އިންކަމް ސަޕޯޓް އެލަވަންސް 10،994 މީހަކަށް ދީފި

މާލޭގެ މަގުމަތި--- ސަން ފޮޓޯ: ފަޔާޒު މޫސާ

ކޮވިޑް19ގެ ސަބަބުން އާމްދަނީއަށާއި ވަޒީފާއަށް އަސަރުކޮށްފައިވާ މީހުންނަށް ސަރުކާރުންދޭ އިންކަމް ސަޕޯޓު އެލަވެންސުގެ ގޮތުގައި 125.8 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މި ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް 10،994 މީހަކަށް އިންކަމް ސަޕޯޓް އެލަވެންސް ދޫކޮށްފައިވެއެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި ދެނީ ވަޒީފާ ގެއްލުނު ކޮންމެ މީހަކަށް 5،000 ރުފިޔާ އަދި މުސާރަ އެންމެ މަދުވެގެން 5،000 ރުފިޔާ ނުލިބޭ ފަރާތްތަކަށް އެއަދަދަށް ހަމަވާ ވަރުގެ އަދަދެކެވެ. އެ ފައިސާ ދޫކުރަނީ އެންސްޕާ މެދުވެރިކޮށެވެ.

އިންކަމް ސަޕޯޓް އެލަވެންސްގެ ފުރަތަމަ ބުރުގައި މާޗު މަހުގެ އެކަކުން ފެށިގެން، ކޮވިޑް-19ގެ ސަބަބުން ވަޒީފާ އިން ވަކިކުރެވިފައިވާ ނުވަތަ ވަޒީފާ އިން ސަސްޕެންޑްކުރެވިފައިވާ ފަރާތްތަކަށާއި އަދި މުސާރަ ނުލިބޭ ގޮތަށް ނޯ ޕޭ ލީވްއަށް ފޮނުވާ ލެވިފައިވާ މީހުންނަށް އަދި މުސާރައިގެ ގޮތުގައި ލިބޭ އެއްޗަކުން ބައެއް އުނިކުރެވިފައިވާ ފަރާތްތަކަށް އެލަވެންސް ދީފައިވެ އެވެ.

ސަރުކާރުން ވަނީ އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ތައާރަފުކޮށް ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރު މަހާ ހަމައަށް އިންކަމް ސަޕޯޓު އެލަވެންސްގެ ދެވަނަ ބުރެއް ކުރިއަށް ގެންދަން ނިންމައިފަ އެވެ.

ވީހާ ވެސް ގިނަ ބަޔަކަށް އެލަވެންސް ދިނުމަށްޓަކާ ރާއްޖޭގައި ވަޒީގާ އަދާކުރާ ފަރާތްތަކުގެ ތެރެއިން ކޮވިޑް19 އާ ގުޅިގެން އެބަޔެއްގެ ވަޒީފާއަށް 2019 ޑިސެމްބަރު މަހުގެ ފަހުން އަސަރުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެލަވެންސް ލިބޭ ޝަރުތު ހަމަވާ މީހުންނަށް އެލަވެންސް ދޭން ވަނީ ނިންމައިފައެވެ.

ކޮވިޑް19ގެ ސަބަބުން ވަޒީފާ ގެއްލުނު އަދި އާމްދަނީއަށް އަސަރު ކުރި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސް ދޫކުރާ މުއްދަތު މިއަހަރުގެ ޑިސެމްބަރު މަހާ ހަމައަށް އިތުރުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އަމީރު ވިދާޅުވީ ޑިސެމްބަރާ ހަމައަށް އިންކަމް ސަޕޯޓް އެލަވަންސް ދޭން ނިންމާފައިވާ ކަމަށާ އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހާލަތެއްގައި އަދިވެސް އިތުރު ކުރާނެ ކަމަށެވެ.

ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް ސަރުކާރުން އަދި ހާމައެއް ނުކުރެ އެވެ.

comment ކޮމެންޓް