ލުބްނާނުގެ ޖަލަކުން 69 ގައިދީން ފިލައި، ފަސް ގައިދީއަކު މަރުވެއްޖެ

ލުބުނާނުގެ ޖަލަކުން ފިލައިގެން ދިޔަ ހަ މީހަކު ތިބި ކާރެއް އެކްސިޑެންޓުވެ، ފަސް މީހަކު ވަނީ މަރުވެފަ -- ފޮޓޯ: ރޮއިޓާސް

ބޭރޫތު (ނޮވެމްބަރު 21): ލުބުނާނުގެ ޖަލަކުން 69 ގައިދީން ފިލައި، އޭގެ ތެރެއިން ފަސް ގައިދީއަކު ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެ އެވެ.

ލުބުނާނުގެ ބައަބްދާ ސިޓީގެ ޖަލަކުން އިއްޔެ ގައިދީންތަކެއް ފިލީ ޖަލު ގޮޅިތަކުގެ ދޮރުތައް ހަލާކުކޮށްލައިގެންނެވެ. އަދި ފިލި މީހުންގެ ތެރެއިން ހަ މީހަކު ކާރެއް ވަގަށް ނަގައިގެން ފުލުހުންނަށް ފިލަން މަސައްކަތް ކުރި އެވެ. ނަމަވެސް އެ ކާރު ކޮންޓްރޯލުން ނެއްޓިގެން ގޮސް ގަހެއްގައި ޖެހުމުން ފަސް މީހަކު މަރުވެ، އެކަކަށް އަނިޔާވި އެވެ. އަދި އަނިޔާވި މީހާ ވަނީ ހައްޔަރުކޮށްފަ އެވެ.

ލުބުނާނުގެ ދައުލަތުގެ މީޑިއާ އެންއެންއޭއިން ބުނި ގޮތުގައި ޖަލުން ފިލި މީހުންގެ ތެރެއިން 15 މީހަކު ހޯދުމަށް ފަހު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ބާކީ މީހުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ލުބުނާނުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން ފަށާފަ އެވެ. އަދި ގައިދީން ފިލަން ކުރި މަސައްކަތުގައި ޖަލުގެ ގާޑުންތަކެއް އެހީތެރިވި ކަމަށް ބެލެވޭ ކަމަށް އެގައުމުގެ ޕްރޮސެކިއުޓަރަކު ވިދާޅުވި އެވެ.

މި އަހަރުގެ ކުރީކޮޅު އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ ލުބުނާނުގެ ތޮއްޖެހިފައިވާ ޖަލުތަކުގައި ކޮވިޑް-19 ފެތުރުމާ ބެހޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ބައެއް ޖަލުތަކުގައި ގައިދީންނާއި އެ މީހުންގެ އާއިލާގެ މެމްބަރުން ވަނީ އެ މީހުން ދޫކޮށްލުމަށް ގޮވާލާ މުޒާހަރާކޮށްފައި ކަމަށް އެގުރޫޕުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް