ރައީސް ޔާމީން ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅުން މުޒާހަރާ ކުރަނީ

ނޮވެމްބަރ 28، 2019: ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސަޕޯޓަރުންނާ ސަލާމްކުރައްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށްލިތާ އެއް އަހަރު ފުރުމާ ދިމާކޮށް އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން މުޒާހަރާއެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ލީޒްކޮށްގެން ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން ޑޮލަރު ލޯންޑާ ކުރިކަން ސާބިތުވެ އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލައި ފަސް މިލިއަން ޑޮލަރުން ޖޫރިމާނާ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

އަންނަ ހޮނިހިރު ދުވަހު އެމަނިކުފާނު ޖަލަށްލިތާ އެއް އަހަރު ފުރޭއިރު، އެ ދުވަހު ހަވީރު 4:00 ގައި "އަނިޔާއާ ދެކޮޅަށް ރާއްޖެ"ގެ ނަމުގައި މުޒާހަރާއެއް ބާއްވަން ރާވަމުންދާ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯލިޝަނުން ބުނެފައިވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އެމްޑީޕީއިން އެޗްޕީއޭގެ މިންގަނޑުތަކަށް ނުބަލާހާ ހިނދަކު އެ ކޯލިޝަނުންވެސް މުޒާހަރާ ކުރާ އިރު މިންގަނޑުތަކަށް ނުބަލާނެ ކަމަށެވެ.

"މައިމޫނާއަކަށް ނުބަލާނަން. އެޗްޕީއޭގެ މިންގަނޑުތަކަށް ނުބަލާލަން އެމްޑީޕީއިން ނުބަލާހާ ހިނދަކު،" ޝުޖާއު ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ހުކުމް ކުރިތާ އެއް އަހަރު ފުރޭ އިރު، އެމަނިކުފާނުގެ ހުކުމުގެ އިސްތިއުނާފު މަރުހަލާ ނުނިމޭތީވެސް މިއަދު އިދިކޮޅުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ވޮޑަމުލާ މައްސަލައިގައި ރައީސް ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފުކޮށް، އެ މައްސަލައިގެ އަޑުއެހުންތައް ސެޕްޓޭމްބަަރު މަހު ވަނީ ނިންމާލާފަ އެވެ. ނަމަވެސް، އަދިވެސް ހުކުމްކޮށްފައި ނުވާތީ މިއަދު ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ރައީސް ޔާމީންއަށް ހުކުމް ކުރެއްވި ފަނޑިޔާރު އަލީ ރަޝީދު ހުސެއިންއަށްވެސް މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅުން ފާޑު ވިދާޅުވި އެވެ.

މިއަދު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވީ، އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރީ ރައީސް ޔާމީނަށް ހުކުމް ކޮށްދިނުމުން އެކަމުގެ ބަދަލެއްގެ ގޮތުގައި ކަމަށެވެ. ޕީޕީއެމް-ޕީއެންސީގެ ސަރުކާރެއްގައި ފަނޑިޔާރު އަލީ ރަޝީދު ހުންނަވަން ޖެހޭނީ ޖަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލީ ރަޝީދަށް މިއަދު އުޅެވިދާނެ ސުޕްރީމް ކޯޓުގައި މުސާރަ ނަގައިގެން. އަޅުގަނޑުމެން ވެރިކަމަށް އައުމާއެކު އުމުރުގެ ބާކީ އޮތް ހުރިހާ ދުވަހެއް އަލީ ރަޝީދު ހޭދަކުރަން ޖެހޭނީ ޖަލުގައި،" ޝުޖާއު ވިދާޅުވި އެވެ.

comment ކޮމެންޓް