ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް 117 މިލިއަން ރުފިޔާ ހަދިޔާކޮށްފި

ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް 117 މިލިއަން ރުފިޔާ ހަދިޔާކުރުމަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަޕާން ސަރުކާރުން ރާއްޖޭގެ ކޯސްޓުގާޑަށް 7.6 މިލިއަން ޔޫއެސް (117 މިލިއަން ރުފިޔާ) ހަދިޔާކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެކަމާ ގުޅޭ އެއްބަސްވުމެއްގައި ވަނީ ސޮއިވެސްކޮށްފަ އެވެ.

އެ އެއްބަސްވުމުގައި ފޮރިން މިނިސްޓްރީގެ ފަރާތުން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއިކުރެއްވިއިރު ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކައިކޯ ޔަނައި އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެހީގެ ދަށުން ކޯސްޓްގާޑާއި، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އިތުރުން ސަބް ރީޖަނަލް ސެންޓަރުތަކާ ކޯސްޓްގާޑު އުޅަނދުފަހަރުގެ ގާބިލްކަން އިތުރުކުރެވިގެންދާނެ ކަމަށެވެ. އެގޮތުން އެންމެ ފަހުގެ މުވާސަލާތީ އާލާތްތަކާއި، މީހުން ހޯދާ ސަލާމަތްކުރުމުގައި ބޭނުންކުރާނެ އާލަތްތަކުގެ އިތުރުން ކޯސްޓްގާޑަށް ބޭނުންވާ ޑައިވް އިކުއިޕްމަންޓް ހޯދޭނެކަމަށް ބުންޏެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ ދިވެހިރާއްޖެއާ ޖަޕާނާ ދެމެދު އޮންނަ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ކަނޑުފޭރުމާ، ހައްދުފަހަނައަޅައި ދިޔުމާ، މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމުގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ކަންކަމުގައި ދެޤައުމު އިތުރަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުވެސް ޖަޕާނުން ވަނީ 1.4 މިލިއަން އެމެރިކާ ޑޮލަރުގެ އެހީގެ ދަށުން 21 ޕެރަމެޑިކް އެމްބިއުލާންސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. އެ އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސް 15 އަތޮޅެއްގެ 21 ރަށަށް ވަނީ ހަދިޔާކޮށްފައެވެ.

comment ކޮމެންޓް