ޕީއެންސީގެ ނައިބު ރައީސް ޝުޖާއު މާދަމާ ޕޮލިހަށް ހާޒިރުކުރަނީ

އިދިކޮޅު ޕްރޮގްރެޝިވް ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ޝުޖާއު ވާހަކަ ދައްކަވަނީ --- ސަން ފޮޓޯ: ފާޔާޒު މޫސާ

އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު މާދަމާ ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

އިދިކޮޅުން ބުނީ ޝުޖާއު ފުލުހަށް ހާޒިރު ކުރަނީ ނޮވެމްބަރު ތިނަކާ ގުޅިގެން އިދިކޮޅުން ބޭއްވި ޖަލްސާ އާއި ގުޅިގެން ކަމަށެވެ. އޭނާ ފުލުހަށް ހާޒިރު ކުރަނީ މާދަމާ 2:30 އަށެވެ.

ނޮވެމްބަރު ތިންވަނަ ދުވަހުގެރޭ އިދިކޮޅުން ބޭއްވި އެއްވުމުގެ ތެރެއިން ޝުޖާއު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. ފަހުން އެނާ ވަނީ ދޫކޮށްލައިފައެވެ.

އެ އެއްވުމާ ގުޅިގެން މީގެ ކުރިންވެސް ޝުޖާއު ފުލުހަށް ހާޒިރުވާން އެންގިއެވެ. ފަހުން އެ އެންގުން ވަނީ ކެންސަލް ކޮށްފައެވެ.

އެއްވުމާ ގުޅިގެން ޝުޖާއު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ އެޗްޕީއޭގެ ގައިޑްލައިންތަކާ ހިލާފަށް އެއްވުން ނުބޭއްވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައި ވަނިކޮށް އެއްވުން ކުރިއަށް ގެންދާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމަކީ ނަސްރުގެ ދުވަހާ ގުޅިގެން 'ބަޑި ބުރާސްފަތި'ގެ ނަމުގައި ޖަލްސާއެއް ބާއްވަން ހުއްދަ ނުދިނުމުން ބެއްވި އެއްވުމެކެވެ.

މިދިޔަ އަހަރުވެސް ހަމަ އެ ނަމުގައި ނަސްރުގެ ދުވަހު ޖަލްސާ ބާއްވަން ހުއްދަ ނުދިނުމުން އިދިކޮޅު ކޯލިޝަނުން ވަނީ އެއްވުމެއް ބާއްވާފަ އެވެ.

comment ކޮމެންޓް