އައްޑޫ ވިޔަފާރިވެރިޔާ މަރާލި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށް

އަލީ އަބްދުﷲގެ ހަށިގަނޑު ނަގަނީ: އޭނާ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގައި ކަމަށް ފުލުހުން ބުނެފައިވޭ --- ސަން ފޮޓޯ/ ކިޔުންތެރިއެއް

ދެ ހާސް ސޯޅަ ވަނަ އަހަރު އައްޑޫ ވިޔަފާރިވެރިއެއް ކަމަށްވާ އަލީ އަބްދުﷲ މަރާލި މައްސަލައިގައި ދައުވާ ކުރި އޭނާއަށް ބޮޑުބޭބެ ކިޔާ ސ. ހިތަދޫ ހެޕީފިއުޗާ، އަހުމަދު އިބްރާހީމް ދީދީއަށް 12 އަހަރުގެ ހުކުމެއް އިއްވައިފި އެވެ.

އަލީ އަބްދުﷲ މާރާލާފައި ވަނީީ 2 މާޗް 2016 ވަނަ ދުވަހުގެ ދަންވަރުގެ ވަގުތެއްގައި އޭނާ ސައިކަލުގައި ދަނިކޮށް، އިބްރާހިމް ދީދީ އޭނާ ދުއްވަމުން ދިޔަ ސައިކަލުގައި ފައިން ޖަހައި ވައްޓާލައި، އަލީ އަބްދުﷲ ކަރުގައި ވާފަށެއް އަޅައި، އޭނާގެ ކަރަށް ބާރުކޮށްގެން ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

އެ މައްސަލައިގައި އަހުމަދު އިބްރާހިމްދީދީގެ މައްޗަށް އުފުލީ އެނގިހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ދައުވާއަށް އޭނާ ވަނީ ކްރިމިނަލް ކޯޓުގައި އިންކާރުކޮށްފަ އެވެ.

އޭގެ އިތުރުން އޭނާއަށް އެހީތެރިވި ތިން މިީހަކަށް އެނގިހުރެ މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވެ އެވެ. އެއީ ސ. ހިތަދޫ، އަތަމާވިލާ، މައޫޒު މުހައްމަދާއި، އެރަށު އައްޒާ، މުބާރިކް މުހައްމަދުގެ އިތުރުން، ހަމަ އެރަށު ނަޝީދީގޭ މުހައްމަދު ޝިފާޒުގެ މައްޗަށެވެ. އެ މީހުންގެ މައްސަލަ އަދި ނުނިމެ އެވެ.

ދައުލަތުން އިބްރާހިމްދީދީއާ ދެކޮޅަށް 22 ހެކިވެރިންނާއި ހަ ކިތާބީ ހެކި ހުށަހެޅި އެވެ. ދައުލަތުން ހުށަހެޅި ހެކިވެރިންގެ ތެރޭގައި އިބްރާހިމް ދީދީ އާއި މައޫޒު މުހައްމަދާއި، މުބާރިކް މުހައްމަދާއި މުހައްމަދު ޝިފާޒު ގުޅިގެން އަލީ އަބްދުﷲ މަރާލި މަންޒަރު ފެނުނު ކަމަށް ބުނާ ސިއްރު ހެކިވެރިއަކު ހިމެނެ އެވެ.

އެ މައްސަލަ ބެލުމަށްފަހު މިދިޔަ މަހުގެ އަށް ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ ގާޒީ އާދަމް މުހައްމަދު ކުރެއްވި ހުކުމުގައި ބުނެފައި ވަނީ، އިބްރާހިމް ދީދީ ދައުވާއަށް އިންކާރު ކުރި ނަމަވެސް، އޭނާއާ ދެކޮޅަށް ހުށަހެޅި ހެކިތަކަށް ބަލާއިރު، އޭނާ އެ ކުށް ކުރިކަން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

ކްރިމިނަލް ކޯޓުން ހުކުމް ކުރީ އިބްރާހިމްދީދީ 12 އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށެވެ.

އިސްލާމީ ޝަރީއަތުގައި ބުނާ މަރަށް މަރު ހިފުމުގެ އަދަބު ކަނޑައެޅޭނީ އެއްވެސް ޝައްކެއް ނެތް މިންވަރަށް ދައުވާ ސާބިތުވާ ނަމަ އެވެ. ނަމަވެސް، މި މައްސަލަ އެ މިންވަރަކަށް ސާބިތެއް ނުވެ އެވެ. މި މައްސަލަ އިބްރާހިމްދީދީއާ ދެކޮޅަށް ސާބިތުވީ "އެކަށީގެންވާ ޝައްކެއް ނެތް" މިންވަރަށެވެ.

ކުށް ސާބިތު ކުރަން ހުށަހަޅާ އެއްވެސް ހެއްކެއްގެ ބަޔާނެއް، ކުށް ސާބިތު ކުރަން ހުށަހަޅާ އެހެން ހެއްކެއްގެ ބަޔާނާ އެއްވެސް މިންވަރަކަށް ފުށޫނާރާ ނަމަ މަރުގެ އަދަބު ތަންފީޒު ނުކުރެވޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި އޮވެ އެވެ. އެ މިންގަނޑަށް މައްސަލަ ސާބިތުކޮށްދެވިފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ.

އަލީ އަބްދުﷲ މަރާލާފައި އޮއްވާ ފެނުނީ، މާޗް މަހުގެ ދެވަނަ ދުވަހު އަލީ އަބްދުﷲ ގެއްލިގެން އޭނާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓު ކުރުމާ ގުޅިގެން ހޯދަމުން ދަނިކޮށް، އުމުރުން ދުވަސްވީ އަންހެނަކަށެވެ. އޭނާގެ ހަށިގަނޑު ފެނުނީ ހިތަދޫ ސްކޫލުގެ އިރުއުތުރު ކަންމަތީގައި އޮންނަ ޗަކަބިމަކަށް މޫނު ވަތަށް އެއްލާލާފައި އޮއްވަ އެވެ. އޭނާގެ މޭކަށިގަނޑުން މަތި އޮތީ ޗަަކައިގެ ތެރޭގަ އެވެ. އޭނާގެ ސައިކަލުވެސް އެތާ ކައިރީގައި އެއްލާލާފައި އޮތެވެ.

ފުލުހުން މީގެ ކުރިން ބުނެފައިވާ ގޮތުން، އަލީ އަބްދުﷲ މަރާލީ ފައިސާ އާއި މުދަލުގެ ދަހިވެތި ކަމުގަ އެވެ. އެގޮތުން އޭނާ މަރާލުމަށްފަހު އޭނާގެ 40،000 ރުފިޔާ ނަގައިގެން ގެއެއްގައި ވަޅުލައި ފޮރުވާފައިވެ އެވެ. އަދި އޭނާގެ އަތުގައި އޮތް، ފިހާރައިގެ ރީލޯޑު ކުރަން ބޭނުންކުރާ ފޯނުގައި ހުރި ހުރިހާ ފައިސާތައް އެހެން ފޯނަކަށް ޓްރާންސްފާ ކޮށްފައިވެސް ވެ އެވެ.

އޭނާގެ ހަށިގަނޑު ފެނުނު އިރު ދެ އަތުގެ އުޅަނބޮށީގެ ތެޔޮހަން ގޮސް، ދޫ ބޭރަށް ނުކުމެފައި ހުރުމުގެ އިތުރުން ކަރުގައި އެއްޗެއް އޮޅާލާފައި ހުރި ކަމުގެ ނިޝާންތަކެއް ފެންނަން ހުއްޓެވެ.

comment ކޮމެންޓް