މޫސަ މަރާލި މައްސަލައިގައި ކުރި ދައުވާއެއް ބޭރުކޮށްލައިފި

ކުރިމިނަލް ކޯޓު ---ސަން ފޮޓޯ: މުހައްމަދު އަފްރާހް

ގޭންގު މާރާމާރީއެއްގައި ވ. ކެޔޮދޫ ދޭލިޔާގެ މޫސާ އަހުމަދު ފަތުހީ މަރާލި މައްސަލައާ ގުޅިގެން ދައުލަތުން އދ. މާމިގިލި، ސޭޑީ ގްރޫވް، ސައްމާހު އަހުމަދު ފަތުހީގެ މައްޗަށް ދައުވާ އުފުލީ މުއްދަތު ފަހަނައަޅައި ދިޔަ ފަހުން ކަމަށް ބުނެ އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

މޫސަ މަރުވެފައި ވަނީ މާފަންނު އައިޓަމްސް ފިހާރަ ކައިރީގައި ސައްމާހު އާއި އިތުރު ބަޔަކު 23 ސެޕްޓޭމްބަރު 2017 ވަނަ ދުވަހުގެ ރޭ 11:00 އެހާކަންހާއިރު ހިންގި ގޭންގު މާރާމަރީއެއްގެ ތެރެއިން ދިން ހަމަލާތަކާ ގުޅިގެންނެވެ. މޫސަ މާރާލީ ދިގުމިނުގައި ހަތް އިންޗު ހުރި ވަޅިއަކުން ހަމަލާދީ ސައްމާހު ކަމަށްވެސް ދައުލަތުން ތުހުމަތު ކުރެ އެވެ. އޭރު ސައްމާހުގެ އުމުރުން 18 އަހަރެވެ.

އެ މައްސަލައިގައި ދައުލަތުން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާ ސައްމާހުގެ މައްޗަށް އުފުލި އެވެ.

މޫސަ މަރާލި މައްސަލައިގެ ތުހުމަތުގައި ސައްމާހު ހައްޔަރު ކުރީ 9 އޮކްޓޯބަރު 2017ގަ އެވެ. ނަމަވެސް، އޭނާއަށް ދައުވާ ކުރީ ދައުވާ ހުށަހެޅުމުގެ މުއްދަތު ފަހަނައަޅައިދިޔަފަހުން 5 ޑިސެމްބަރު 2017ގައި ކަމަށް ބުނެ ސައްމާހުގެ ފަރާތުން ވަނީ ޝަރީއަތް ފެށުމުގެ ކުރިން އިޖުރާއީ ނުކުތާއެއް ނަގާފަ އެވެ.

ޝަރީއަތް ފެށުމުގެ ކުރިން ހުށަހަަޅާ ނުކުތާތަކާ މެދު ގޮތެއް ނިންމަވަމުން، މި މަހުގެ އަށް ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި މައްސަލަ ބެއްލެވި ގާޒީ ހަސަން ސައީދު ނިންމަވާފައި ވަނީ، ދައުލަތުން ސައްމާހަށް ދައުވާ ކުރީ، ދައުވާ ކުރަން އޮންނަ 30 ދުވަހުގެ މުއްދަތު ފަހަނައަޅައިދިޔަ ފަހުންކަން ސާބިތުވާ ކަމަށެވެ.

އެެހެންވެ، ސައްމާހުގެ މައްޗަށް ކުރި ދައުވާ ބެލޭނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ކޯޓުން ބޭރުކޮށްލީ އެވެ.

އައިޓަމްސް ކައިރީގައި ހިންގި މާރާމާރީއާ ގުޅިގެން ސައްމާހުގެ މައްޗަށް އިތުރު ދައުވާއެއްވެސް ކޮށްފައިވެ އެވެ. އެއީ މަގްބޫލު ސަބަބެއްނެތި އާއްމުތަނެއްގައި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ އެވެ.

އޭގެ އިތުރުް، މޫސަ މަރާލުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ މ. ދިއްގަރު ދެބުދާރުގެ، އަހުމަދު އިޖާދު މުހައްމަދު އާއި ނ. ޅޮހި ކަނީރުމާގެ، މުހައްމަދު ރިޔާޒު އާއި ސ. ހިތަދޫ މުޑުދާސްގެ އަލީ ހަސަންގެ މައްޗަށްވެސް އުފުލާފައިވެ އެވެ.

comment ކޮމެންޓް