ދެވަނަ ސިކުންތުގައި އެއައި ގޮތަށް އައިސް އަރްޒަން ރާކިންގެ ގަމީހުގައި ފަހަތުން ހިފާ ދުރަށް ކޮށްޕައިލައިފިއެވެ.

"ރާކިން" ރުޅިއައިސް ރަތްވެފައިވާ ޙާލު އަރްޒަންއަށް ރާކިންގެ ނަމުން ގޮަވައިލެވުނީ ބާރަށެވެ. އޭރު ރުޅިއައިސްގެން މީހާ ތުރު ތުރު އަޅައެވެ. ހަޤީގަތުގައި އޭނާ އަދިވެސް ހުރީ ރާކިން އެހާ ދަށު ދަރަޖައަކަށް ވެއްޓުމުން ހައިރާންވެފައެވެ. އެއްލި ކަޅިއަކުން އެއްފަރާތަށް ވެއްޓިފައި ހުރި ފޮޓޯތައް އަރްޒަންގެ ލޮލުގައި އަޅައިގަތެވެ. އެއަށް ބަލައިލުމަށްފަހު އޭނާއަށް ހާސްކަމާއެކު ބަލަިއލެވުނީ، ޒީޝާން އަށެވެ.

"އައި ޑޯންޓް ބިލީވް އިޓް" ސޯފާމަތިން ތެދުވަމުން އަރްޒަންއަށް ބަލައިލުމަށްފަހު ޒީޝާން ބުނެލިއެވެ. އެ ކުޑަ ހިނދުކޮޅުގެ ތެރޭގައި ޒީޝާންގެ ތަބީއަތަށް ބޮޑު ބަދަލުތަކެއް އަތުވެއްޖެއެވެ. މޫނުމަތިން ކުރިން ފެނުނު ކުލަވަރު ބަދަލުވެ އަނެއްކާވެސް ރުޅިވެރިކަން އޭނާއަށް އިސްކުރެވުނެވެ. ދެބުމަ ގޮށްޖަހައިލަމުން އޭނާ ބަލައިލީ ރާކިންއަށެވެ. އަރްޒަން ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ރާކިންއާ ބަތޫލް އެއްބައިވެގެން ކުރި ކަމުގައި ވި ނަމަވެސް އެއީ ހާދަ ދަށު ދަރަޖައިގެ އަމަލެކެވެ.

*****

1 ހަފްތާ ކުރި

އަރްޒަންއަށް ބަތޫލްގެ މެސެޖު ލިބުނީ އޭނާ ގެއަށް އައިސް ވަންތަނާއެވެ. ނުދަންނަ ނަންބަރަކުންވ ިއަސް އޭގައި ބަތޫލްގެ ނަން އޮތުުމުން އޭނާއަށް އެއީ ބަތޫލްކަން އެނގުނީއެވެ. މުހިންމު ކަމަކު ބައްދަލުކޮށްލަން ބުނެފައި އޮތުމުން އަރްޒަންއަށް ވެރިވީ ހިސާބެއްގެ ފޫހިކަމެކެވެ. މެސެޖަށް ރިޕްލައި ނުކޮށް ފޯނު ޖީބަށް ލާން އުޅުނު ވަގުތު ބަތޫލް ގުޅައިފިއެވެ.

"ކިތައް ފަހަރުތަ ބުނަންވީ ބަތޫލް ކައިރީ އަހަންނަށް ނުގުޅާށޭ." ރުޅިވެރިކަމާއެކު އަރްޒަން ބުނެލިއެވެ.

"އަހަރެންވެސް އަރްޒަންއަށް ގުޅާ ހިތަކުން ނޫނޭ މިގުޅީ. އެކަމަކު އަރްޒަންގެ ޒީޝާންގެ ފުރާނައަށް ދަހިވެތިވެގެން ބަޔަކު އުޅޭތީ އެކަން އަންގައިލަދޭންވެގެން. އެ މައުލޫމާތު ބޭނުންނޫނިއްޔާ އޯކޭ އަހަންނަށް އެއްވެސް މައްސަލައެއް ނެތް. ބާއްވަނީ" ބަތޫލް ފޯނު ބާއްވަން އަވަސް ވެލިއެވެ.

"ވެއިޓް. ބަތޫލްއަށް އެނގެނީ ކޯންޗެއް؟" އަރްޒަން ސުވާލުކޮށްލިއިރު އޭނާގެ ހިތްވެސް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ.

"ކެން ޔޫ މީޓް މީ. އޭރުން ކިޔައިދެވޭނީ. ފޯނުން މިކަހަލަ ވާހަކަތައް ދެއްކުން ރަނގަޅެއް ނުވާނެ. " ބަތޫލް ބުނެލިއެވެ.

"އޯކޭ މައްސަލައެއް ނެތް. އަހަރެން ރެސްޓޯރެންޓެއް ގެ ނަން ފޮނުވާލާނަން. މީޓް މީ ދެއަރ" އަރްޒަން އަވަސްވެފައިވާ ހިތުގައި އަތް ޖައްސައިލަމުން ބުނެލިއެވެ.

"ނޫނޭ. އެއީ ވަރަށް އެހެން ކަހަލަ ވާހަކައެއް ވީމަ އަހަރެން ބޭނުމެއްނުވޭ އަހަރެންގެ ނަފުސު ނުރައްކަލުގެ ތެރެއަށް ހުށައަޅާކަށް. ކޭން ޔޫ ކަމް އަހަރެން މި ފޮނުވާ ގެސްޓް ހައުސްއަށް." ބަތޫލް ވިސްނުން ތެރިކަމާއެކު އޭނާގެ ވާހަކަ ބައްޓަން ކުރަމުން ގެންދިޔައެވެ.

"އެކަމަކު!" އަރްޒަން ފުރަތަަމަ ދެކޮޅު ހެދިއެވެ.

"އަރްޒަން ބޭނުން ނޫނިއްޔާ އޯކޭ އޭ..." ބަތޫލް އޭނާގެ ގޮތުގައި ހިފައްޓައިލުމުން އަރްޒަންއަށް މަޖުބޫރުވީ އެންމެ ފަހުން ހަތިޔާރު ބަހައްޓާށެވެ. އެހެން ނޫނަސް އޭނާ ޒީޝާންގެ ޙައްްުޤުގައި އެވަރު ކަމެއް ކުރުމަކުން މައްސަލައެއް ނޫންތާއެވެ. އަރްޒަން އޭނާގެ ހިތަށް ވިސްނައިދިނީ އުނދަގުލުންނެވެ. އޭރުވެސް ހިތުގެ އެއްކަނަކުން ބަތޫލް ކައިރިއަށް ނުދިއުމަށް ސިގްނަލް ދެމުން ދިޔައެވެ. އެކަމާހެދި އަމިއްލަ ނަފުސުގެ މައްޗަށް އަރްޒަންއަށް ބާރު ފޯރުވުނީ އުނދަގުލުންނެވެ.

ރީތިވެގެން އޭނާ ގެއިން ނުކުތީ ޒީޝާންއަށް ދޮގު ހަދާފައެވެ. ކާރަށް އަރާ އޭނާ ހަމަޖެހިލުމާއެކު އަރްޒަން ލީ ފުންނޭވާއެކެކެވެ. ދަރުބާރުގެ ކައިރީގައި ހުރި ދަ އިން ގެސްޓް ހައުސްގެ ކުރިމައްޗަށް ކާރު ހުއްޓައިލުމަށްފަހު އެތަނުގެ އެއްފަރާތުގައި ކާރު ޕާކުކޮށްފައި އަރްޒަން ގެސްޓް ހައުސްގެ ތެރެއަށް ވަންނަން ހިނގައިގަތެވެ. ޖެހެމުން ދިޔަ ވައިރޯޅިތަކުގައި ތެތްފިނިކަން އެކުލެވެއެވެ. ހިސާބަކަށް ފިނިވާގޮތްވި އަރްޒަންފުން ނޭވާއެއް ދޫކޮށްލިއެވެ. ނަފުސުގައި އުފެދުގެން އުޅޭ އުދާސްކަން ވެސް ކުޑަ އެއް ނޫނެވެ. ޚާއްސަކޮށް އެކަނި މާއެކަނި ބަތޫލްއާ ބައްދަލުކުރަން އުޅޭތީ އެކަމާ ވެސް އޭނާ ހުރީ ކަންބޮޑުވެފައެވެ. ޒީޝާންއަށް ސިއްރުން އެ ކުރެވެނީ ރަނގަޅުކަމެއް ނޫންކަމަށް ސިކުނޑީގެ އެއްކަނަކުން އޭރުވެސް ގޮވަމުން ދިޔައެވެ.

ގެސްޓް ހައުސްއަށް ވަދެ ރޫމްއާއި ދިމާލަށް މިސްރާބުޖެހި އަރްޒަންގެ ހިތް އިތުރަށް ދިޔައީ ނުތަނަވަސްވަމުންނެވެ. އަނބުރާލާފައި ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެއިން ކޮންމެ ފަަހަރަކު ކުރިއަށް ފިޔަވަޅު އަޅަން މަޖުބޫރުވަނީ ޒީޝާން މަތިން ހަނދާންވެފައެވެ. ބަތޫލް ގެ އަތުގައި ވެސް އެއްވެސް ކަހަލަ މައުލޫމާތެއް ވާނަމަވެސް އޭނާ އެ މައުލޫމާތެއް ބޭނުމެވެ. އެއީ ޒީޝާންގެ ފުރާނައާއި ގުޅިފައިވާ ކަމަކަށް ވާތީއެވެ. އެހެންނޫނީ އޭނާ ދުވަހަކުވެސް ބަތޫލްއާއި ބައްދަލެއް ނުކުރާނެއެވެ. އެކި ގޮތްގޮތުން އޭނާ ހިތަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެވަރުންވެސް އެ ހިތުގައި ވި ނުތަނަވަސްކަން ދުރުވިހެނެއް ހިއެއްނުވެއެވެ.

ކޮޓަރީގެ ދޮރުގައި ޓަކި ޖަހައިލުމާއެކު ބަތޫލް އެތެރެއިން ދޮރު ހުޅުވައިލިއެވެ. ބަތޫލް ލާފައި ހުރީ ކަކުލުން ކިރިޔާ ތިރިއަށް އަންނަ ވަަރުގެ ބާރު ހެދުމެކެވެ. އިސްތަށިގަނޑު އޮތީ ހާމައަށް ދޫކޮށްލާފައެވެ. ކޮށްފައިވަނީ ގަދަ މޭކަޕެކެވެ. އެއީ އަދިވެސް ހަމަ އެ ބަތޫލްއެވެ. ބަތޫލްގެ އެއްވެސް ސިފައަކަށް ބަދަލެއް ނާދެއެވެ. އެކަމަކު މިފަހަރަކު ބަތޫލް ފެނިގެން އަރްޒަންގެ ހިތަށް އާދަޔާ ހިލާފް އަސަރެއް ނުކުރިއެވެ. އޭނާގެ ހިތަށް ވެރިވީ ފާޑެއްގެ ފޫހިކަމެކެވެ.

"އަހަރެން ދެކެ އެހާވެސް ފޫހިވޭތަ؟" ބަތޫލް އަރްޒަންގެ މޫނުގެ ކުލަވަރު ދެނެގަންނަމުން ބުނެލުމާއެކު ހިސާބެއްގެ ހާސްކަމެއް އަރްޒަން އަށް ލިބުނެވެ.

"އަހަންނަށް ޒޭން އެނގޭވަރަށް އެނގޭނެ އެއްވެސް މީހަކު ނުހުންނާނެ" ބަތޫލް ފަޚުރުވެރިކަމާއެކު އެހެން ބުނެލާ އަރްޒަން ވަންނަން ތަންދެއްކިއެވެ.

ދެ ވިސްނުމެއްގައި ހުރެފައި އަރްޒަން އެތެރެއަށް ވަނެވެ. އެއްފަރާތުގައި ހުރި ވަށް މޭޒު ކައިރީގައި ދެ ގޮނޑި ބަހައްޓާފައި ހުއްޓެވެ. ބަތޫލް އެއް ގޮނޑީގައި އިށީންނަމުން އަނެއް ގޮނޑީގައި އިށީންނަން އަރްޒަންއަށް ދައުވަތު ދިނެވެ.

"އަހަރެން މިތަނަށް މިއައީ ފަހަރެއްގައި ވެސް ބަތޫލްއާ ބޭކާރު ވާހަކަ ދައްކާކަށް ނޫން. ބަތޫލްއަށް އެނގޭ އެއްޗެއް ވިއްޔާ އަވަހަށް އަހަރެން ކައިރީގަ ބުނޭ. އަހަންނަށް ޓަކާ އިންތިޒާރު ކުރާ މީހަކު މިހާރު ހުންނާނެ." އަރްޒަން ބުނެލިއެވެ.

"ހާދަ އަވަސް އަރުވާލައިގެން؟" ބަތޫލް ލުއި ހުނުމަކާއެކު ބުނެލިއެވެ.

"ފެންފޮދެއް ބޮއިލަބަލަ. ހަމަޖެހިލާ. އަޑު އަހަން އުނދަގޫވާފަދަ ވާހަކަތަކެއް އަހަރެން މި ދައްކަނީ" އެއްފަރާތުގައި ހުރި ފެންފުޅީން އަރްޒަންއަށް ފެންތައްޓެއް އަޅައިދެމުން ބަތޫލް ބުނެލިއެވެ. އޭނާވެސް ފެންތައްޓެއް އެޅިއެވެ. އަރްޒަން ފުންނޭވާއެއް ދޫކޮށްލާ ފެންތަށި ބޮއިލީހަމަޖެހިލުމުގެ ބޭނުމުގަ އެވެ.

ބަތޫލް އޭނާގެ އަމިއްލަ ވާހަކަ ދައްކަން ފެށުމުން އަރްޒަންއަށް އުނދަގޫވިއެވެ.

"ކިހާ ދެރަކަމެއްތަ؟ އަމިއްލަ ވާހަކަ ދައްކަންތަ އަހަރެން މިތަނަށް ތިގެއަނީ. އެހެންވިއްޔާ އަހަރެން ދަނީ" އޭރު އަރްޒަންގެ ބޮލުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުއްޓެވެ. ހިނދެއް ހިނދަކަށް އެ ތޫނު ރިހުން ގަދަވަމުން ދިޔަ ހެން އޭނާއަށް ހީވިއެވެ. ބަތޫލްއަށް ރުޅިވެރި ނަޒަރެއް ދީފައި އަރްޒަން ހިނގައިގަންނަން އުޅުނު ވަގުތު ލޯ މައްޗަށް އަނދިރިވެ އޭނާ އަރި އަޅައިލިކަން އެނގުނެވެ. ދެން ވީ ގޮތެއް ނޭނގުނެވެ. ހޭލެވުނު އިރު އޭނާއަށް އޮވެވުނީ އަރާމުތަންމައްޗެއްގައެވެ. ސީލިންގަށް ނަޒަރު ހުއްޓާލައިގެން އަރްޒަން އަށް އިރުކޮޅަކު އޮންނަން މަޖުބޫރުވީ ބޮލަށް ބަރުވެފައި ހުރިލެއްކބޮޑުކަމުންނެވެ. ހަށި ފުރާ ލޯ ނޭވާއާއެކު އޭނާ ތެދުވެ އިށީނދެލާ ބޮލުގައި ހިފައްޓައިލިއެވެ. އޮވެވުނު ތަން ރޭކާލީވެސް ދެނެވެ. ދެލޯ ބޮޑުކޮށްލުމާއެކު އޭނާ އަށް އެއްފަރާތް ބަލައިލެވުނީ ކައިރީގައި މީހަކު އޮތްފަދަ އިޙްސާސްއަކާ އެކުގައެވެ. ކައިރީގައި އޮތް ބަތޫލް ފެނި އަރްޒަންއަށް އެނދުން ފުންމައިގެން ތެދުވެވުނެވެ. ކޮޓަރި ތެރެއަށް ބަލައިލުމާއެކު އޭނާއަށް ފެނުނީ އެތަން މިތަނަށް އުކާފައިވާ އަންނައުނެވެ. ބޮލުގައި އަތް އަޅައިގެން ހުރެ އަރްޒަން ފާޚާނާއާ ދިމާލަށް ހިންގައިގަތްއިރު އޭނާއަށް ހުރެވުނީ ނުތަނަވަސްކަމެއްގައެވެ. ރޭގައި ވީ އެއްވެސް ކަމެއް އޭނާގެ ހަނދާން ނެތީ ކީއްވެހެއްޔެވެ؟

ފާޚާނާއިން ނުކުތް އިރު ބަތޫލް އިނީ އެނދުމަތީގައި އިށީނދެއެވެ.

"ޒޭން" އެ ތުންފަތް މަތީގައި ވަނީ މައުނަވީ ހިނިތުންވުމެކެވެ.

"ވަޓް ޑިޑް ޔޫ ޑޫ ޓު މީ؟" އަރްޒަން އަށް އަހައިލެވުނެވެ.

"ޒޭން އަކަށް ނޭނގޭތަ؟" ބަތޫލް ކޮޓަރިތެރެއަށް އަވަސް ނަޒަރެއް ދެމުން އަހައިލިއެވެ.

"ކީއްކުރީ ކަލޭ އަހަންނަށް"އަރްޒަން އަށް ހަޅޭއްލަވައިގަނެވުނެވެ. އައިސްފައިހުރި ރުޅީގައި އަތުން ފައިން ގޯހެއް ހެދިދާނެތީ އަރްޒަން ބޭނުންވީ އަވަހަށް އެތަނުން ނުކުންނާށެވެ. ބަތޫލް އޭނާގެ އަތުގައި ހިފެއްޓުމާއެކު އެ އަތް ފޮޅުވާލާފައި އަރްޒަން ކުރިއަށް ހިނގައިގަންނަން މަސައްކަތް ކުރި ނަމަވެސް ލޮލަށް އަނދިރިވެ އަނެއްކާވެސް އޭނާއަށް ބޮލުގައި އަތް ޖައްސާލަން މަޖުބޫރުވިއެވެ.

"އާހް" ވޭނީ އާހެއްގެ އަޑު ބޭރުވުމާއެކު އޭނާއަށް ލޯ މައްޗަށް ފުސްވެ، ލޮލުގައި ވެސް އަތް އުނގުޅައިލެވުނެވެ. މީހާ ހަމައަކަށް އެޅިލުމާއެކު އަރްޒަން ހިނގައިގަތެވެ.

"ޒޭން... ތީ ހަމައެކަނި އަހަރެންގެ މީހެއް. ހަނދާންކުރާތި. މި ފޮޓޯތައް އަހަރެން ޒީޝާންއަށް ނުފޮނުވާނެ އެއްވެއް ގޮތެއް ނޯންނާނެ!" ބަތޫލް އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތެވެ. އަރްޒަން އެނބުރި ބަލައިލިއިރު ބަތޫލް ހުރީ އޭނާއާއެކު ބަތޫލް ނަގާފައިވާ ފޮޓޯތައް ހިފައްޓައިގެންނެވެ.

"މި ބަލާލާފައިވެސް، ޒީޝާން އަރްޒަން ދެކެ ރުޅި އަންނާނެ. ކާކު މިޒަމާނުގައި އެހާ މީހަކަށް އިތުބާރު ކުރާނީ؟" ބަތޫލްގެ އަޑޫގައި ވަނީ ބޮޑާ ކަމެވެ. އަރްޒަން އެ ފޮޓޯތައް ބަތޫލްގެ އަތުން އަތުލުމަށްފަހު ބޮޑުކޮށްލާ ވީދާލިއެވެ.

"ޒޭން ހީކުރީތަ އެ ފޮޓޯތައް ވީދާލީމަ އެ ހިސާބުން ހުރިހާކަމެއް ނިމުނީކަމަށް. ބައިދަވޭ... ރާކިން އަތުގައި އަދިވެސް އެ ފޮޓޯ ތައް އެބަހުރި" ބަތޫލް ބުނެލިއެވެ.

"ރާކިން؟" އަރްޒަންގެ އަޑުގައި ހިސާބެއްގެ ހައިރާންކަމެއް ވިއެވެ.

"ޔެސް. ވީ ބޯތް ޕްލޭންޑް ދިސް ޓުގެދަރ. ޒޭން އަހަރެމެން ބުނާގޮތަށް ކަންތައް ނުކޮށްފިއްޔާ މި މުި ދުނިޔެއަށްވެސް ލީކް ކޮށްލާނަން. ޒީޝާންއަށް ވެސް. އޭރުން ދެންވާނީ ކިހިނެއް؟"

ބަތޫލް ބުނެލިއެވެ. އަރްޒަން ދަތްކުނޑު ވިކައިލަމުން އެތަނުން ނުކުމެގެން ދިޔައީ އޭނާ ހަމަރަނގަޅަށް ވެސް ބަތޫލްގެ ވަކިތަކުގައި ހައްޔަރުވެއްޖެކަމުގައި ބުނެ އަމިއްލަ ނަފްސަށް އަޑުލަމުންނެވެ.

*****

"އަހަރެން ހިތަކަށް ވެސް ނާރާ ރާކިން އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެޔެކޭ..."އަރްޒަންއަށް ބުނެވުނެވެ.

"ޒޭން ކީކޭ ތިކިޔަނީ؟ އަރްޒަން އަމިއްލަ އިޚްތިޔާރުގައި ބަތޫލް ކައިރިއަށް ދިޔައީ. އެވެސް ޒީޝާންއަށް ދޮގު ހަދާފަ" ރާކިން ބެލީ އަދިވެސް އެތަނުގައި ހަމަނުޖެހުމެއް އުފައްދާށެވެ. އޭނާ ހުރީ ބާޒީއޭނާއަށް ކާމިޔާބު ކުރެވޭނޭކަމަށް ޔަޤީންކޮށްގެންނެވެ. ކޮންމެވެސް ހިސާބަކުން ޒީޝާން އަރްޒަންއަށް ޝައްކުކުރާނެކަން ވެސް ޔަޤީންކޮށްގެންނެވެ.

*****

ނިދަން އޮށޯވެ އޮތް ފިރާޤުގެ ލޮލާ ނިދިވަނީ ދުރުވެފައެވެ. މިރޭ އޭނާއަށް ކުރީގެ ހަނދާންތައް މާ ބޮޑަށް އުނދަގޫ ކުރަނީއެވެ. އެ ޚިޔާލުތަކުން ސަލާމަތްވާންވެގެން ކިތަންމެ މަސައްކަތެއް ކުރިނަމަވެސް އޭނާއަށް އާދަޔާ ޚިލާފު އުނދަގޫތަކެއް ވަނީއެވެ. ޚިޔާލުތަކާ ޖަދަލުކުރިޔަސް، އޭނާގެ ސިކުނޑީގައި އެ ޚިޔާލުތައް ވަކި ހިއްޕައިލަމުން ދިޔައީ ބާރުމިނުގައެވެ.

*****

އެއީ މީގެ އަހަރުތަކެއް ކުރިއެވެ. ފިރާޤު ދިރިއުޅެމުން ދިޔައީ އައްޑު އަތޮޅު ހިތަދޫގައެވެ. އެއީ އަލަށް މީހުން އާބާދުވާން ފެށި ހިސާބެއްކަމުން އެ ހިސާބުގަނޑުގައި ގަސްތައް ގިނައެވެ. ލައިޓްތައް ވެސް ފުދޭވަރަކަށް މަދެވެ. މީހުން އުޅޭ ގެތަކުގެ ތެރެއިން އެންމެ ބިއްދޮށަށް ހުންނަނީ ވެސް ފިރާޤުމެން ގެއެވެ. އާދައިގެ މަތިން ފިރާޤު އިނީ ސިޓިން ރޫމުގައި ހުންނަ މޭޒުކައިރީގައެވެ. އޭރުވެސް ކޮންމެވެސް ފޮތްތަކެއް ހުޅުވާފައި ހުއްޓެވެ. އެއީ އާދައިގެ ގޮތަަކަށް ހަދާފައި ހުރި ގެއެކެވެ. ބޮޑު ކޮޓަރީގައި ހުރީ ސަރަންފީއަކާއި އެނދެކެވެ.

ބޯކޮށް ވެހެމުން ދިޔަ ވާރޭގެ ސަބަބުން ކަންނޭނގެއެވެ. މުޅި އެހިސާބުގަނޑުގައި ވެސް މިރޭ ކަރަންޓެއް ނެތެވެ. ހަނދުވަރުވެސް ނުދޭތީ މުޅި ހިސާބުގަނޑަށް ވެރިވެފައިވަނީ ކަޅުފޮއި އަނދިރިކަމެވެ. ބައެއް ގެތަކުގެ ތެރޭގައި ދިއްލާފައި ހުރި ފުޅި ބައްތިއަކުން ނުކުންނަ ފަނޑު އަލިކަމެއް މެނުވީ އެއްވެސް އަލިކަމެއް ނުވެއެވެ. ބައެއްފަހަރު ވިދާލާ ވިދުވަރާއެކު ޖަހާ ގުގުރީގެ އަޑުން ކަންފަތުގައި އަތް އަޅާލަން ޖެހޭ ފަހަރުވެސް މަދެއްނޫނެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. ބަލާބެލުމަށް ތޫފާން އަވަހަށް މައިތިރި ވާހެނެއް ވެސް ހިޔެއްނުވެއެވެ.

ފުޅި ބައްތީގެ އަލީގައި ފިރާޤު ދިޔައީ އޭނާގެ ފޮތްތަކުން ކޮންމެވެސް އެއްޗެއް ހޯދަމުންނެވެ. ފޮތްތަކުގައިވާ އެއްޗަކަށް ސަމާލުކަންދީގެން އިންދާ އޭނާއަށް ސިހުން ނެގުނީ ކުއްލިއަކަށް އެގޭ ދޮރުފަތުގައި ވަރަށް ބާރަށް މީހަކު ޖެހިގަތް އަޑަށެވެ. ޓިނުން ހަދާފައިވާ ދޮރުފަތެއްކަމުން އެ އަޑު އައީވެސް ފުދޭވަރަކަށް ބާރަށެވެ. އަތުގައި އޮތް ގަލަން ވެސް ދޫވެ ފިރާޤަށް ހިސާބެއްގެ ސިހުމެއް ލިބުނެވެ.

އޭނާ ހަރަކާތްތައް މަޑުޖައްސައިލިއެވެ. އެމީހަކު އަނެއްކާވެސް ދޮރުގައި ތަޅައިގަތެވެ. މި ވިއްސާރަރޭ އެތަނަށް އަންނާނީ ވެސް ކާކުބާއޭ ފިރާޤުހިތަށް އެރިއެވެ. އޭނާ ގޮނޑިން ތެދުވެގެން ގޮސް ދޮރުފަތް ހުުޅުވައިލިއެވެ. ކުރިމަތީގައި ހުރި މީހާ ހުރި ހާލަތު ފެނި އޭނާއަށް ވެސް ހައިރާންކަމެއް ލިބުނެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު