ކުއެންގް ހައި ބަލިކޮށް ދަގަނޑޭ ގޮވައިގެން ދިވެހިން ފައިނަލަށް

އެސްޓީއޯ މާލޭ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބައްދަލު ކުރި މެޗުގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

އޭއެފްސީ އިން ކުރިއަށް ގެންދާ ސިލްސިލާ ސަޕޯޓަރުންގެ ފެވަރިޓްސް ޗެލެންޖުތަކުގެ ތެރެއިން އޭއެފްސީ ކަޕުގެ ގޯލުތަކުގެ ތެރެއިން އެންމެ މޮޅު ގޯލު ހޮވުމަށް ބާއްވާ ޗެލެންޖުގެ ސެމީ ފައިނަލުގައި ވިއެޓްނާމުގެ އެންގުއެން ކުއެންގް ހައި ބަލިކޮށް ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެ ޗެލެންޖްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.

އޭއެފްސީ މިހާރު ކުރިއަށްގެންދާ ބްރެކެޓް ޗެލެންޖުގައި ޖުމުލަ 32 ކުޅުންތެރިން ވާދަކުރި އިރު، މި ޗެލެންޖުގައި އޭއެފްސީ ޗެލެންޖްކަޕުގައި ޖަހާފައިހުރި މޮޅެތި ސޯލޯ ގޯލުތަކެވެ. ނޮކް އައުޓް އުސޫލުން އެއް ކުޅުންތެރިޔަކު އަނެއް ކުޅުންތެރިޔަކު ވާދަކުރި އިރު، ދެން އޮތް ރައުންޑަށް ކޮލިފައިވާނީ ސަޕޯޓަރުންގެ އެންމެ ގިނަ ވޯޓް ލިބޭ ކުޅުންތެރިޔާ އެވެ.

އެގޮތުން އެކި ސްޓޭޖްތައް ފަހަނައަޅާ، ފައިނަލުގެ ދެ ޖާގަ މިހާރު ވަނީ ކަށަވަރު ވެފަ އެވެ. އެ ޗެލެންޖުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޮންކޮންގްގެ ޗޭން ސިއު ކީ 2015 ވަނަ އަހަރު ސައުތު ޗައިނާ އޭއޭއަށް ޖަހައިދިން ގޯލާ އެކު ހޮވިފައިވާ އިރު، އޭނާއާ ވާދަކުރުމަށް ނުކުންނާނީ އަޝްފާގު އެވެ.

އަޝްފާގު ފައިނަލަށް ދަތުރު ކުރީ މިއަދު 1:00 ގައި ނިމުނު ޕޯލުން ހަނޯއީ އެފްސީގެ ފޯވާޑް ންގުޔެން ކުއެންގް ހައިގެ މައްޗަށް ކުރި ހޯދައިގެންނެވެ. ވޯޓުލުން ނިމުނި އިރު އަޝްފާގު ކުރީގައި އޮތީ 54،68 އިންނެވެ. އޭނާގެ ވާދަވެރިޔާ ންގުޔެން ކުއެންގް ހައިއަށް ލިބިފައި ވަނީ 45.32 ވޯޓެވެ.

ކެޕްޝަން..

ބްރެކެޓް ޗެލެންޖްގައި ހިމެނޭ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓުގެ ޖާޒީގައި އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. ދަގަނޑޭ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއު އަށް ޖަހައިދިން އެ ގޯލް ވަނީ އޭއެފްސީ ކަޕުގައި ޖަހާފައިވާ ސޯލޯ ގޯލްތަކުގެ ތެރެއިން އެންމެ މަގުބޫލު ގޯލަކަށް މިދިޔަ ޖޫން މަހު ވެސް ހޮވިފަ އެވެ.

އަޝްފާގާ ދެކޮޅަށް ސެމީ އަދި ކުއާރޓާގައި ވެސް ވާދަވެެރި ދެކުޅުންތެރިން ދިމާވި އިރު، އެ ދެކުޅުންތެރިންވެސް ވަނީ ވޯޓުލުމަށް ލިބުނު ދެ ދުވަހުގެ ތެރޭގައި އެކި ފަހަރު މަތިން އަޝްފާގަށް ވުރެން ކުރިއަށް ޖައްސާލައިފަ އެވެ. އެހެން ނަމަވެސް ދިވެހިން އަޝްފާގަށް އަޅާލި ވޯޓުތައް އިތުރުކޮށް ޕޯލް ނިމެންވީއިރު އަޝްފާގު ވަނީ ފަރަގު ބޮޑު ކޮށްފަ އެވެ.

ދަގަނޑޭ އަށް ވޯޓު ހޯދައިދިނުމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާ ކެމްޕެއިންތައް ބާއްވަމުންނެވެ. އޭގެ ތެރޭގައި ކުޅިވަރުގެ އިތުރުން އެކި އެކި ދާއިރާގައި ފާހަގަކޮށްލެވޭ މީހުންނާއި ކްލަބް ޖަމިއްޔާތައް ވެސް ހިމެނެ އެވެ. ކުއާޓާ ފައިނަލުގައި ދަގަނޑޭ އަށް ކާމިޔާބުވުމުން އޭނާ ވަނީ އެކަމަށްޓަކައި ސަޕޯޓަރުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފަ އެވެ.

ދަގަނޑޭ އަކީ އޭއެފްސީ ކަޕުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ހަތް ވަނައިގައި އޮތް ކުޅުންތެރިޔާ އެވެ. އެއީ ކްލަބް ވެލެންސިއާ، ނިއު އަދި ވީބީ އައްޑޫ އެފްސީ އަށް ޖަހައިދިން 29 ގޯލާ އެކު އެވެ. އެއް ވަނައިގައި އޮތީ 35 ގޯލް ޖަހާފައިވާ ފިލިޕީންސްގެ ސެރެސް-ނެގްރޯސް އަށް ކުޅުނު ސްޕެއިނުގެ ބިއެންވެނިޑޯ މަރަނޯން އެވެ. ލިސްޓުގެ އެއްވަނައަށް އަރަން ދަގަނޑޭއަށް ބޭނުންވަނީ ހަ ގޯލެވެ.

comment ކޮމެންޓް