އެތުލެޓިކޯ އަތުން ބަލިވެ ބާސެލޯނާގެ ސީޒަން ގޯހަށް

އެތުލެޓިކޯ މެޑްރިޑާއި ބާސެލޯނާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު އެތުލެޓިކޯއިން ކާމިޔާބު ކުރީ 0-1 ގެ ނަތީޖާއަކުން --- ފޮޓޯ//ލައިވްސްކޯ

ސްޕެނިޝް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް އަތުން ބަލިވެ ބާސެލޯނާ 1991 އާ ހަމައިން ނުވެއްޓޭހާ ދަށަށް ވެއްޓި އުނދަގޫތަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

އެތުލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމުގައި ކުޅުނު އެ މެޗުން ބާސެލޯނާގެ މައްޗަށް ހޯމް ޓީމު ކުރި ހޯދީ 0-1 ގެ ނަތީޖާއަކުންނެވެ. މި މޮޅާ އެކު އެތުލެޓިކޯ ވަނީ ކުޅުނު އަށް މެޗުން 20 ޕޮއިންޓް ހޯދައި ތާވަލުގެ ދެވަނައަށް ޖެހިލައިފަ އެވެ. މިވަގުތު ތާވަލުގެ އެއްވަނައިގައި އޮތް ރެއާލް ސޮސިއެޑޭޑްއަށް ވެސް 20 ޕޮއިންޓް ލިބިފައިވާ އިރު، އެ ޓީމު ކުރީގައި އޮތީ ފައިދާ ގޯލުންނެވެ.

ވޭތުވެ ދިޔަ 10 އަހަރުގައި ސްޕެނިޝް ލީގުގައި ޑޮމިނޭޓް ކުރި ބާސެލޯނާ ރޭގެ މެޗުން ބަލިވުމާއެކު ވަނީ ތާވަލުގެ 10 ވަނައަށް ވެއްޓިފަ އެވެ. މިޙާތަނަށް ލީގުގައި ބާސެލޯނާއިން އަށް މެޗު ކުޅެފައިވާއިރު އެ ޓީމަށް ލިބިފައިވަނީ އެންމެ 11 ޕޮއިންޓެވެ. މިއީ 1991 ވަނަ އަހަރަށް ފަހު ބާސެލޯނާ އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

އިންޓަނޭޝަނަލް ބްރޭކަށްފަހު އެނބުރި އައިސް ކުޅުނު މެޗު ފަށައިގެން ބާސެލޯނާއިން ޑޮމިނޭޓް ކުރަމުންދަނިކޮށް، އެތުލެޓިކޯއިން ވަނީ ބާސެލޯނާގެ ގޭމް ދަސްކޮށް، އެ ޓީމުގެ ކުޅުން ހަލާކުކޮށްލައިފަ އެވެ. އޭގެ ނަތީޖާއަކަށްވީ އެތުލެޓިކޯއިން އުފެއްދި ހަމަލާތައް އިންތިހާއަށް އިތުރުވުމެވެ. އެގޮތުން ލިބުނު ކައުންޓާ އެޓޭކެއްގައި އެތުލެޓިކޯއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތު ލީޑު ނަގައިފަ އެވެ. އެ ގޯލު ކާމިޔާބުކުރީ ބެލްޖިއަމްގެ ޔަމިކް ކަރަސްކޯ އެވެ. މި ލަނޑު ކަރަސްކޯ ކާމިޔާބުކުރީ ބާސެލޯނާ ހާފުގެ މެދަކާ ހިސާބުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. ވޯލްޑް ކަޕް ކޮލިފައިންގެ މެޗުތަކެއް ކުޅުމަށް ގައުމީ ޓީމާއެކު ދިޔަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދިގު ދަތުރަކަށްފަހު ބުރާސްފަތި ދުވަހު އެނބުރި އައިސް ރޭގެ މެޗުގައި ކުޅުނު ނަމަވެސް އޭނާގެ ފަރާތުން ރޭ ފެނުނީ ހިމޭން ކަމެވެ.

ބާސެލޯނާއިން އެ މެޗުގައި ޕޮއިންޓް ގެއްލުވާލި އިރު، އެ ޓީމާ އެންމެ ވާދަވެރި ރެއާލް މެޑްރިޑް ވެސް ވިޔަރެއާލް އަތް ދަށުވެ، ޕޮއިންޓް ގެއްލުވާލައިފަ އެވެ. އެ މެޗުގައި ރެޢާލް މެޑްރިޑުން މެޗުގެ ވަރަށް ކުރީކޮޅު ލަނޑެއް ޖަހައިފައި ވަނިކޮށް މެޗު ނިމެން ގާތްގަނޑަކަށް 15 ވަރަކަށް މިނެޓަށް ވެފައި އޮއްވައި ލިބުނު ޕެނަލްޓީ އަކުން ވިޔަރެއާލް ގޯލު ޖެހުމާއެކު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ރެއާލް މެޑްރިޑް މިވަގުތު އޮތީ 17 ޕޮއިންޓާއެކު ޓޭބަލްގެ ހަތަރު ވަނައިގަ އެވެ.

ރޭގެ ޕޮއިންޓާ އެކު ރެއާލް އޮތީ ނުވަ މެޗުން 17 ޕޮއިންޓާ އެކު ލީގުގެ ހަތަރު ވަނައިގަ އެވެ.

comment ކޮމެންޓް