަލި ވުމަށްފަހު އޭނަގެ ބާރާއި ނުފޫޒު މުޅި އެ ސަރަހައްދުގައި ހިނގަންފެށިއެވެ.

މުސްލިމުން އައުރާސްއަށް މިސްރާބު ޖަހާފައިވާކަން އެނގުމާއެކު ކަހީނާވެސް ހަގުރާމައިގެ ތައްޔާރީތަކުގައި އަވަދިނެތި އުޅުނެވެ.

ތާރިގުއާއި ލަޝްކަރު ވާދީގައި ކޭމްޕްކޮށްގެން ތިއްބާ އެ ގަބީލާގެ ކޮންމެވެސް ޒުވާނަކަށް ދުޝްމިނުން ހަމަލާ ދީ ޒަޚަމްކޮށްލިއެވެ. ޔޫސުފްގެ ފަރާތުން އެ ޚަބަރު ތާރިގުގެ ކަންފަތަށް ފޯރުމާއެކު ކޯފާވެގެން އެ ގަދަ ބުމަ ކައިރިކޮށްލެއްވިއެވެ. ކޯފާގެ އަސަރުތައް ނާރުގައި ހިނގައިލިއިރު އަހުގެ ލަނގަނަށް ބާރުކޮށްލެވިއްޖެއެވެ. އޭނަގެ އިސްތަށިގަނޑުގައި ވައި އަޅުވަމުން ވަޔައި ވާދަޔަށް އަސް ދުއްވާލެއްވިއިރު އަހުގެ މޮށްގަނޑުތައް ބިންމަތީގައި ޖެހޭ އަޑު ފަޒާގައި ހިފައިލީ ގުގުރީގެ އަޑުފަދައިންނެވެ. ދެތިން މޭލު ކަޑަައްތު ކުރެވުނުތަނާ ކޭމްޕަކުން ދުން އަރާތަންފެނި އެއީ ދުޝްމިނުންގެ ބައިގަނޑުކަން އެނގިވަޑައިގަތެވެ. އެހިސާބަށް ކައިރިކޮށްލެއްވުމާއެކު ބިޔަހަށިގަނޑެއް ލިބިފައިވާ ފިރިހެނަކު ކަނޑި ހިފައިގެން ނުކުތެވެ.

"ކަލެއަކީ ކާކުތަ؟ "އެމީހާ ސުވާލުކުރީ ދުޝްމިނުންގެ ވެރިމީހާ ފަދައިންނެވެ.

އޭގެ ޖަވާބަކަށްވީ ތާރިގުގެ އަވަސް ހަރަކާތާއެކު ދެއްވި ހަމަލާއެވެ. ދުޝްމިނުންވެސް ހީކުރިވަރަށްވުރެ ކުޅަދާނައެވެ. ދެފަރާތުން ބަދަލުކުރެވުނު ހޫނު ހަމަލާތަކަށްފަހު ތާރިގުގެ ކަނޑިކޮޅު ދުޝްމިނުންގެ ވެރިޔާގެ ކަރުގައި ޖައްސަވާލުމުން އޭނަ ސުލްހައިގެ އަތެއް ދިއްކޮށްލިއެވެ.

"ތިއީ ވަރަށް ކުޅަދާނަ ކޮމާންޑަރެއްކަމުގައި ގަބޫލުކޮށްފިން. އަހަންނަކީ ތޮމޮޝްކާ" ތޮމޮޝްކާ އަމާނަށް އެދުމުން ތާރިގު އޭނަ ދޫކޮށްލައްވައިފިއެވެ.

"ކަލޭގެ މީހުން އަހަރެންގެ ލަޝްކަރުގެ ކުއްޖަކަށް ހަމަލަދީ ޒަޚަމްކޮށްލައިފި. އެކަމުގެ އިންސާފު ހޯދަން ބޭނުން....."

"އަހަރެމެންގެ ތެރޭ އުޅޭ މޮޔައިން ނުވިސްނާ އެފަދަ ހަރަކާތްތައް ހިންގިޔަސް އެއީ އަޅުގަނޑުގެ އޯޑަރަށް ކުރި ކަމެއްނޫން. އަޅުގަނޑަކީ ކަހީނާގެ ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތްކުރަމުން އަންނަ މީހެއް. އެކަމަނާއަށް ތިފަދަ ކުޅަދާނަ ފަހުލަވާނުން ބޭނުންވޭ. ޖަބަލް އައުރާސްއަށް ވަޑައިގެން އެކަމަނާއާއި ބައްދަލުކޮށްފިއްޔާ ވަރުގަދަ އިނާޔަތްތަކާއެކު ލަޝްކަރުގެ ވެރިކަންވެސް ދެއްވަފާނެ. މުސްލިމުން ބަރުބަރުންނަށް ހަމަލާދޭން އުޅޭއިރު އެއްވެސް ބަރުބަރު ގަބީލާއަކުން ހިމޭނުން ތިބުމަކީ އެފްރިކާގެ މިނިވަންކަމަށް އެޅޭނެ ހުރަހެއް....." ތޮމޮޝްކާ ވިސްނައިލާފައި ވާހަކަދެއްކިއެވެ.

"އެންމެ ރަގަޅު. އަހަރެން ތި ކަހީނާއާއި ބައްދަލުކޮށްލަން ބޭނުން..."

"ހިންގަވާ. އޭނަގެ ފަރާތުން މުޅިންވެސް ރަގަޅުކަންތައް ކުރިމަތިވާނީ....."

ތާރިގުގެ އެ ނިންމެވުމަށް ބިންޒާ ދެކޮޅުހެދިއެވެ. ނަމަވެސް ތާރިގު ބިންޒާގެ މަޝްވަރާ އަޑުއެހުމެއް މިފަަހަރު ބޭނުންފުޅެއް ނުވިއެވެ.

ތާރިގުއާއި ލަޝްކަރު އެމީހުންނާއެކު އައުރާސް ފަރުބަދައާއި ހަމަޔަށް ދަތުރުކުރައްވާ ކަހީނާގެ ގަނޑުވަރަށް ވަޑައިގަތެވެ. ކަހީނާގެ ދަރިފުޅު ރުމާނާ އަށް ތާރިގު ފެނުމާއެކު އެހިތުގައި އަޖައިބެއްފަދަ އިހުސާސްތަކެއް އުފެދި އެ ރީތި ޒުވާނާއަށް ކަޅިޖަހައިލުމެއް ނެތި ބެލިއެވެ. ދުވަހަކު ނުދެކޭފަދަ ރީތި ޖެހިލުންކުޑަ ޒުވާނެކެވެ. ހެދުން އަޅާފައިވާގޮތާއި ހިންގަވާފައި އައިގޮތުންވެސް ރުމާންއަށް ހައިރާންކަމެއްލިބުނެވެ. ވަގުތުން އެ ހިތް އޭގެ މަގާމުން އުދުހިގެންގޮސް ތާރިގުގެ ފައިންޕުޅުމައްޗަށް ތިރިވެއްޖެއެވެ. ކަހީނާވެސް ތާރިގުއަށް ތައުރީފުކުރިއެވެ.

"އަަޅުގަނޑުގެ ހިތްބުނާގޮތުން މި ޒުވާން ގާބިލް ފަހުލަވާނު އަދި ކޮންމެވެސް ޒަމާނެއްގައި ވެރިޔަކަށް ވެ މި ސަރަހައްދަށް އިންގިލާބެއް ގެންނަވާނެ. ތި ދެލޮލާއި މޫނުމަތިން ފެންނަނީ ވެރިކަން. ހިތްވަރު. މާތްކަން. މުޅި ދުނިޔޭގައި ފަނޑުވުމެއްނެތި އަބަދަށް ދެމި ހުންނާނެ ނަމަކަށް ތިނަން ވާނެ ކަމާއިމެދު ޝައްކެއް ނުކުރަން. އަޅުގަނޑުމެންނާއެކު މުސްލިމުން ބަލިކޮށްލުމުގައި އެހީތެރިވެއްޖެއްޔާ ހާދަ ރަގަޅޭ.." ކަހީނާގެ ތައުރީފުތަކުން އޭނަގެ ދަރިފުޅުގެ ހިތަށް އިތުރު ތީރުތަކެއް ހެރިއްޖެއެވެ.

ކޮންމެހެންވެސް ތާރިގުގެ އެ ކާމިޔާބުގެ އެއްބައިގާ އޭނަވެސް ހިފަން ބޭނުމެވެ. ބައިވެރިޔަކަށް މިއަށްވުރެ ރަގަޅު ފިރިހެނަކު ލިބޭނެހެއްޔެވެ؟

ތާރިގުވެސް އޭނައާއި ބައިވެރިވެ ވަޑައިގެން ބަރުބަރުންގެ ހިމާޔަތުގައި ހުންނަވަން ނިންމެވިއެވެ.

ނަމަވެސް އޭނައާއެކު ހަފްތާއެއް ހޭދަކުރެއްވުނުއިރު ތާރިގުއަށް ވިސްނި ވަޑައިގަތީ ކުސައިލާއަށްވުރެ ކަހީނާ ނުބައިކަމެވެ. އިތުބަރުކުރެވި އެކީ މަސައްކަތްކުރުން ފަސޭހަނުވާނެކަން ވިސްނި ވަޑައިގަތެވެ. އެހެންނޫނަސް އޭނަގެ ބައްޕާފުޅުވެސް މުސްލިމުންނަށްޓަކާ ފުރާނަ ގުރުބާންކޮށްލެއްވީއެވެ. މާޒީގެ ހަދާންތައް އޭނަގެ ޚިޔާލުތައް އަނބުރައިލުމުން ހަގުރާމައިގާ ބައިވެރިވެ ވަޑައިނުގަންނަވަން ނިންމެވިއެވެ. އެވާހަކަ އިވުމުން ކަހީނާ ރުޅިއަރައިގެން ތާރިގުއާއި ލަޝްކަރުގެ އެންމެން ޖަލުގެ ގޮޅިތަކަށް ލައިފިއެވެ. ތޮމޮޝްކާ އެކަމާ ހިތާމަކުރިއެވެ. އޭނަގެ ހިތުން އޭރު ތާރިގު މަގާމެއް ހޯދައިފިއެވެ. ތާރިގުގެ ވިސްނުންފުޅު ބަދަލުކުރަން ތޮމޮޝްކާ މަސައްކަތްކުރިއެވެ.

"ބައެއްފަހަރު ވެރިންނަށް ކިޔަމަންވާން ހިތް ބުނުމުން ސިކުނޑިބުނާ އެއްޗަކަށް ނުބަލާ އަވަހަށް ގޮތެއް ނިންމުނީ. ބަރުބަރުންގެ ހިމާޔަތުގައި ވެސް ކަހީނާފަދަ މީހަކާއެކު މަސައްކަތްކުރުމަށްވުރެ އަހަރެން އަމިއްލައަށް ހަގުރާމަކުރިޔަސް މާ ރަގަޅުވާނެ. ކުސައިލާވެސް މަކަރުހެދީ. ކަހީނާގެވެސް އެފަދަ ސިފަތަކެއް ފެނިއްޖެ. އޭނައާއިއެކު މަސައްކަތް ކުރެވެން ދެން ނެތް" ތާރިގުގެ ޚިޔާލު ބަދަލުކުރުމަކީ ފަރުބަދައެއް ކެނޑުމަށްވުރެ އުދަގޫކަމެކެވެ.

"އެންމެ ރަގަޅު. އަޅުގަނޑު ތާރިގުމެން ޖަލުން ސަލާމަތްކުރަން މަސައްކަތްކުރާނަން..."

ތާރިގު ޖަލުގެ ތޭރީގައި ހިއްޕަވައިގެން ހަނދާއި ދިމާލަށް ބަލަން ހުންނެވިއެވެ. ހަނދު އޭގެ ފުރިހަމަކަމާއެކު ވިދަވިދާ ހުރިއިރު އެތައް ތަރިތަކުން އުޑު ފަޅުފިލުވާލާފައިވިއެވެ. ތަންކޮޅެއް ދުރުގައި އެތައް ހަގުރާމަވެރިންނެއް ފޯރިމަރަން ހިނގާލަ ހިނގާލާ ތިބިގޮތުން އެހާ ފަސޭހައިން މިތަނުން ނުކުމެވޭނެބާވައޭ ހިތްޕުޅަށް އަރާ ވަޑައިގަތެވެ. ނަމަވެސް ތޮމޮޝްކާއަކީ ކޮމާންޑަރަކަށްވެފައި މި ހަގުރާމަވެރިންގެ ހަރަކަތް ހުންނަގޮތް ދެނެގަނެ ސަލާމަތްވާނެ ގޮތެއް ރާވަން ފަސޭހަވާނެއެވެ. ދަންވަރު އެންމެން ނިދާ ހިލަވަޅު އޮބުނެވެ. ރޭގަނޑުގެ ތިންބައިކުޅަ އެއްބައި ވޭތުވެގެން ދިޔަފަހުން ތޮމޮޝްކާއާއި ރުމާނާ ޖަލުގެ ދޮރުތައް ހުޅުވާލަދިނެވެ. އެރު ސިފައިން ތިބީ މަސްތުގެ ހާލުގައި ނިދިގައެވެ. ތާރިގުގެ ލަޝްކަރުގެ އެންމެން އަވަހަށް ތެދުވެގެން އެތަނުން ސަލާމަތްވެގެން ދަތުރުކުރިއިރު ތޮމޮޝްކާއާއި ރުމާނާވެސް އެމީހުންނާއި އެކު ދާން ބޭނުންވިއެވެ. އަންހެންކުއްޖަކު އެގޮތަށް ގެންދިޔުމަކީ ތާރިގުއަށް އުދަގޫކަމަކަށްވިޔަސް އެކުއްޖާއަށް ކަހީނާގެ ފަރާތުން ލިބިދާނެ ސަޒާއަކަށް އޭނަވެސް ބިރުފުޅުގަތެވެ. އަމިއްލަ ދަރިއަކު މަންމައަށް ކެހިދިނީއެވެ.

***

ވާދީ މިސްކިއާނާގައި ރޫމީންނާއި ބަރުބަރުން އެއްބައިވެ އެ ލަޝްކަރަށް ދިން ވަރުގަދަ ހަމަލާއަށް މުޖާހިދުން ރައްދުދެއްވީ ހިތްވަރާއި ސާބިތުކަމާއެކުގައެވެ. ހައްސާނުގެ ލަޝްކަރާއި ކަހީނާގެ އަދަދު ނުކުރެވޭވަރުގެ ބޮޑު ލަޝްކަރު ކުރިމަތިލާ ހިންގި ވަރުގަދަ ހަގުރާމަ ހެދުނުން ފެށިގެން ހަވީރާއި ހަމަޔަށް ކުރިއަށް ދިޔައިރު އެތަނަށް ނުރައްކާތެރި ތޫފާނެއް އައުން ފަދަ ވިއެވެ. އެ މައިދާންގައި އެތައް ބަޔެއްގެ ލޭ އޮހޮރި ހަށިތައް އެކި ދިމާލަށް ފުނިޖެހުނެވެ. ލޭގެ ކޯރެވެ. އެތައް މުސްލިމުންނެއް ޝަހީދުވިއެވެ. އެހިސާބުން ތާރިގުގެ ލަޝްކަރު ހަގުރާމައިގެ މައިދާނަށް އޮއްސައިލީ ތޫފާނެއް ފަދައިންނެވެ. ހަގުރާމަ ފޯރިގަދަވެ ތާރިގުއަށް ހުންނެވުނު ކަމުގައިވަނީ ކަހީނާގެ ލަޝްކަރުގެ މެދުގައެވެ. އޭނަގެ ކަނޑިކޮޅުން ދުޝްމިނުންގެ ބޯތައް އުދުއްސަވާ ލައްވާއިރު ކަނޑީގެ ހެކަ ނޭގެއެވެ. އެތައް ދުޝްމިނުންނެއް އޭނަގެ ކަނޑީގެ ޝިކާރައަކަށްވެ ބިންމައްޗަށް އެޅުނެވެ. އޭނަގެ އަމުރަށް ހައްސާނު ލަޝްކަރު ފަހަތަށް ޖައްސަވާ އެހެން މުޖާހިދުން ސަލާމަތް ކުރެއްވުމުގައި ކާމިޔާބު ކުރެއްވިއެވެ. ކަހީނާ މިހުރިހާ ދުވަހު މުސްލިމުން ބަރުބަރުންނާއި ރޫމީންނާއި ދެކޮޅަށް ކުރި ހަގުރާމަތަކުގެ ބަދަލު ހިފިފަދައެވެ. ވަރުގަދަ ބަދަލު ހިފުމަކުން ބަދަލު ހިފާ މުސްލިމުން ލަދުވެތިގޮތަކަށް ބަލިކޮށްލައިފިއެވެ. މިފަދަ ބޮޑު ހަގުރާމައަކުން މުސްލިމުން ބަލިވި ފުރަތަމަ ފަހަރު ކަމުގައިވިއެވެ. ކަހީނާ އަށްޑިހަ މުޖާހިދުން ހިފާ ހައްޔަރުކޮށްގެން ކޭމްޕަށް ގެންދިޔައެވެ. ކަހީނާ ގަސްތުކުރީ އެތަނުން ބަނީގައިސް ވަންހައިގެ ޒުވާނެއްކަމަށް ވާ ޚާލިދު ބިން ޔަޒީދު ފިޔަވާ އެހެން މުޖާހިދުން އަނބުރާ ލަޝްކަރަށް ފޮނުވައިލުމަށެވެ.

"އަހަރެން ބޭނުންވަނީ ތިޔަ ޒުވާނުންނަށް ކަމޭ ހިތާފައި ދޫކޮށްލަން...." ކަހީނާ ހިނިތުންވެލިއެވެ.

"އެކަމަކު ޚާލިދު ހުންނަންވާނީ އަަހަރެން ގާތުގައި..."

"އެއީ ކީއްވެ؟" ޚާލިދު ހާސްވިއެވެ.

"އަހަރެން ދުވަހަކުވެސް ތިހާ ރީތި އަދި ކުޅަދާނަ ހިތްވަރުގަދަ ޒުވާނަކު ނުދެކެން. ކަލޭވާން ޖެހެނީ އަހަރެންގެ ފިރިހެން ދަރިންގެ ކޮއްކޮއަކަށް................"ކަހީނާ ޚާލިދުގެ މޫނަށް ބަލައިލީ ލޯބިން ފުރިގެންވާ ނަޒަރަކުންނެވެ. އަދި އޭނަގެ ދެފިރިހެން ދަރިންނަށް ގޮވާ ގެނެސް ޚާލިދުއާއި ބައްދަލުކުރުވިއެވެ. ޚާލިދު އަޚެއްގެ ގޮތުގައި ބަލައިގަންނަން އެންގިއެވެ.

ހަގުރާމައަށްފަހު ތާރިގު މުސްލިމް ކޮމާންޑަރު ހައްސާނުއާއި ބައްދަލުކުރެއްވިއެވެ. ދެ ބޭފުޅުން ސަލާމް ކުރެއްވުމަށްފަހު ތާރިގުއަށް ޝުކުރު އަދާކުރެއްވިއެވެ.

"އަޅުގަނޑު އެދެނީ އިހަށް އަޅުގަނޑަށް ކަހީނާގެ ލަޝްކަރު ދޫކުރައްވާފައި ކަލޭގެފާނު ވަޑައިގަތުން. ފަހުން ލަޝްކަރު ވަރުގަދަ ކުރެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާ. މިވަގުތު ބަރުބަރުންގެ ހިތްތަކުގައި މުސްލިމުންގެ ތެދުވެރިކަމާއި ވަފާތެރިކަން އަދި ރަގަޅުކަން ވިސްނޭނީ ކަލޭގެފާނު އިހަށް އެމީހުން ދޫކުރައްވާފައި ވަޑައިގަތީމަހެން އަޅުގަނޑަށް ހީވޭ. ބަރުބަރުންގެ އެންމެން ކަހަލަ ގޮތަކަށް އޭނައާއި ގުޅިފައި އެތިބީ." ތާރިގު ހައްސާން ގަބޫލުފުޅު ކުރައްވާންދެން އެ ވާހަކަދެއްކެވިއެވެ. އެހެންނޫނަސް ތާރިގު ވަޑައިނުގަތްނަމަ ހަގީގަތުގައިވެސް މުސްލިމުންނަށް އިތުރު އުދަގޫތަކެއް ޖެހުނީހެވެ. އެލަޝްކަރު ސަލާމަތްކޮށްދެއްވީ ހައްސާނު އާއި ތާރިގުގެ މަސައްކަތްޕުޅުންނެވެ. މި ޒުވާން ކޮމާންޑަރުގެ ޅަކަމާއެކުވެސް ވިސްނުންފުޅުގެ ހަރުދަނާކަމާއި ދުރަށް ވިސްނިވަޑައިގަތުން ހުރުމުން ހައްސާން އެވާހަކަފުޅު ގަބޫލުކޮށް މިވަގުތަށް އައުރާސް ގައި ކަހީނާ ވެރިކަން ކުރަން ދޫކޮށްލައްވާފައި ލަޝްކަރާއިގެން ފުރާ ވަޑައިގެންފިއެވެ.

***

މިސްކިއާނާ ވާދީގައި ކުރެވުނު ހަގުރާމައަށްފަހު ކަހީނާ އައުރާސް އަށް އެނބުރި އައީ ކާމިޔާބު ޖެނެރަލްއެއްގެ ގޮތުގައެވެ. ހަގުރާމައެއްގައި މުސްލިމުން ބަލިކޮށްލި ހަމައެކަނި ބަރުބަރު ޖެނެރަލްވެސް މެއެވެ. އެކަމުގެ ސަބަބުން މީހުންގެ ހިތްތަކުގައި އޭނައަށްޓަކާ އިތުބާރު އުފެދި ރޫހާނީ ވެރިއެއްގެ ގޮތުގައި ހަމަޖެހިލިއެވެ. އޭނައަށް އާރާއި ބާރު ލިބިއްޖެއެވެ. ބާރު ލިބިއްޖެއްޔާ އާއްމުކޮށް ވައްކަން ކުރުމާއި ޖީބަށް ބައި އެޅުން އޮވެއެވެ. ކަހީނާގެ އެ ސިފައެއް ނެތް ނަމަވެސް ސިކުނޑީގެ ބޭނުން އެންމެ ރަގަޅަށް ހިފާކަށް ނޭގުނެވެ. ރަސޫލާ ސައްލަﷲ އަލަހި ވަސައްލަމް ހަދީސްކުރެއްވިއެވެ." ހާކިމަކަށް އަންހެނަކު ހުރި ގައުމެއް ކުރިއަރައިގެނެއް ނުދާނެއެވެ." އެ ހަދީސްފުޅު އަޑު އަހާފައިނުވާ ބަރުބަރުން ކަހީނާގެ އަތްމައްޗަށް ވެރިކަން ދޫކޮށް އޭނަގެ އަމުރުތަކަށް ބޯލަނބާ ކިޔަމަން ވަމުން ދިޔައީ ކުރިއަށް ވިސްނުމެއްނެތިއެވެ.

ކަހީނާ ދެކުނީ އަރަބިން ހަމަލާ ދިނުމުގެ ހަމައެކަނި މަގުސަދަކީ ޣަނީމާގެ ބޭނުމުގައި ކަމަށެވެ. ވަގުތުން އޭނަގެ ސިފައިންނަށް އެންގީ ތަންތަން ހަލާކުކޮށް އަންދާލުމަށެވެ. ސިފައިން މޮޔައިން ތަކެއްހެން ދުއްވައިގަތީ ކަހީނާގެ އަމުރު ހިންގުމަށެވެ. ކިއްލާތައް ތަޅާ ސުންނާފަތިކޮށް ޝަހަރުތަކާ އަވަށްތައް ލޫޓުވާލިއެވެ. ރަނާއި ރިއްސަށްދާންދެން ވިރުވާ އަޅާލައިފިއެވެ. އަދި މޭވާ ގަސްތައް ކަނޑާ ދަނޑުތައް ވެސް އަންދާލައިފިއެވެ. އޭގެ ތެރޭގައި އަމިއްލަ މީހުންގެ ވިޔަފާރިއާއި ދަނޑު ބިންތައް ހިމެނެއެވެ. ދަނޑުބިން ތަކާ މޭވާތަކަށް ދިރިއުޅުން ބިނާކޮށްގެން ތިބި މީހުންނަށް ކަހީނާގެ އެ ސިޔާސަތުގެ ސަބަބުން ބޮޑެތި ދަތިތައް ކުރިމަތިވިއެވެ. ކަހީނާއަށްޓަކާ ހިތްތަކުގައި އޮތް ލޯތްބާ އިހުތިރާމް ކުޑަވިއެވެ.

ނުނިމޭ

comment ކޮމެންޓް